twitterviber whatsapp telegramfacebookyoutube instagram
20th February 2020

ފިނި މައިޒާންތަކާއި ޕާރކްތައް ނެތީމަވެސް ޝަކުވާކުރަނީ ހަމަ އަހަރެމެން !

Feb 25, 2019

ނިމިގެން މިދިޔަ ރައީސް ޔާމީންގެ ވެރިކަމުގައި މާލޭގެ އެކި ސަރަހައްދުތަކުގައި ފިނި މައިޒާންތަކާއި ޕާރކްތައް ހެދި އެވެ. ބަޔެއް ފަރާތްތަކުން އެކަމަށް ފާޑުކިޔަސް، ތޮއްޖެހިފައިވާ މާލެއަށް އެތަންތަންވީ އާއިލާތައް ބަދަލިކޮށްދޭ ހިތްހައިމު މަންޒިލްތަކަކަށެވެ. ދަރިންނާއި ރައްޓެހިންނާއެކު އެތަންތަނުގައި އުފާވެރި މަޖާ ވަގުތުތައް ގިނަ ބަޔަކު ހޭދަކުރަމުންދަނީ ހިތްހަމަޖެހުމާއެކު އެވެ. ގޭތެރޭގައި ބޯހާސްވެ، އޮފީސްތަކުގައި ބުރަކޮށް އުޅުމަށްފަހު ގޮސް ތިބެލަން އެ މައިޒާންތައް ހަމަ އެހާމެ ފުރިހަމަ އެވެ. ހިތަށް ފިނިގެނެސްދެ އެވެ.

އެ ހިތްހަމަ ޖެހުމާ އުފާވެރިކަމަކީ ހަމަ ކޮންމެ މުޖުތަމައުއަކަށްވެސް ބޭނުންވާނެ ކަމެކެވެ. ވަކިން ހާއްސަކޮށް ތަރައްގީވަމުން އަންނަ ރަށްތަކަށް މުހިންމެވެ. ކުރީގައި ވިއްޔާ ފިނި މައިޒާންތަކުގެ ގޮތުގައި ބޭނުންކުރަމުންގޮސްފައިވަނީ އަތިރިމަތީގައި ހުންނަ ހޮޅުއަށިތަކެވެ. އެއީ އެކުވެރިކަން ބަދަހިކޮށްދީ އެއްބައިވަންތަކަމާ އުފާވެރިކަން ގެނެސްދިން ހިތްފަސޭހަ ތަންތަނެވެ. އެކަމަކު އެފަދަ ހޮޅުއަށިތައް ކުޅުދުއްފުށީ ކަހަލަ ރަށްރަށުގައި ދަނީ މަދުވަމުންނެވެ. ތަރައްގީގެ ނަމުގައި ހިންގާ މަޝްރޫއުތަކުގެ ހިޔަނި އެޅި އެފަދަ ތަންތަން ދަނީ ނެތެމުންނެވެ.

މިއީ މި ވާހަކަތައް ދައްކަން މިއީ ވަރަށް މުނާސަބަތު ދުވަސްވަރެކެވެ. ކުޅުދުއްފުށީގައި ކަހަލަ ބިމުގެ ޖާގައިގެން ދަތިކަން ބޮޑެތި ރަށްރަށުގައި ފިނި މައިޒާންތައް މަދެވެ. ހިތްހަމަ ޖައްސާލަން ދަރިފުޅު ގޮވައިގެން ގޮސް ތިބެލާނެ ތަނެއް މިރަށަކު ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. އެޝަކުވާވެސް ގިނަ ބަޔަކު ކުރެ އެވެ. ބޮޑު އާބާދީއެއްގައި ހުންނަނީ އެންމެ ކުޑަކުދިންގެ ޕާކެކެވެ. ފިނިކޮށްލަން ތިބެލަން ޒާތަކަށްވެސް އޮންނަނީ އާޓިފިޝަލް ބީޗް ސަރަހައްދުގައި ހުންނަ ޕާކެވެ. އެތަންތަނުންގެ ޑިމާންޑްވެސް ބޮޑެވެ. އަބަދު ކަހަލައިން އެތަންތަނުގައި މީހުން ތިބެ އެވެ. ހިތްހަމަ ޖައްސާލުމާއި އާއިލާ އާއި ރައްޓެހިންނާއެކު ވަގުތު ހޭދަކުރުމުގައި އެވެ.

