twitterviber whatsapp telegramfacebookyoutube instagram
21st May 2019

ރިސޯޓް އޯނަރުން މަޖިލީހަށް އިންތިހާބުކޮށްގެން ރިސޯޓް މުވައްޒަފުންގެ ހައްގުތައް ހިމާޔަތެއް ނުކުރެވޭނެ: ޔާސިރު

Jan 25, 2019

ރިސޯޓް އޯނަރުން ނުވަތަ އެބޭފުޅުން ހަރަދުކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުކުރާ މެމްބަރަކަށް ރިސޯޓްތަކުގެ މުވައްޒަފުންގެ ހައްގުގައި މަސައްކަތެއް ނުކުރެވޭނެކަމަށާއި އެކަން ބަދަލުކުރަން ޖެހިފައިވާކަމަށް ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީ ޓިކެޓް ކާމިޔާބުކުރެއްވި ޔާސިރު އަބުދުލްލަތީފް ވިދާޅުވެއްޖެ އެވެ.

ޔާސިރު/ޖަމްސީދަށް ލިބުނު ކާމިޔާބު ފާހަގަކުރުމަށް ރޭ ކުޅުދުއްފުށީ ބަންޑާރަމައިދާންގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޔާސިރު ވިދާޅުވީ ތައުލީމު ހޯދައިގެން އެތަކެއް ޒުވާން ވަޒީފާ ނުލި ތިއްބެން ޖެހިފައިވާ ކަމަށާއި އެކަމަކު އެހެން ތިބެން ޖެހިފައިވަނީ ރާއްޖޭގައި ވަޒީފާ ނެތިގެން ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ޓޫރިޒަމްގެ ސިނާޔަތު ރާއްޖޭގައި ފެށި 46 އަހަރުވެފައިވާއިރު 132 ރިސޯޓެއްގައި ސާޅީހާސް މުވައްޒަފުން މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އޭގެ ތެރޭގައި ދިވެހިންގެ ނިސްބަތްތަކީ އެންމެ 40 އިންސަތަކަމަށް ޔާސިރު ވިދާޅުވި އެވެ.

ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ދިވެހިންނާއި ބިދޭސީން މުވައްޒަފުންގެ މެދުގައި ގެންގުޅޭ ތަފާތުކުރުން ފާހަގަކުރަމުން ޔާސިރު ވިދާޅުވީ ދާއިރާގައި ކިޔަވައިގެން ތިބި ގާބިލު މީހުން ތިބިއިރު 132 ރިސޯޓްގެ ތެރެއިން ޖެނެރަލް މެނޭޖަރުންގެ ގޮތުގައި ދިވެހިން ތިބީ އެންމެ 18 ރިސޯޓްގައި ކަމަށެވެ.

ކަސްޓަމްސްގެ ދާއިރާގައި ގިނަ ދުވަހު ހިދުމަތް ކޮށްފައިވާ ޔާސިރު ވިދާޅުވީ ޓޫރިޒަމްގެ ގާނޫނުން ލާޒިމްކުރާ މިންވަރަށް ސާވިސް ޗާޖު ދޭ ރިސޯޓްތައް ވަރަށް މަދު ކަމަށެވެ. އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަންގެ މެމްބަރަކަށް 2009 ވަނަ އަހަރު ދިވެހި ރާއްޖެވުމަށް ފަހުގައި އިންޑަސްޓްރޭޝަން ރިލޭޝަންގެ ބިލެއް 2011 ވަނަ އަަހަރު އެކުލަވާލެވި ތިން ފަހަރެއްގެ މަތިން މަޖިލީހަށް ވެއްދުމުން ތިން ފަހަރުވެސް އެ ބިލްވަނީ މަޖިލީހުން ބޭރުކޮށްލާފައިވާ ކަމަށާއި މިހެން މިކަންތައްތައް ވަނީ ކީއްވެތޯ ރައްޔިތުން ވިސްނަށް ވެއްޖެ ކަމަށެވެ.

“ތިބޭފުޅުން ސުވާލު އުއްފަދަވާ ކީއްވެގެންތޯ މިހެން ވާންވީ. އަޅުގަނޑު ވަރަށް ކެރިހުރެ މިދަންނަވަނީ ވިޔަފާރިވެރިން، ރިސޯޓް އޯނަރުން އެތަނުގައި ތިއްބައިވެގެން އެބޭފުޅުން ބޭނުމެއް ނުވޭ އެކަމެއް ކުރާކަށް. މިއީ ހަގީގަތަކީ. މިވާހަކަ ދައްކާތީވެ އަޅުގަނޑުމެން އެ ބޭފުޅުންނަށް ކަމު ނުދަނީ.” ޔާސިރު ވިދާޅުވި އެވެ.

ރިސޯޓްތަކުގައި ދިވެހިންނާ ދޭތެރޭ ކަންތައް ކުރަމުންދާ ގޮތުގައި ވާހަކަ އަބަދުމެ ދަނީ އަޑު އިވެމުން ކަމަށާއި ނަމަވެސް އެކަމަށް ހައްލެއް ނުގެނެވިގެން މިއުޅެނީ ކީއްވެގެން ކަން މިއަދު ސުވާލު އުއްފަދަން އެބަޖެހޭ ކަމަށެވެ. އަދި އެކަމާ ރައްޔިތުން ވިސްނާ ހައްލު ހޯދުމަށް މަސައްކަތް ކުރުމަށް ޔާސިރު އެދިލެއްވި އެވެ. މިދަނޑިވަޅީ އަނެއްކާވެސް ރައްޔިތުންނަށް ބަސް ބުނުމަށް ފުރުސަތު ލިބޭ ވަގުތެއްކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ މިހާރުވެސް ބައެއް ފަރާތްތަކުން އުންމީދުތައް ގެއްލުވާލަން މަސައްކަތް ކުރަމުންދާ ކަމަށާއި ނަމަވެސް މިމަސައްކަތް ކުރާނީ އެންމެ އެކުގައި ކުރާ މަސައްކަތެއްގެ ގޮތުގައި ކަމަށެވެ.

ޔާސިރު ވިދާޅުވީ މިހާރު މިއޮތީ އުންމީދީ ސަރުކާރެއް ކަމަށާއި މަޖިލިހުގެ ތެރެއިން ސަރުކާރާ ގުޅިގެން ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކޮންމެ މަސައްކަތް ކުރުމަށް ތައްޔާރަށް ތިބި ކަމަށެވެ. މި ޖަލްސާގައި ޔާސިރު އާއި ޖަމްޝީދުގެ އިތުރުން ޔާސިރުއާއެކު ޕްރައިމަރީގައި ވާދަކުރެއްވި އަބުދުލް ރަޝީދު އާދަމް، ލަބީބު މޫސާ އަދި މުހައްމަދު އަބުދުލްރަހްމާން ވަނީ ބައިވެރިވެލައްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355