twitterviber whatsapp telegramfacebookyoutube instagram
20th June 2019

ވޯޓު ލާންވީ ކާކަށް - މަޖިލީހުގެ އިންތިހާބާއި ކެންޑިޑޭޓުންގެ ނަދުރުފަތި

Apr 3, 2019
11

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު މިއޮތީ ނޭފަތުކުރިއާ ހަމައަށް އައިސްފައެވެ. ކެމްޕެއިންތައް ފޯރީގައި ކުރިއަށް ދަނީއެވެ. މަގުމައްޗަށް ނުކުތަސް، ޓީވީ ހުޅުވާލިޔަސް، ސޯޝަލް މީޑިއާއަށް ވަދެލިޔަސް ފެންނަނީ ކެނޑިޑޭޓުންގެ "ވައުދު" ތަކާއި ދާއިރާއަށް އޮތް 'ތަސައްވަރު' ތަކެވެ. ރައްޔިތުންގެ ވޯޓަކުން ހޮވެން މަސައްކަތްކުރާއިރު އެމީހެއްގެ ޤާބިލްކަން ސާބިތުކޮށްދިނުމަށް މަސައްކަތް ކުރާނެތާއެވެ. މަ ހިތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް އިންތިޙާބީ މޫސުންތަކުގައި ކަން ހިނގަނީ މިމަގުންނެވެ. އެކަމަކު ހަމަ ހާސަރެއް ނުދަމާ އިނުމަށް ދަތިވާ ހިސާބަށް ކަންތައް ދާހެން ހީވާން ފަށައިފިއެވެ. އިވޭ އަޑުތަކަށް ބަލާނަމަ މިއުޅެނީ ކުޑަ ވަރެއްގެ އަށްޑިހަ ހަތް 'ސަރުކާރު' ހޮވަން ވޯޓެއް ލާންބާއޭ ހީވާ ދަރަޖައަށް ކަންތައް ގޮއްސިއެވެ. ނުވަތަ މަޖިލީސް މެމްބަރު ކަމަށް މި ވާދަކުރަނީ ކޮންސްޓްރަކްޝަން ކުންފުނިތަކެއްހެން ހީވާ ފަހަރުވެސް އަންނަން ފަށައިފިއެވެ. ގައިމު މަޖިލީސް މެންބަރުންގެ ދައުރުކަމުގައި ޤާނޫނު ބުނާ ކަމެއްގެ ވާހަދަ ދައްކާތީ އިވުނީ ދާދި މަދު ކެނޑިޑޭޓެކެވެ.

ކެނޑިޑޭޓުންގެ ބަހުސާއި ކެމްޕެއިން ޖަލްސާތައް ބަލަމުން ދިޔައިރު މި އިވެނީ އެ ކެނޑިޑޭޓަކު ހޮވާދީފިނަމަ އެރަށެއްގައި ނުވަތަ އެދާއިރާއެއްގައި ބަނދަރު ހަދާދިނުމުން ފެށިގެން ގޮސް ބޮޑެތި ޔުނިވަރސިޓީތަކާ ލައިބްރަރީތައް އަޅާ، ފުޓްސަލް ދަނޑުއަޅާ، މަގުތައް ހަދާ، ރީތި ޕާކު އަޅާ، ނަރުދަމާ އަޅާދޭނެ ވާހަކައެވެ. ވަޒީފާތައް އިތުރުކޮށްދޭނެ ވާހަކައެވެ. ބަންޑާރަ ބިން ހިބައިންދޭނެ ވާހަކައެވެ. ހޮސްޕިޓަލްތަކުގެ ދަރަޖަ އުފުލައި މަތިވެރިކޮށްދޭނެ ވާހަކައެވެ. މި ވާހަކަތަކެއް އިވުމުން ހަނދާނަށް އައީ ވަރަށް ކުރިން އަބްދުﷲ ހަސަން ކިޔާފައިވާ 'ލިބޭތޯ ފަދަ މަލެއް މިތުރާ' މިލަވައެވެ. ލޯތްބެއް ލިބޭތޯ ބުނަމުން ދިޔަ ނަދުރު ފައްޗެކެވެ. ބޭނުންވެގެން އުޅޭ މިތުރު ލިބިއްޖެނަމަ، އުތީމު ރަދުންގެ ގަނޑުވަރުގާ މުތީން ކުރިބޯށިތައް ހަދާ، މަތީރަށު ޒިޔާރަތްފުޅު އަސްރަފީއާ އަޅާ ކިރާނެ ވާހަކައެވެ. ކަލާފާނުން ޒިޔާރަތުގެ ފުރާޅު އަލިމަހުން ލައި، މިސްރު ރަނުގެ ދެހަންދަރު ރަން ބަހާނެ ވާހަކައެވެ.

