twitterviber whatsapp telegramfacebookyoutube instagram
20th February 2020

ނޯޓުފޮތް: ދިރިއުޅެން އެކަށީގެންވާ ސިޓީއެއް ބިނާކުރުން

Feb 26, 2019
1

ލިޔުނީ: އ.އ

ދިރިއުޅެން އެކަށީގެންވާ ނުވަތަ ލިވަބްލް ސިޓީއެއް ބިނާކުރާނީ ކިހިނެއްހެއްޔެވެ؟ ދިރިއުޅެން އެކަށީގެންވާ ސިޓީއެއް ބިނާކުރުމުގެ ވާހަކަދެއްކުމުގެ ކުރިން، ދިރިއުޅުން އެކަށީގެންވުމޭ ބުނާބަހުގެ މާނަވެސް ކަނޑައަޅަންޖެހެ އެވެ. ކޮށްފައިވާ ދިރާސާތަކާއި، ޝާއިއުކޮށްފައިވާ، ލިޔުންތަކަށް ބަލާއިރު، ދިރިއުޅެން އެކަށީގެންވެޔޭ ބުނާ ސިޓީ ނުވަތަ މުޖުތަމައުތަކުގައި މައިގަނޑު ތިން ބަހާއެއް އެކުލެވެއެވެ. މި ބަހާތަކުގެ އަލީގައި ދިރިއުޅެން އެކަށީގެންވާ ނުވަތަ ލިވަބްލް ސިޓިއެކޭ ބުނާބަހުގެ މާނަ ކަނޑައެޅިދާނެއެވެ.

ފުރަތަމަ ބަހާއަކީ، އެސިޓީއެއްގައި އުޅޭ އެންމެނަށް ތަފާތުކުރުމެއްނެތި އެމީހުންނަކީ ސިޓީގެ ރައްޔިތުންކަމުގެ އިހްސާސްކުރެވުމެވެ. ތަފާތުކުރުމެއް ނެތި ހުރިހާ އެންމެނަށްވެސް މުޖުތަމައުގެ ކަންކަމުގައި ބައިވެރިވެވުމާއި، ހިދުމަތްތައް ދިނުމާއި ލިބިގަތުގެ ފުރުސަތު އޮތުމެވެ. ރައްކާތެރިކަމުގެ އިހުސާސާއި، އިޖުތިމާއިގޮތުން އެކަކުއަނެކަކާ ގުޅިފައި އޮންނަކަމުގެ އިހްސާސް ނުވަތަ ސޯޝަލް ކަނެކްޝަން އޮންނަކަމުގެ އިހުސާސް ކުރެވުމެވެ.

ދެވަނަ ބަހާއަކީ، ތިމާވެށިގެ ގޮތުން އެސިޓީއެއް ދެމެހެއްޓެނިވި ގޮތަކަށް އޮތުމެވެ. އެންވަރޮންމެންޓަލް ސަސްޓެއިނިބިލިޓީ އެތަނެއްގައި އޮތުމެވެ. މިއީ ވަރަށް މުހިންމު ކަމެކެވެ. ކުޅުދުއްފުއްޓަށް ބަލާއިރު، މިކަމަށް ދޭންވީ ސަމާލުކަން ނުދީފިނަމަ، ފަހުންކުރަން ޖެހޭނެ ހަރަދު ބޮޑުވެދާނެ އެވެ.

ތިންވަނަ ބަހާއަކީ، އެކަށީގެންވާ އަގެއްގައި، ތަފާތު ގިންތިތަކުގެ ބޯހިޔާވަހިކަން ލިބެންހުރުމެވެ. ބޯހިޔާވަހިކަމުގެ މައްސަލައަކީ ކުޅުދުއްފުއްޓަށް ބަލާއިރު، ބުއްދި އިސްކޮށްގެން ހައްލުކުރަން އުޅެފިނަމަ ފަސޭހައިން ހައްލުކުރެވެން އޮތްކަމެކެވެ. ބޭނުންވަނީ އެކަން ކުރަން ބޭނުންވުމެވެ.

