twitterviber whatsapp telegramfacebookyoutube instagram
18th June 2019

ހަތަރު އަހަރުގެ މެދުކެނޑުމަކަށްފަހު އަތޮޅު ފިހާރަތަކުގެ ފައިސާ ކައުންސިލްތަކަށް

އަބްދުލް ވާހިދު ޙަސަން
May 16, 2019
1

މާލޭގައި ހިންގަމުންދާ އަތޮޅު ފިހާރަތަކުން ކައުންސިލްތަކަށް ލިބެން ޖެހޭ ފައިސާ ހަވާލުނުކުރާތާ 4 އަހަރުވުމަށްފަހު އެ ފައިސާ ޖަމާކޮށްދޭން ފަށާފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފި އެވެ.

މާލޭގައި ހިންގަމުންދާ އަތޮޅު ފިހާރަތަކަކީ އަތޮޅު ކައުންސިލްތަކަށް ކުލީގެ ގޮތުގައި 50 އިންސައްތަ ލިބޭ ގޮތަށް ކުއްޔަށްދީފައިވާ ފިހާރަތަކެކެވެ. އެކަމަކު އަތޮޅު ފިހާރަތަކުގެ ފައިސާ ކައުންސިލްތަކަށް އެންމެ ފަހުން ދީފައިވަނީ 2014 ވަނަ އަހަރު އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ބުނީ ފައިސާ ޖަމާކޮށްދޭން ފަށާފައިވަނީ މިހަފްތާތެރޭގައި ކަމަށެވެ. އަދި ޖަމާކޮށްދޭން ފަށާފައިވަނީ 2015 ވަނަ އަހަރުގެ ފައިސާ ކަމަށެވެ. އެގޮތުން މިހަފްތާ 16 ކައުންސިލަކަށް ބާރަ މިލިޔަން ފަސްލައްކަ ތިރީސްއަށްހާސް ދުއިސައްތަ ފަސްދޮޅަށް ދެ ރުފިޔާ ދެ ލާރި ޖަމާކޮށްދީފައިވާ ކަމަށެވެ.

މިހާރު ފައިސާ ޖަމާނުކުރެވިވާ ހަތަރު ކައުންސިލަކަށް ފައިސާ ޖަމާކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އެމިނިސްޓްރީން ހާމަކޮށްފައިވެ އެވެ.

އަތޮޅު ކައުންސިލްތަކަށް ފައިސާ ޖަމާކޮށްދިނުމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު އިބުރާހިމް އަމީރު ވިދާޅުވީ އަތޮޅު ކައުންސިލްތަކަށް ފައިސާ ލިބޭނެ ގޮތްތައް ވަރަށް މަދުކަމަށާއި އަތޮޅު ފިހާރަތަކަކީ އޭގެ ތެރެއިން މުހިންމު ވަސީލަތެއް ކަމަށެވެ.

ކައުންސިލްތައް ބާރުވެރިކުރުވުމަކީ މިސަރުކާރުގެ ވައުދެއްކަން ފާހަގަކުރަމުން އަމީން ވިދާޅުވީ ކައުންސިލްތައް ބާރުވެރިކުރުވުމުގެ އެންމެ މުހިންމު އެއް ވަސީލަތަކީ މާލީގޮތުން ފުދުންތެރި ބަޔަކަށްވުން ކަމަށެވެ. އެގޮތުން އަތޮޅު ފިހާރަތަކުގެ ފައިސާ ނުލިބި އޮތުމަކީ ކައުންސިލްތަކުގެ ކަންބޮޑުވުމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

އެ ފައިސާ ކައުންސިލްތަކަށް ނުލިބި ހުރި ހިސާބުން ދޭން ފަށާފައިވާއިރު އެހެން އަހަރުތަކުގެ ފައިސާވެސް ކައުންސިލްތަކަށް ވިހާވެސް އަވަހަކަށް ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަތޮޅު ފިހާރަތަކަކީ އަތޮޅުތަކުގެ ބައިވެރިވުމާއެކު މާލޭގެ އުތުރު ފަރާތުގައި ގާއިމުކޮށްފައިވާ ފިހާރަތަކެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355