twitterviber whatsapp telegramfacebookyoutube instagram
23rd July 2019

އަތޮޅުވެރިކަން ނޮޅިވަރަންފަރަށް ބަދަލުކުރުމަށް ހުރި ފުރުސަތުތައް ރައީސްއާ ހިއްސާކޮށްފި

Jan 31, 2019

ކުޅުދުއްފުށީ ސިޓީއަކަށް ބަދަލުވެގެން ދިޔުމަށްފަހު ހދ އަތޮޅުގެ ވެރިކަންކުރާ ރަށެއްގެ ގޮތުގައި ނޮޅިވަރަންފަރު ހަމަޖެއްސުމަށް ހުރި ފުރުސަތުތައް އެރަށު ކައުންސިލުން ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހްއާ ހިއްސާކޮށްފި އެވެ.

ހދ އަތޮޅުވެރިކަން ފުރަތަމަކޮށްފައިވަނީވެސް ނޮޅިވަރަންފަރުގަ އެވެ. އަދި ތިލަދުންމަތި ބައި ނުކުރާއިރުވެސް ވެރިކަން ކުރީ ނޮޅިވަރަންފަރުގަ އެވެ. ރައީސުލް ޖުމްހޫރިއްޔާ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ނޮޅިވަރަންފަރު ކައުންސިލުން ވަނީ އެރަށަށް އަނބުރާ އަތޮޅުވެރިކަން ބަދަލުކުރުމަށް ހުރި ފުރުސަތުތައް ރައީސްއާ ހިއްސާކުރައްވާފަ އެވެ.

ނޮޅިވަރަންފަރު ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކޮށްލެއްވުމުގެ ފުރުސަތު ދެއްވިކަމަށްޓަކަ އެމަނިކުފާނަށް  ޝުކުރުއަދާކުރައްވައިފަ އެވެ. އަދި ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ރަށަށް ބޭނުންވެފައި ހުރި ކަންކަމުގެ މަޢުލޫމާތާއި ރަށް ކުރިއެރުވުމުގައި ދިމާވާ ދަތިތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރައްވައިފައެވެ.

މިބައްދަލުކުރެއްވުމުގައި ކައުންސިލު މެންބަރުން ވަނީ ރަށުގައި ފަތުރުވެރިކަމުގެ ސިނާއަތް ތަރައްޤީ ކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވައި އެ މަސައްކަތް ކުރެވިދާނެ ގޮތްތަކާއި މެދު މަޝްވަރާކުރައްވައިފައެވެ. މީގެއިތުރުން ރަށުގެ ދަނޑުވެރިން ހައްދާ ބާވަތްތައް ވިއްކޭނެމަގު ތަނަވަސްކޮށްދެއްވުމަށް ކައުންސިލް މެންބަރުން އެދި ވަޑައިގެންނެވިއެވެ.

ކައުންސިލް މެންބަރުން އިތުރަށް ދެއްކެވި ވާހަކަފުޅުގައި ނޮޅިވަރަންފަރު ސްކޫލުގެ ޖާގައިގެ ދަތިކަމާއި، ޞިއްޙީ މަރުކަޒުގައި ލެބޯޓަރީ ނެތުމުން ދިމާވާ ދަތިތައް ރައީސުލްޖުމްހޫރިއްޔާއާއި ހިއްސާކުރެއްވިއެވެ. މީގެއިތުރުން ނޮޅިވަރަންފަރު ކައުންސިލު މެންބަރުން ވަނީ އެރަށަށް ބަދަލުކުރެވިފައިވާ އެހެން ރަށްރަށުގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައާއި އެމީހުންނަށް މާލީ އެހީތެރިކަމެއް ފޯރުކޮށްދިނުމުގައި ސަރުކާރުން އެހީތެރިވެ ދިނުމަށް އެދިވަޑައިގެންފައެވެ.

މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ނޮޅިވަރަންފަރު ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރެއްވުމަށްފަހު އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވާނެކަމުގައި ވިދާޅުވި އެވެ.  މިބައްދަލުކުރެއްވުމުގައި ނޮޅީވަރަންފަރު ކައުންސިލްގެ ރައީސް ރައީސް އަހުމަދު އިބުރާހިމް އަދި އިތުރު މެމްބަރުން ވަނީ ބައިވެރިވެލައްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355