އާބާދީ ތޮއްޖެހެމުންދާ ކުޅުދުއްފުށި: ބޯހިޔާވަހިކަމުގެ މައްސަލަ ބޯދާ ވިސްނުމަކުން ހައްލެއް ނުކުރެވޭނެ–ފޮޓޯ: އިރުޝާދު އަބްދުއްރަހުމާން

 

ބޯހިޔާވަހިކަމުގެ އިތުރުން، ދިރިއުޅެން އެކަށީގެންވާ ސިޓީއެއްގައި އާންމު ދަތުރުފަތުރުގެ ނިޒާމެއް ބޭނުންކުރެވޭނެ ގޮތަށް އޮތުން ހިމެނެ އެވެ. މިޒަމާނުގެ ދަތުރުފަތުކުރުމުގެ ނިޒާމުގެ ތެރޭގައި ފައިމަގުގައި ދަތުރުކުރުމާއި، ބައިސްކަލު ފަދަ އިންޖީނު ނާޅައި ސަވާރީ ބޭނުންކުރެވޭގޮތަށް ސިޓީގެ ދަތުރުފަތުރުގެ ނިޒާމު ރާވައެވެ.

ތިންވަނަ ބަހާގެތެރޭގައި ހިމެނޭ އެހެންކަންކަމަކީ ވަޒީފާ ލިބެންހުރުމާއި، ތައުލީމު ލިބެންހުރުމާއި، ފަސޭހައިން ދެވޭ ހިސާބުގައި ފިހާރަތައްހުރުމާއި، އާންމުން އެއްވެ އުޅުމަށް، ހުޅުވާލާފައި އޮންނަ އާންމު މައިދާންތަކާއި ޕާކުތައް އޮތުމެވެ. ކުޅުދުއްފުށީގައި އާންމު މައިދާންތަކާއި ޕާކުތައް ބިނާކުރުމުގެ މުހިންމުކަން ކުރިއަށް އޮތްތަނުގައި ދާނީ ބޮޑުވަމުންނެވެ. މިކަމަށް ފަސްޖެހުނުވަރަކަށް ކުރަންޖެހޭ ހޭދަވެސް ދާނީ ބޮޑުވަމުންނެވެ.

ކުޅި ހިމެނޭ ސަރަހައްދުގައި ވަރަށް ހިތްގައިމު، އާއްމު މައިދާނެއް ނުވަތަ ޕާކެއް ތަރައްގީކުރެވިދާނެ. މިކަމުގެ ސީދާ އަދި ނުސީދާ ފައިދާ ރައްޔިތުންނަށްކުރާނެ–ފޮޓޯ:ސޯޝަލް މީޑިއާ

 

މީގެ އިތުރުން، ސިއްހީ ހިދުމަތާއި ޖަމާއަތުގެ ހިދުމަތްތައް ނުވަތަ ކޮމިޔުނިޓީ ސާވިސަސް ލިބެންހުރުމާއި، ކުޅިވަރާއި މުނިފޫހިފިލުވުގެ ފުރުސަތުތަކުގެ އިތުރުން ސަގާފީ ފުރުސަތުތައްވެސް ދިރިއުޅެން އެކަށީގެންވާ ސިޓީއެއްގައި ލިބެންހުންނަންޖެހެ އެވެ.

ފާހަގަކުރި ތިންބަހާގައި ހިމެނޭ ކަންކަމުގެ ޖުމްލަ ފޯކަސް ގޮސްހުއްޓެނީ ސިޓީގައި ދިރިއުޅޭ މީހުންގެ ދުޅަހެޔޮކަން ޔަގީންކުރުމުގެ މައްޗަށެވެ. އަދި މުޖުތަމައު ބިނާކުރުމާއި ދެމެހެއްޓެނިވި މުޖުތަމައުއަކަށް ހެދުމުގެ މައްޗަށެވެ.

ރަނގަޅަށް ބިނާކުރެވޭ ސިޓިއަކީ އެންމެ މީހުންގިނަ ސިޓީއެއްނޫނެވެ. އެކަމަކު އެއީ ސިއްހީގޮތުންބަލާއިރު ދިރިއުޅެން އެންމެ ރަނގަޅު، އުފާވެރިކަން އިތުރުކުރުވާ، އަދި އެތަނެއްގައި މީހުން ދިރިއުޅޭހިތްޖައްސުވާގޮތް ހުންނަގޮތަށް ބިނާކުރާ ސިޓީއެވެ. ކުޅުދުއްފުއްޓަކީ މިފަދަ ސިޓީއަކަށް ބަދަލުކުރެވިދާނެ ރަށެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355