މި ލަވައާއި ކެނޑިޑޭޓުން މިކިޔާ 'ލަވަ' އަޅާ ބަލާލުމުން، އެއްގޮތް ކަންތައްތަކެއް ހުރިކަމަށް ފެނެއެވެ. ނިކަން ބޮޑަށް ކަމެއް ބޭނުންވެގެން އެބަ އުޅޭކަން އެނގެއެވެ. ލަވާގައި ބޭނުން ވެގެން އުޅެނީ އަންހެން ކުއްޖެކެވެ. ކެނޑިޑޭޓުން ބޭނުންވަނީ މަޖިލީހުން ގޮނޑިއެކެވެ. މިލަވަގައި މިބުނާ ކަންކަމަކީ މީހަކަށް ކުރެވުމަށްވުރެ ނުކުރެވުން ގާތް ކަންކަމެވެ. ހަމަ އެގޮތަށް ކެނޑިޑޭޓުންގެ 'ނަދުރު' ލިސްޓުގައިވެސް ހުރީ ޤާނޫނީ އިމުގެ ތެރެއިން މަޖިލިސް މެމްބަރަކަށް ކުރެއްވޭނެ ކަންކަމެއް ނޫނެވެ.

ރައްޔިތުންގެ މަޖިލީހުގެ ދައުރަކީ މައިގަނޑު ގޮތެއްގައި ޤާނޫނުތައް ހަދާ، އިޞްލާޙް ކުރުމާއި ސަރުކާރު ޖަވާބުދާރީ ކުރުވުމެވެ. މަޖިލީސް ތަޅަމުގައާއި ކޮމިޓީ މަރުޙަލާގައި މެންބަރުން ކުރާ ހުރިހާ ކަމެއްހެންވެސް ބިނާވެގެން ވަނީ މިދެކަންތަކުގެ މައްޗަށެވެ. މިއީ ޤާނޫނު އަސާސީގެ ތިން ވަނަ ބާބުގައި އެކަން ބަޔާންކޮށްފައި އޮތް ގޮތެވެ. އެހެން ނަމަވެސް މިހާރު މިއިވޭ އަޑުތަކަށް ބަލާއިރު ރައްޔިތުންގެ މަޖިލީހުގެ ދައުރު މިވަނީ ވަރަށް ގިނަ ބަޔަކަށް އޮޅިފައެވެ. ނުވަތަ ބަޔަކު ސިޔާސީ މަންފާތަކެއް ޙާޞިލް ކުރުމުގެ ބޭނުމުގައި ރައްޔިތުންނަށް އޮޅުވާލާފައެވެ. އޮޅުވާލާފައޭ ބުނަން މިޖެހެނީ، ނުހަނު ފުންނާބު އުސް ބޭފުޅުންވެސް ދާއިރާއަށް ވަކި ތަސައްވުރެއް ހިއްޕަވައިގެން ނުކުމެ މަޖިލީހަށް ވާދަކުރަށްވާތަން ފެންނާތީއެވެ. ހަމަ އެގޮތަށް ނުހަނު ތަޖުރިބާ ހުރި، ޑިމޮކްރެޓިކް ވިސްނުމުގެ ބޭފުޅުންވެސް މި މޭރުމުން ވާހަކަފުޅު ދައްކަވާތީއެވެ. އެކަމަކު ކަން އޮތީ އެހެނަކުން ނޫނެވެ. ކިތައްމެ ރީތި ރާގުރާގަށް ތަސައްވަރުތައް ކިޔަސް ހަގީގަތަކީ، ރަށް ނުވަތަ ދާއިރާ ތަރައްގީ ކުރުމަކީ މަޖިލީސް މެމްބަރުންގެ ދައުރެއް ނޫން ކަމެވެ. މިކަން ގަބޫލުކުރަން ދަތިވިޔަސް އަދިވެސް ތަކުރާރުކޮށްލާނަމެވެ. ސަރުކާރުން ހިންގާ ތަރައްގީގެ މަޝަރޫޢުތަކަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މަސްޢޫލިއްޔަތާ ސީދާ ގުޅުމެއް ވާކަމެއް ނޫނެވެ. ގުޅުމެއް ވާ ހިސާބެއްވެސް އޮވެއެވެ. އެވާހަކަ ކުޑަ ތަންކޮޅެއް ފަހަށް ބާއްވާނަމެވެ.

