twitterviber whatsapp telegramfacebookyoutube instagram
18th June 2019

އެއާޕޯޓްގެ ހުޅަނގު ފަރާތު، ހިލަތޮށި މަތިން ރާޅު އަރައި ބޮޑެތި ގެއްލުންތަކެއް!

އަބްދުލް ވާހިދު ޙަސަން
Jun 11, 2019
5

ކުޅުދުއްފުށީ އެއާޕޯޓްގެ ހުޅަނގު ފަރާތުން ރާޅު އަރައި އެސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން އެބަދެ އެވެ. މިދިޔަ އަހަރުގެ ހުޅަނގު މޫސުމުގައިވެސް އެސަރަހައްދުގައި، އެއާޕޯޓްގެ ރައްކަލަކަށް ޖަހާފައިވާ ހިލަތޮށިން ބައެއް ރޫޅި ވަނީ ގެއްލުންވެފައިއެވެ.

ރަށުގެ ހުޅަނގު ފަރާތު ކަނަށްވާ އެސަރަހައްދަކީ ހުޅަނގު މޫސުމުގައި އަބަދުވެސް ގަދަ ސަރަހައްދެކެވެ. މިފަހަރުވެސް ހުޅަނގު މޫސުމުގެ ގަދަ ދުވަސްވަރު ލައިގެންފައިވާއިރު އެސަރަހައްދަށް ރާޅު އަރައި ދަނީ ބޮޑެތި ގެއްލުންތައްވަމުންނެވެ.

އެގޮތުން އެއްވެސް ހުރަހެއް ނެތި ކަނޑުން އަންނަ ބޮޑެތި ރާޅުތައް ތިރިކޮށް ޖަހާފައިވާ ހިލަތޮށި މަތިން އަރައި މުޅި ސަރަހައްދަށްވަނީ ލޮނުގަނޑު ވައްދާލާފަ އެވެ. މިދިޔަ އަހަރަށްވުރެ ބޮޑަށް މިފަހަރު ހިލަތޮއްޓަށް ދަނީ ގެއްލުންވަމުންނެވެ. ހިލަތޮށި ރޫޅި ގިނަ ހިލަތައް ދަނީ ވެރެމުންނެވެ.

އަދި ހަމަ ރާޅު އަރައި ލޮނުގަނޑު ވައްދާލުމުންގެ ސަބަބުން ވެލިގަނޑުން ބައެއް ކަނޑަށް ދަނީ ފައިބަމުންނެވެ. އެހެންކަމުން ބޮޑު ސަރަހައްދެއް ގިރާލައި އެއާޕޯޓްގެ ހުޅަނގު ފަރާތުގައި ޖަހާފައިވާ ފެންސުންވެސް ވަނީ ބައެއް ވެއްޓިގެއްލުންވެފަ އެވެ. އެސަރަހައްދަށް ރާޅު އަރައި ބޮޑެތި ގެއްލުންތަކެއް ލިބެމުންދާއިރު އެކަމާ ގިނަ ރައްޔިތުންތަކެއްވެސް ދަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.

އެސަރަހައްދު ހިމާޔާތްކުރުމަށް ޖަހާފައިވަނީ އީއައިއޭ ރިޕޯޓްގައި ޖަހަން އަންގާފައިވާ ސައިޒަށްވުރެ ކުދި ހިލަކަމަށް ބުނެ އޭރުވެސް ގިނަ ބަޔަކު ދިޔައީ ކަންބޮޑުވުންފާޅުކުރަމުންނެވެ. އެސަރަހައްދު ހިމާޔާތްކުރަން ޖަހަން ޖެހޭނީ 2000-1500 ކިލޯ ހުންނަވަރުގެ ހިލަކަމަށް އީއައިއޭ ރިޕޯޓްގައި ބުނެފައިވެ އެވެ. ހިލަ ޖެހިއިރުވެސް އެމައްސަލަ ބޮޑުވެ ރައްޔިތުން ޝަކުވާކުރަމުންދިޔައިރުވެސް އެކަމަށް ބެލުމެއް ނެތި އެމްޓީސީސީން ޖަހާފައިވަނީ ކުދި ހިލަތަކެކެވެ.

މިދިޔަ އަހަރު ރާޅުއަރައި އެސަރަހައްދަށް ގެއްލުންވުމުން އެމްޓީސީސީން ބުނެފައިވަނީ މޫސުމް ރަނގަޅުވުމުން ހިލަތޮށި މަރާމާތުކުރުމުގެ މަސައްކަތްކުރާނެކަމަށެވެ. ނަމަވެސް އެކަން މިއަދާ ހަމައަށްވެސް ކޮށްފައިނުވާކަން ފާހަގަކުރެވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355