twitterviber whatsapp telegramfacebookyoutube instagram
18th June 2019

ނާސްތާ ޕްރޮގުރާމްގެ ފުރަތަމަ ދުވަސް: ބައެއް ސްކޫލުތަކަށް ނާސްތާ ލިބުން ލަސްވެ ބެލެނިވެރިން ރަތަށް

* ކުޅުދުއްފުށީ ނާސްތާ ލިބުން ލަސްވީ އޭއީސީ އަށާއި އަފީފުއްދީނަށް

ޚަދީޖާ އާދަމް
Jun 11, 2019
8

މިއަދު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހެނދުނުގެ ނާސްތާ ދޭން ފަށާފައިވާއިރު ކުޅުދުއްފުށީ ދެ ސްކޫލަކަށް ގަޑިއަށް ނާސްތާ ނުލިބުމުން ބެލެނިވެރިން ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ކުޅުދުއްފުށީގައި ނާސްތާ ދޭ 3 ސްކޫލް ކަމަށްވާ ޖަލާލުއްދީން ސްކޫލް، ހދ އޭއީސީ އަދި އަފީފުއްދީން ސްކޫލަށް ނާސްތާ ފޯރުކޮށްދިނުމަށް ހަވާލުކޮށްފައިވަނީ ކާނިވަލް ރެސްޓޯރެންޓާ އެވެ.

އެގޮތުން ޖަލާލުއްދީން ސްކޫލަށް ހަމަޖެހިފައިވާ ގަޑިއަށް ނާސްތާ ފޯރުކޮށްދީފައިވާއިރު ހދ އޭއީސީއަށް ނާސްތާ ފޯރުކޮށްދެވިފައިވަނީ 7:30 ހާއިރު އެވެ. އަދި އަފީފުއްދީން ސްކޫލަށް ނާސްތާ ފޯރުކޮށްދީފައިވަނީ 08:30 ހާއިރު އެވެ.

ކުޅުދުއްފުށީ ކާނިވަލް ރެސްޓޯރެންޓްގެ ވެރިޔާ ކޭއޯއަށް މައުލޫމާތު ދެމުން ވިދާޅުވީ މިއަދު ނާސްތާ އެ ދެ ސްކޫލަށް ފޯރުކޮށްދިނުމުގައި ލަސްވީ ނާސްތާ ޕެކިން ކުރުމުން ލަސްވުމުންނެވެ. އޭނާ ވިދާޅުވީ ހުރިހާ ސްކޫލަކަށް ވެސް އެސްކޫލްތަކުގެ މެނޫއާ އެއްގޮތަށް ހުރިހާ ނާސްތާ ޕެކެއްގައިވެސް ހިމެނޭ ކާނާއާއެކު ގްރޭޑްގެ މައުލޫމާތު ހިމަނާ ޕެކްކޮށްފައިވާނީ ވަރަށް ޕްރޮފެޝަނަލްކޮށްކަމަށާއި އެކަން ހދ އޭއީސީގެ ޕްރިންސިޕަލް އެފަރާތަށް ގުޅައި ފާހަގަވެސް ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ނާސްތާ ޕްރޮގްރާމަށް ތަކެތި ތައްޔާރުކުރުމަށް އެ ރެސްޓޯރެންޓްގައި 18 މީހުން މަސައްކަތް ކުރަމުންދާ ކަމަށާއި ކުރިއަށް އޮތްތަނުގައި ނާސްތާ ލަސްވުމަށް ދިމާވި މައްސަލަ ހައްލުކޮށް ގަޑިއަށް ފޯރުކޮށްދިނުމަށް އެ ފަރާތުން މަސައްކަތް ކުރަމުންދާކަމަށް ރެސްޓޯރެންޓުން މައުލޫމާތު ދެއެވެ.

މިއަދު ހެނދުނުގެ ނާސްތާ ދިނުން ލަސްވުމާ ގުޅިގެން ގިނަ ބެލެނިވެރިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން އެއްވެސް ސްކޫލަކުން މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355