ކަން މިހެން އޮތް އިރު މަޖިލީސް މެންބަރުންނަށް ރައްޔިތުންގެ މަންދޫބުންނޭ މިކިޔަނީ ކީއްވެގެންބާއޭ ހިތައް އަރާފާނެއެވެ؟ މަޖިލީހުގައި ދާއިރާގެ މެންބަރުންގެ 'ވިންދާ އިހްސާސް' އިއްވަނީ ކޮން ކަމެއްގައި ބާއޭވެސް ހިތަށް އަރާފާނެއެވެ.؟ އެކަން ކުރާނެ ގޮތަކީ މިއެވެ. މަޖިލީހަށް ޤާނޫނު ހުށައަޅައިގެން ނުވަތަ ޤާނޫނެއް ހުށައެޅުމުން، އެ މެންބަރަކު އެ ތަމްސީލުކުރާ ދާއިރާއެއްގެ ރައްޔިތުންގެ ވިސްނުމާއި މަސްލަޙަތާއި އެއްގޮތަށް ވަކާލާތުކޮށް ވޯޓު ދޭނީއެވެ. އަދި ސަރުކާރުން ރައްޔިތުންނަށް އިހުމާލެއް ވެއްޖެނަމަ، އެކަމާ ބެހޭ މުއައްސަސާއެއްގެ ބޭފުޅުން މަޖިލީހަށް ހާޒިރުކޮށް ސުވާލުކޮށް ރައްޔިތުންނަށް އޭގެ ޖަވާބު ހޯދައިދޭނީއެވެ. މިހެން ބުނާއިރުވެސް އެއް ކަމެއް ހަނދާނުގައި ބަހަށްޓާށެވެ. އެއްވެސް މެންބަރަކަށް، ވަކި ދާއިރާއަކަށް ހާއްސަ ގާނޫނެއް މަޖިލީހަކުން ނެހެދޭނެއެވެ. (އެހެން ނަމަވެސް ޤާނޫނު އަސާސީގެ 94 މާއްދާގެ ށ. ގައި، ވަކި ބަޔަކަށް ނުވަތަ ސަރަޙަށްދަކަށް ޤާނޫނެއްގެ ވަކި ބައެއް ހިންގިދާނެކަމަށް ކަނޑައަޅާފައިވެއެވެ.) ރައްޔިތުންގެ މަސްލަހަތު ކަމުގައި ބަލަންވާނީ މުޅި ރާއްޖޭގެ ރައްޔިތުން ހިމެނޭގޮތަށެވެ. އެންމެން އެއްބަސް ނުވާ ކަމެއްގައިނަމަ އަޣުލަބިއްތަށް ބުރަވާގޮތަށެވެ. މިސާލަކަށް އިންކަމް ޓެކްސްގެ ބިލް ނަގަމާ ހިނގާށެވެ. މި ބިލާއިމެދު ރައްޔިތުންގެ ވިސްނުން މެންބަރަށް ހާމަކޮށް ގިނަ ރައްޔިތުންގެ ވިސްނުމާއި އެއްގޮތަށް ފާސްކޮށްފިނަމަ އެ ބިލް ޤާނޫނަކަށް ވެގެން އަންނައިރު ތިޔަ ރައްޔިތުންގެ ބައިވެރިވުން އޭގައި އެ ހިމެނުނީއެވެ. އަދި ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ބައިވެރިވެވޭ އެއްގޮތަކީ، މިސާލަކަށް މަޖިލީހަށް ރުހުން ހޯދަން ނަމެއް ހުށައެޅުމުން ނުވަތަ އިތުބާރުނެތް ކަމުގެ މައްސަލައެއްގައި ވޯޓެއް ނަގަން ޖެހުމުން ދާއިރާގެ މެންބަރު އެ ފިއްތަވާ ކުލައަކީ އަހަރެމެން ރައްޔިތުން ބޭނުންވާ ކުލަ ކަމުގައި ހެދުމެވެ.