އާރާމް ބަގީޗާ ހަލާކުކޮށްލުމުގެ ކުރިން އެތަނުގައި ބަޔަކު ހިތްހަމަ ޖައްސާލަނީ–

ކުޅުދުއްފުށި ވަނީ އެފަދަ ތަންތަނަށް އިންތިހާއަށް ބޭނުންވެފަ އެވެ. ހިތްހަމަ ޖައްސާލަންދާން އެފަދަ ތަންތަން މުހިންމެވެ. ކޮންމެ މުޖުތަމައުއެއްވެސް ފުރިހަމަވެގެންދާނީ އެފަދަ ތަންތަން ހުރެގެންނެވެ. އޮތް މަދު ބިންކޮޅު ފުރާލައިގެން ނުވާނެ އެވެ. މިތަނުގައިވެސް އުޅެނީ ރައްޔިތުންނެވެ. ހިތްހަމަ ޖެހުމާއި އުފާވެރިކަން ބޭނުންވެ އެވެ. ގަސްގަހާގެހީގެ ޤުދުރަތީ ރީތިކަމާއި އެ ހިތްހަމަ ޖެހުމަކީ ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް ރައްޔިތުންނަށް އުފާވެރިކަން ގެނެސްދޭ އެންމެ މުހިންމު ބައިވެރިޔާ އެވެ. މިކަމުގެ ހެއްކެއްގެގޮތުގައި ބަލާނަމަ ދުނިޔޭގެ އެންމެ ކުރިއަރަމުންދާ ސިޓީތަކުގައިވެސް ނަލަ މައިޒާންތަކާއި ޕާރކުތައް ދަނީ ހަދަމުންނެވެ. މާހިރުން ދެކޭގޮތުގައި ދުޅަހެޔޮ މުޖުތަމައުއަށް އެންމެ މުހިންމު އެއްކަށްޗަކީ ފެހި ޕާރކުތަކާއި މައިޒާންތަކެވެ.

މިރަށަށް ބަލާނަމަ އިސްރައްވެހިން ގޮސް ތިބެލާނެ ތަނެއްވެސް މިހާރަކު ނެތެވެ. އަދި އެހެން ބަޔަކުވެސް ގޮސް ތިބެލާނެ ތަންތަނެއް ނެތެވެ. އެފަދަ ތަންތަން މުހިންމުވެފައިވާ މިންވަރު އެނގިގެންދަނީ ހަވީރު އާއި ބަންދު ދުވަސްތަކުގައި ރަށުތެރޭގައި ބުރު ޖަހާލުމުންނެވެ. ކުޅުދުއްފުށީ ސިޓީއަކަށް ބަދަލުވާއިރު ދުޅަހެޔޮ މުޖުތަމައުއެއް ބިންކުރެވޭނީ ޕާރކުތަކާއި މައިޒާންތައް ހަދައިގެންނެވެ. މިކަމުގައި ރައްޔިތުންނާއި ކައުންސިލުން ވިސްނާލުން މުހިންމުކަމަށް ދެކެވެ. ރަށް އެއްކޮށް ފުރާލައި މުސްކުޅިވާ ދުވަހު ހިތްހަމަ ޖައްސާލުމަށް ދާނެ މައިޒާނެއް ނެތުމުން ނޫނިންޏާ ދަރިޔެއް ގޮވައިގެން ކުޅެލަންދާނެ ޕާރކެއް ނުވަތަ މައިޒާނެއް ނެތުމުން ނޫނަމަ ރޯދަމަހު ރޯދަކުރުކޮށްލަން ދަރިން ގޮވައިގެން މަޑި އަރުވަން ދާނެ މައިޒާން ނެތުމުން ޝަކުވާކުރުމަކުން ނުފުދެ އެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355