twitterviber whatsapp telegramfacebookyoutube instagram
17th June 2019

ރާއްޖޭގެ އެންމެ ބޮޑު ކަނޑޫފާ، މަންފާ ހޯދޭނެ ދުވަހެއްގެ އިންތިޒާރުގަ!

ޚަދީޖާ އާދަމް
Apr 9, 2019
1

ރާއްޖެއަކީ ގުދުރަތީގޮތުން އެތަކެއް މުއްސަނދިކަމެއް ލިބިފައިވާ ގައުމެކެވެ. ރާއްޖޭގެ ރަށްތައް އުފެދިފައި އޮތްގޮތުން އާދަޔާ ހިލާފު އެތައް ގުދުރަތީ ރީތިކަމެއް ރަށްތަކަށް ލިބިފައި ވެއެވެ. ހާއްސަކޮށް އެކި ރަށްރަށުގައި ހުރި ކަނޑޫފާތަކާ ބޮޑެތި ކުޅިތަކަކީ އަހަރުމެންމެނަށް އެއިން އެތަކެއް މަންފާއެއް އެކަށީގެންވާ ގޮތުގައި ބޭނުން ކުރެވިއްޖެނަމަ ލިބޭނެ ގުދުރަތީ ތަރިކަތަކެކެވެ.

ރާއްޖޭގައި އޮތް އެފަދަ އެންމެ ބޮޑު ތަރިކައަކީ ހދ ނޭކުރެންދޫގައި އޮތް ބޮޑު ކަނޑޫފާއެވެ. މިއީ އޭޝިޔާގައި އޮތް ތިންވަނައަށް އެންމެ ބޮޑު ކަނޑޫފާ އެވެ. ބޮޑު ކަނޑޫފާއެއްގެ އިތުރުން މި ރަށަކީ ކުޑަ ދެ ކުޅިވެސް އޮންނަ ރަށެކެވެ. އެހެންނަމަވެސް މިތަނުގައި ފައިދާ ރައްޔިތުންނަށް އެކަށީގެން ވާ ގޮތުގައި މިހާތަނަށް ލިބިފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.

މިކަން މިހެން އޮތްއިރު އެސަރަހައްދަކީ މިދިޔަ އަހަރުގެ ޑިސެންބަރު 25 ވަނަ ދުވަހާއި ހަމައަށް ހިމާޔަތްކޮށް އެކަށީގެންވާ ގޮތުގައި ބެލެހެއްޓިފައިނުވާ ސަރަހައްދެއްވެސް މެއެވެ. އެެެހެން ނަމަވެސް ނޭކުރެންދޫގެ ކުޅި، ފާ، ޗަސްބިން ސަރަހައްދު މިހާރު ވަނީ ހިމާޔަތްކޮށްފަ އެވެ.

ނޭކުރެންދޫގެ ކަނޑޫފާ ރަށުގެ ބޮޑު ސަރަހައްދަކަށް ފެތުރިފައި ވެއެވެ. ނޭކުރެންދޫއަކީ 1.730 ކިލޯ މީޓަރު ދިގު 1.180 ފުޅާ ރަށެކެވެ.

"ބްލޫޕީސް މޯލްޑިވްސް" ވެބްސައިޓުގައި ވާގޮތުން ރަށުގައި ހިމެނޭ ކަނޑޫފާ ސަރަހައްދަކީ 28.3 ހެކްޓަރެކެވެ. އެއީ ރަށުގެ ޖުމްލަ 16.7 ޕަސެންޓެވެ. ކަނޑޫފާ ތެރޭގައި ހިމެނޭ ދެ ކުޅީގެ ތެރެއިން ބޮޑު ކުޅީގެ ބޮޑު މިނުގައި 0.32 ހެކްޓަރު ހުންނައިރު ދެ އޮންނަނީ 0.11 ހެކްޓަރުގެ ކުޅިއެކެވެ. ނަމަވެސް ވިއްސާރަ މޫސުމުގައި ކުޅީގެ ބޮޑުމިނަށް ބަދަލު އާދެއެވެ. މި ކަނޑޫފަލަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު 10 ވަނައަށް އެންމެ ބޮޑު ކަނޑޫފަލެވެ.