ދެން އޮތީ ކުރިން އިޝާރާތްކުރި، ސަރުކާރުން ހިންގާ މަޝްރޫޢުތަކާ ރައްޔިތުންގެ މެންބަރުގެ ދައުރާ ގުޅޭ ހިސާބެވެ. އެއީ އެއްގޮތަކަށްވެސް ރައީސުލްޖުމްހޫރިއްޔާއާ އެއްކޮށް ތާސް ކުޅުއްވާއިރު ނުވަތަ އާ ރަށުގައި ޓެނިސް ކުޅުއްވާ ގަޑީގާ ރައީސަށް ދަންނަވައިގެން، ދާއިރާގެ މަގުތަކުގައި ގާ އަތުރާ ކަހަލަ ގުޅުމެއް ނޫނެވެ. އެއީ ޤާނޫނު އަސާސީގެ 96 ވަނަ މާއްދާ ލާޒިމްކުރާ ދައުލަތުގެ ބަޖެޓް ފާސްކުރުމުގެ މަރުހަލާއެވެ. ސަރުކާރުގެ ވައުދުތަކަށް ބިނާކޮށް ބަޖެޓް ހުށައަޅާނީ ސަރުކާރުންނެވެ. ބަޖެޓް ފާސްކުރާނީ މަޖިލީހުންނެވެ. އަދި ބަޖެޓަށް އުނި އިތުރު ގެނައުމުގެ ބާރު މަޖިލީހަށް ލިބިދީފައިވެއެވެ. މި މަރުޙަލާގައި އުނި އިތުރު ގެނައުމުގެ ބާރު އޮންނަނީ ބަޖެޓް ދިރާސާކުރާ ކޮމިޓީއަށެވެ. ކޮމިޓީއެއްގައި މިތިއްބަވަނީ މެންބަރުންގެ އަދަދާއި އަޅާބަލާއިރު މަދު ނިސްބަތެކެވެ. އެ ވަގުތު އެކޮމިޓީގައި ތިއްބަވާ މަދު މެންބަރުން ރިޢާއަތް ކުރައްވަން ޖެހިފައި އެވަނީ ހުރިހާ ދިވެހި ރައްޔިތުންގެ މަސްލަޙަތަށެވެ. ނަމަވެސް އެ ބަޖެޓަށް ވޯޓު ދިނުމާއި ނުދިނުމުގެ އިޚްތިޔާރު ކޮންމެ މެންބަރަކަށްވެސް އޮވެއެވެ. މި މަރުޙަލާގައި، ދާއިރާގެ ތަރައްގީއަށް ކޮށްދޭން ސަރުކާރުން ވައުދު ވެފައިވާ ކަންކަން ބަޖެޓުގައި ހިމެނިފައިވޭތޯ ބެލުމާއި، ނެތް ނަމަ އެކަމަށް ވަކާލާތު ކުރުމަކީ އެ ދާއިރާއެއް ތަމްސީލް ކުރާ މެންބަރެއްގެ ޒިންމާއެކެވެ. އެހެން ނަމަވެސް މީގެ މާނައަކީ މެންބަރު ބޭނުންފުޅުވާހާ ކަމެއް ނުވަތަ ފަހަރުގައި ރައްޔިތުން އެދޭ ހުރިހާ ކަމެއް ހިމެނިގެން ބަޖެޓް ފާސްކުރެވޭނެއެކޭ ނޫނެވެ. އަދި ބަޖެޓް ފާސްވެގެން ހިންގޭ މަޝްރޫޢުތަކުގެ މެދުވެރިޔަކަށް ވަނީ އެއްވެސް ހާލެއްގައި މަޖިލީސް މެންބަރުންނެއް ނޫނެވެ. އެކަމަށްވެސް އަހަރެމެން ބަޔަކު ހޮވައިގެން މުސާރަތަކެއް އެބަ ދެމުއެވެ. އެއީ ކައުންސިލްތަކެވެ. ސަރުކާރަށް އެއްބާރުލުން ދީގެން ރަށް ތަރައްޤީ ކުރުމަކީ ކައުންސިލްތަކުގެ ދައުރެކެވެ. އޮޅުވާ ނުލާށެވެ.

