twitterviber whatsapp telegramfacebookyoutube instagram
23rd July 2019

ހަރުކަށިކަން އިސްނުކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

Feb 26, 2019

މުޖްތަމައުގެ ޞުލްހަ މަސަލަސްކަމާއި ހަމަޖެހުން ގެއްލޭ ފަދަ، ހަރުކަށި އަމަލުތަކަށް ހިތްވަރުދިނުމަކީ އެއްވެސް ބައެއްގެ މަސްލަހަތު ހުރި ގޮތެއް ނޫންކަމަށާއި، އެހެންކަމުން ހަރުކަށިކަން އިސްނުކުރުމަށާއި، ޤައުމުގެ ހަމަޖެހުން ނަގައިނުލުމަށް، ރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އިލްތިމާސްކުރައްވައިފި އެވެ.

އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ “ދަ ނޭޝަނަލް ހައި ލެވެލް ޑައިލޮގް އޮން ޕްރޮމޯޓިން ޕީސް އެންޑް ސެކިއުރިޓީ”ގެ ނަމުގައި މިއަދު ހޮޓެލް ޖެންގައި ކުރިއަށްދާ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެންމެންވެސް އެދެނީ ސުލްހަ މަސަލަސްކަމާއެކު ހަމަޖެހިގެން ދިރިއުޅެންކަމަށާއި، ސަރުކާރުން ކުރާ ކޮންމެ ކަމަކުން ހާސިލްކުރަން ބޭނުންވާ ނަތީޖާއަކީވެސް، ރައްޔިތުންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ހާސިލްކޮށްދިނުން ކަމުގަ އެވެ. އަމާންކަމާއި ހަމަޖެހުމުގެ ނިދީގައި ޣާފިލުވެފައި ތިއްބައި ފަރުދާގެ ފުރަގަހުގައި އެތައް ނުރައްކާތަކެއް އުފެދެއްމުން އަންނަ ކަމަށާއި އިސްލާމީ ސައްހަ އަޤީދާގެ މަތީގައި ދަރިން ތަރުބިއްޔަތުކުރުމުގައި އިހުމާލުވުމުގެ ސަބަބުން ދިވެހީންގެ އުފެދިގެން ނުވާނެ ހިޔާލު ތަފާތުވުންތަކެއް އުފެދެން ފާށާފައިވާކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އޭގެ ނަތީޖާ ބައްދަލުކުރާ އެއް ގޮތަކީ، ޞައްހަ އިސްލާމީ މަފްހޫމް އެއްފަރާތްކޮށް، ހަރުކަށި ވިސްނުމަށް ލެނބިގެން ދިޔުންކަމަށެވެ. އަނެއް ގޮތަކީ، ކަމުގެ ނުރައްކާތެރިކަމާ މެދު ވިސްނައިލުމެއް ނެތި، އިސްލާމް ދީނަށް ކުޑައިމީސް ކުރެވޭ ފަދަ ހިޔާލުތައް ފާޅުކުރުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ޒުވާނުންގެ ފިކުރަކީ ގައުމު ބިނާކޮށްދޭ ފިކުރަކަށް ހެދުމަކީ އެންމެންގެ ޒިންމާއެއްކަމަށާއި، ޒުވާނުންނާ މެދު މި ސަރުކާރުގެ ފުރަތަމަ އަމާޒަކީ، ރަނގަޅު ތައުލީމީ ޒުވާން ޖީލެއް ބިނާކުރުމުގައި ތައުލީމީ މަރުހަލާތައް ފުރިހަމަކުރަމުން އަންނަ އިރު، ކޮންމެ ޒުވާނަކީވެސް އިސްލާމީ ސައްހަ އަޤީދާގެ މަތީގައި ތަރުބިއްޔަތުވާ، ޚުލްޤު ހެޔޮ ޒުވާނަކަށް ހެދުންކަމުގައި ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހަރުކަށި ފިކުރުތަކަށް ތަބާވެ، އެކި ޤައުމުތަކުގެ ދާޚިލީ ހަނގުރާމަތަކުގައި ބައެއް ދިވެހީން ބައިވެރިވެ، ޓެރަރިޒަމްގެ އަމަލުތައް ހިންގަމުންދާކަމީ، މުޅި ދިވެހި މުޖްތަމައަށް ލިބޭ ވަރަށް ބޮޑު ދެރައެއްކަމަށާއި، މިއީ ރާއްޖޭގެ ދާޚިލީ ހަމަޖެހުމާއި ޞުލްޙައަށް، އަދި މުޅި ޤައުމުގެ އިޤްތިސޯދަށްވެސް ލިބޭ ވަރަށް ބޮޑު ގެއްލުމެއްކަމުގައި ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވާހަކަފުޅުދައްކަވަމުން ވިދާޅުވީ އެ ތަނެއްގައި ހަނގުރާމައެއް ހިނގަމުން ނުދާ ކޮންމެ ތަނަކީ، ސުލްހަ ޤާއިމްވެފައި އޮތް ތަނެއް ކަމަށް ޤަބޫލުކުރެވިފައި ވީނަމަވެސް ހަޤީޤީ ސުލްހައަކީ، އެތަނެއްގެ ރައްޔިތުންގެ މެދުގައި އުފެދިފައި އޮންނަ، އޯގާތެރިކަމާއި ލޯތްބާއި ހަމްދަރުދީކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވިގޮތުގައި ދޭދޭ ފަރުދުންގެ މެދުގައި ޞުލްޙަވެރިކަން ޤާއިމުނުކޮށް، އެހެން ބައެއްގެ ފަރާތުން ހޯދޭނެ ސުލްހައެއް ނޯންނާނެކަމަށެވެ. އަދި ދާޚިލީ ހަނގުރާމަތައް ހިނގަމުންދާ ތަންތަނުން ފެންނަމުން އެ ދަނީ މި ދެންނެވި ހަގީގަތް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355