ރަށުގެ މިހާބޮޑު ސަރަހައްދެއްގައި މިފަދަ ގުދުރަތީ ތަނެއް އޮވެމެ އެކަމުން ފައިދާއެއް ނުކުރުމަކީ އެ ރަށުގެ އަދި އަތޮޅުގެ ރައްޔިތުން ނުހަނު ކަންބޮޑުވާ ކަމެކެވެ. އެހެންނަމަވެސް މިހާރު މި ވަނީ އެކަމަށް ވެސް ހައްލު ލިބިދާނެ ކަމުގެ ފެހި ސިގްނަލެއް ލިބިފަ އެވެ.

މިިދިޔަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކެމްޕެއިން ދަތުރެއްގައި އެރަށް ވަޑައިގެންވަނީ ނޭކުރެންދޫއަކީ ގެސްޓްހައުސް ވިޔަފާރި ތައާރަފުކޮށް ކަނޑޫފާ ބޭނުން ކޮށްގެން ގެސްޓްހައުސްވެ ވިޔަފާރި ތަރައްގީ ކުރެވޭނެ ރަށެއްކަމަށް ވިދާޅުވެފައެވެ. އެގޮތުން އެކަމުގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން އެތަން މިހާރު ހިމާޔަތް ކުރައްވާފައިވައިރު ރައީސް ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި މީގެ ކުރިންވެސް ގެސްޓްހައުސް އެންމެ ފުރަތަމަ ތަރައްގީކުރާ ރަށްތަކުގެ ތެރޭގައި ނޭކުރަންދޫ ހިމެނިކަމަށާއި ނަމަވެސް ކަންދިމާވި ގޮތުން ދައުރު ނުނިމެނީސް ވެރިކަމުން ދުރަންދާން ޖެހުމުން އެކަން ނުވީކަމަށެވެ.

ނޭކުރެންދޫގައި އެކަށީގެންވާ ވަޒީފާގެ ފުރުސަތު ފަހިވެފައި ނުވުމުން ރައްޔިތުން އެހެން ރަށްރަށަށް ހިޖުރަ ކުރުމުގެ މައްސަލަވެސް ވަނީ ވަރަށް ބޮޑަށް ދިމާވެފަ އެވެ. މިކަން ވަނީ އެރަށު ކައުންސިލުން ވެސް ރައީސްގެ ސަމާލުކަމަށް ގެނެސްދެއްވާފަ އެވެ.

ކޭއޯއަށް މައުލޫމާތު ދެމުން އެރަށު ކައުންސިލްގެ ރައީސް އިބްރާހިމް މައޫޒް ވިދާޅުވީ ރައްޔިތުން ބޭނުންވަނީ އެތަނަކީ ރަށަށް އިގްތިސޯދީ ފައިދާ ކުރާނެ ފަދަ ތަނަކަށް ވުން ކަމަށާއި އެކަމުގެ ސަަބަބުން ރަށަށް ލިބޭނެ އެންމެ ބޮޑު އެއްފައިދާއަކީ ވަޒީފާގެ ފުރުސަތުތައް އިތުރުވުން ކަމަށެވެ.

އެކަން އެގޮތަށް ވެއްޖެނަމަ ރަށުން މީހުން ހިޖުރަ ކުރާ މައްސަލަ ހައްލުވެގެންދާނެ ކަން މައޫޒް ފާހަގަ ކުރެއްވި އެވެ. އަދި އެއީ ކޮންމެ މަސައްކަތެއް ނަމަވެސް ރައްޔިތުން ބޭނުންވަނީ އިގްތިސޯދީ ފައިދާއެއް ލިބޭނެ މަޝްރޫއެއް އެތަނުގައި ފެށުންކަމަށްވެސް ފާހަގަ ކުރެއްވި އެވެ.

ނޭކުރެންދޫގެ ކަނޑޫފާ އަކީ ގުދުރަތީގޮތުން މުއްސަނދި ތަނެއްކަން ވެސް ފާހަގަކޮށްލެވެއެވެ. އެގޮތުން އެތަނުގައި ގިނަ އަދަދަކަށް ތަކަފަތި، ބުރެވި، ކަނޑޫ ފަދަ ގަސް ހިމެނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355