ދެން އޮތީ ތަންކޮޅެއް ނާޒުކު ވާހަކައެކެވެ. މި ވާހަކަ ވަކި ބަޔަކަށް އަމާޒުވާކަމުގައި ވަނީ ނަމަ ވަރަށް ބޮޑަށް މަޢާފް ކުރާށެވެ. އެކަމަކުވެސް ހަމަ މުހިއްމު ވާހަކައެއް ކަމުގައި ދެކޭތީ ބުނެލަމެވެ. މި ކެމްޕެއިންތަކުގައި މިއީ ސަރުކާރުގެ ކެނޑިޑޭޓޭ ބުނާތީ ވަރަށް ގިނައިން އެބައިވެއެވެ. ކޯލިޝަން އަކުން އުފެދިފައި އޮތް ސަރުކާރަކަށް ވީމާވެސް ކަންނޭގެއެވެ. ތަފާތު އެކި ސިޔާސީ ފިކުރުގެ ކެނޑިޑޭޓުން މި ދައުވާ އެބަ ކުރެއެވެ. މީގައި އަހަރެމެން ރައްޔިތުން ވިސްނަންވީ ކަމަކީ، ރާއްޖޭގައި މިހާރު މިއޮތީ ރިޔާސީ ނިޒާމެއްކަމެވެ. ރިޔާސީ ނިޒާމެއްގެ އެންމެ އަސާސީ އެއް ސިފަ އަކީ ތިން ބާރު ވަކިވެފައި އޮތުމެވެ. އޭގެ މާނައަކީ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ތަމްސީލު ކުރާ މެންބަރުންނެއް މި ނިޒާމުގައި ނުތިބޭނެއެވެ. ސިޔާސީ ޕާޓީ ތަކުގެ މެންބަރުން ތިބެދާނެއެވެ. އެހެން ނަމަވެސް ޤާނޫނީ ގޮތުން ބަލާއިރު އެއްވެސް މެންބަރަކަށް ސަރުކާރު ތަމްސީލެއް ނުކުރެވޭނެއެވެ. ތަމްސީލު ކުރަން ޖެހޭނީ އެ ދާއިރާއެއްގެ ރައްޔިތުންނެވެ. ސަރުކާރު ހުށައަޅާ ބިލްތަކަށް ވޯޓު ދިނުމާއި ނުދިނުމުގެ އިޚްތިޔާރު ހަމަ ކޮންމެ ސިޔާސީ ފިކުރެއްގެ މެންބަރަކަށްވެސް އެބައޮތެވެ. ވެރިކަންކުރާ ޕާޓީއެއްގެ މެންބަރުން ހޮވިގެން ނޫނީ ދާއިރާ ތަރައްގީ ނުވާނެ ކަމަށް ބުނާ ވާހަކައާއި ސަރުކާރު ހިންގާ ޕާޓީގެ މެންބަރުން ހޮވިއްޖެނަމަ ސަރުކާރު ޖަވާބުދާރީ ނުކުރުވޭނޭ ބުނާ ވާހަކައަށް ބުނެލަން އޮތީ ވޭތުވެދިޔަ ތަނަށް ބަލާއިރު އެކަމާ އެއްކޮޅަށާއި ދެކޮޅަށް ދެއްކޭނެ ވާހަކަ އެބަހުރި ކަމެވެ. ރައްޔިތުންނަށް އިޚްލާސްތެރި ސަރުކާރެއްނަމަ ދާއިރާގައި ހުރީ ކޮންމެ ސިޔާސީ ފިކުރެއްގެ މެންބަރެއް ނަމަވެސް ދާއިރާތައް ތަފާތުނުކޮށް މަޝްރޫޢުތައް ހިންގާނެއެވެ. އަދި މަޖިލީހުގާ ހުރީ ކޮންމެ ސިޔާސީ ފިކުރެއްގެ މެންބަރެއް ނަމަވެސް އިޚްލާސްތެރި ނަމަ، ރައްޔިތުންނަށް ފައިދާ ހުރި ބިލްތަކަށް ވޯޓު ދޭނެއެވެ. އަދި ސަރުކާރުން މަގުން ކައްސާލައިގެން ދާނަމަ ޖަވާބުދާރީ ކުރުވާނެއެވެ.

ކަން މިހެން އޮތް ނަމަވެސް، ސަރުކާރެއް ހިންގުމަށް ދަތި ކުރި މަޖިލީހަކާއި، ސަރުކާރު ހިންގާ ޕާޓީ ބޭނުންހާ ގޮތަކަށް ޤާނޫނުތައް ފާސްކުރި މަޖިލީހެއް ރައްޔިތުންގެ ކުރިމަތީގައި ދާދި މިދާކަށް ދުވަހު ތަމްސީލުވެގެން ހިނގައްޖެއެވެ. ގައުމެއް ބޮއްސުންލައިގެން ދިޔައިރު މަޖިލީސްތެރެއިން ސަރުކާރު ޖަވާބުދާރީ ނުކޮށް ރައްޔިތުންގެ ވިންދާ އިހްސާސްތައް ފައިދަށުލީތަންވެސް ފެނިއްޖެއެވެ. ކަން މިހެން ހުރިއިރު އަހަރެންގެ ހިޔާލަކީ މަޖިލީސް މެންބަރުން ޖަވާބުދާރީ ކުރުވޭނެ ގޮތެއް ރައްޔިތުން ހޯދުމެވެ. މިސާލަކަށް މެންބަރުން ރައްޔިތުންގެ ވިންދާ އިހްސާސްތަކުގައި ކޮޅުފައިން ޖަހައިފި ހާލަތެއްގައި ވަކި ހަމަތަކެއްގެ މަތީން އެ މެންބަރުން ވަކި ކުރެވޭނެ ގާނޫނެއް އެވެރިން ލައްވާ ފާސްކުރުވުން ކީއްހެއްޔެވެ؟ މިފަދަ ބިލެއް ހުށައަޅަން ކެރޭ ކެނޑިޑޭޓަކަށް އަހަރެން މިހާރުވެސް ލޮލުން ބޮލުން ތާއީދެވެ.

މިހާ ހިސާބުން ދެން ވިސްނާލާށެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިމަންނާ ހޮވައިދީފިނަމަ މި ދާއިރާއަށް އެވެނި މިވެނި ކަމެއް ކޮށްދޭނަމޭ އެބުނަނީ ގާނޫނީ ކޮން މަސްދަރަކަށް ރިޢާޔަތް ކޮށްފައި ހެއްޔެވެ؟ ނިކަން އަޑަށް ބާރުލާފައި އެކަހަލަ 'ފޮންޏެއް' ކަނޑާ އަޑު އިވިއްޖެނަމަ، މަންމަންވެފައި ނުތިބެ އެންމެ ކުޑަމިނުން ތިކަން ކުރާނީ ކިހިނެތްތޯ ސުވާލުކޮށްލާށެވެ. ތާއަބަދު ސިޔާސީ މީހުން އަހަރެމެން ގުނބޯ ހެއްދިޔަ ނުދެމާހެއްޔެވެ! ރައްޔިތުންގެ މަންދޫބަކަށް ވާދަކުރާ މީހެއްގެ ވައުދަކަށް ވާންޖެހޭނީ އެމީހަކީ މަޖިލީހުގެ ދައުރު އަދާ ކުރެވޭވަރުގެ ޢިލްމާ ޙިލްމުގެ ގޮތުން ގާބިލް މީހަކަށް ވާނޭ ކަމެވެ. އިޚްލާސްތެރިކަމާ ނަޒާހަތްތެރިކަމުގެ ގޮތުން ގާބިލް މީހަކަށް ވާނޭ ކަމެވެ. އެއީ އެއްވެސް ހާލެއްގައި، ރަށުގައި ނެރު ބައްތި ޖަހައި ބަނދަރު ފުންކުރަން އަހަރެމެން ހޮވާ ބައެއް ނޫނެވެ. އެއީ ޤާނޫނު އަސާސީން ނުހަނު ބޮޑެތި ބާރުތަކެއް ދީގެން އަހަރެމެން ހޮވާ ދައުލަތުގެ އެއް ބާރެވެ. ދާއިރާތައް ތަރައްގީ ކުރުމަކީ ދައުލަތުގެ އަނެއް ބާރުކަމުގައިވާ ސަރުކާރުގެ އިހްތިޞާޞްގެ ތެރޭގައި ހިމެނޭ ކަމެކެވެ. ދާއިރާ ތަރައްގީކުރަން ކޮންމެ ފަސް އަހަރަކުން އެއް ފަހަރު އަހަރެމެން ސަރުކާރެއް ނުހޮވަމުހެއްޔެވެ؟ ރިޔާސީ އިންތިޚާބުގައި އެ އަންނަ ކެނޑިޑޭޓް، އުތީމު ގަނޑުވަރުގެ ކުރިބޯށިތަށް މުތީން ހަދައިދޭނަމޭ ބުނީމާ ގަބޫލު ކުރިޔަސް އެންމެ ރަނގަޅެވެ. އެ ބޭފުޅެއްގެ އެ ޤާބިލްކަން ހުރީ ވިއްޔާ އެކަން ފަހަރުގައި ކޮށްދެއްވަފާނެއެވެ. އެހެނީ އެކަމަށް ގާނޫނީ ހުރަހެއް ނެތެވެ. އެހެން ނަމަވެސް މަޖިލީސް މެންބަރަކަށް، ޤާނޫނީ އިމުން ބޭރު ނުވެ، މިސްރުގެ ރަން ހަންދަރުތައް ބެހޭނެ ގޮތެއް ނެތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355