twitterviber whatsapp telegramfacebookyoutube instagram
18th June 2019

އެއާޕޯޓަށް ރާޅު އަރައި މައްސަލައަށް ހައްލެއް ގެނެވޭތޯ މަސައްކަތް ކުރަމުންދާކަމަށް ރީޖަނަލް އެއާޕޯޓުން ބުނެފި

* ރާޅު އަރަނީ ހުޅަނގު މޫސުމުގައި، ބޮޑު ސަރަހައްދެއް ވަނީ ގިރާލާފަ
* ޖަހާފައިވަނީ އީއައިއޭ ރިޕޯޓްގައި ބުނެފައިވާ ވަރަށްވުރެ ކުދި ހިލަތަކެއް

އިބްރާހިމް ހަމީދު
Jun 12, 2019
5

ކުޅުދުއްފުށީ އެއާޕޯޓްގެ ހުޅަނގު ފަރާތު ހިލަތޮށި މަތިން ރާޅުއަރައި އެސަރަހައްދުގައި ޖަހާފައިވާ ފެންސު ވެއްޓި، އެސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާތީއެކަމަށް ހައްލެއްގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ރީޖަނަލް އެއާޕޯޓުން ބުނެފި އެވެ.

މިދިޔަ އަހަރުވެސް ވަނީ އެއާޕޯޓްގެ ހުޅަނގުކޮޅުގައި ޖަހާފައިވާ ހިލަތޮށީގެ މަތިން ރާޅު އަރައި ގެއްލުންތަކެއްވެފަ އެވެ. އާއްމުގޮތެއްގައި އެމައްސަލަ ދިމާވަނީ އެސަރަހައްދުގައި ޖަހާފައިވާ ހިލަކުދިކަމުންނާއި ތޮށިތިރިކަމުންނެވެ. އެހެންކަމުން އެއްވެސް ހުރަހެއް ނެތި ކަނޑުން އަންނަ ބޮޑެތި ރާޅުތައް ތިރިކޮށް ޖަހާފައިވާ ހިލަތޮށި މަތިން އަރައި މުޅި ސަރަހައްދަށްވަނީ ލޮނުގަނޑު ވައްދާލާފަ އެވެ. މިދިޔަ އަހަރަށްވުރެ ބޮޑަށް މިފަހަރު ހިލަތޮއްޓަށް ދަނީ ގެއްލުންވަމުންނެވެ. ހިލަތޮށި ރޫޅި ގިނަ ހިލަތައް ދަނީ ވެރެމުންނެވެ.

އަދި ހަމަ ރާޅު އަރައި ލޮނުގަނޑު ވައްދާލުމުންގެ ސަބަބުން ވެލިގަނޑުން ބައެއް ކަނޑަށް ދަނީ ފައިބަމުންނެވެ. އެހެންކަމުން ބޮޑު ސަރަހައްދެއް ގިރާލައި އެއާޕޯޓްގެ ހުޅަނގު ފަރާތުގައި ޖަހާފައިވާ ފެންސުންވެސް ވަނީ ބައެއް ވެއްޓިގެއްލުންވެފަ އެވެ. އެސަރަހައްދަށް ރާޅު އަރައި ބޮޑެތި ގެއްލުންތަކެއް ލިބެމުންދާއިރު އެކަމާ ގިނަ ރައްޔިތުންތަކެއްވެސް ދަނީ ކަންބޮޑުވުންފާޅުކުރަމުންނެވ

މިކަމާ ގުޅިގެން ކޭއޯއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރީޖަނަލް އެއާޕޯޓްގެ އޮފިޝަލަކު ވިދާޅުވީ އެއާޕޯޓްގެ މަސައްކަތް ކުރި ކޮންޓްރެކްޓަރު އެމްޓީސީސީ އާއި ކުޅުދުއްފުށީ އެއާޕޯޓަށް މިހާރު ކުރިމަތިވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް މަސްވަރާ ކުރައްވަމުންދާ ކަމަށެވެ.

"އެއާޕޯޓްގެ ހުޅަނގުފަރާތުން ޖަހާފައިވާ ހިލަތޮށި މަތިން ރާޅުއަރާކަމާއި ފެންސު ވެއްޓިފައިވާކަން އެނގޭ." ރީޖަނަލް އެއާޕޯޓްގެ އޮފިޝަލް ވިދާޅުވި އެވެ.

އެއާޕޯޓްގެ ކޮންޓްރެކްޓަރ އެމްޓީސީސީ އޮފިޝަލަކު ކޭއޯއާ ވާހަކަދައްކަވަމުން ވިދާޅުވީ ކުޅުދުއްފުށީ އެއާޕޯޓްގެ ރަންވޭ ކޮޅުގައި ލާފައިވާ ހިލަތޮއްޓަކީ ހަވާލުކޮށްފައިވާ އެއްބަސްވުމާ އެއްގޮތަށް ނިންމާ ރީޖަނަލް އެއާޕޯޓާ ހަވާލުކޮށްފައިވާ މަސައްކަތެކެވެ.

އެސަރަހައްދުން ދިޔުމުގެ ކުރިންވެސް ގަދަވެގެން ހިލަތައް ފޭބިކަމަށާއި އެވާހަކަވެސް ރީޖަނަލް އެއާޕޯޓާ ހިއްސާ ކޮށް އެވަގުތު ހިލަތައް ރަނގަޅުވެސްކުރިކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"އެގޮތުން އަޅުގަނޑުމެން ރީޖަނަލް އެއާޕޯޓަށް ލިޔެކިޔުމުން ހިއްސާކޮށްފައިވާނީ ރަންވޭގެ ހުޅަނގުކޮޅުގެ ސްޓްރަކުޗާއަށް ބަދަލުގެނެސްގެން ނޫނީ ހައްލު ނުކުރެވޭނެކަމަށް." އެމްޓީސީސީ އޮފިޝަލް ވިދާޅުވި އެވެ.

އެހެންނަމަވެސް އެމްޓީސީސީ އިން ރަންވޭ އާއި ތޮށިލުމުގެ މަސައްކަތާއި ބިން ހިއްކުމުގެ މަސައްކަތް ނިންމާ ހަވާލުކުރުމާ ހަމައަށްވެސް ހުޅަނގުކޮޅުގެ ޑިޒައިން ބަދަލުކުރުމަށް ވަކިގޮތަކަށް ނިމިފައިނުވާކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޓީސީސީ އާއި ހަވާލު ކޮށްގެން ކުރިއަށްގެންދިޔަ މަސައްކަތަކަކީ އެއާޕޯޓް އެޅުމަށްބޭނުންވާ ބިން ހިއްކުމާއި ރަންވޭގެ މަސައްކަތާއި ވަށާ ތޮށި ލުމާއި ފެންސުޖެހުމެވެ. އޭނާ ވިދާޅުވީ އޭގެތެރެއިން މިހާރު ބިން ހިއްކުމުގެ މަސައްކަތާއި އެއާޕޯޓްގެ ރަންވޭއާއި ވަށައި ޖަހާ ތޮށީގެ މަސައްކަތް ނިންމާ މިދިޔަ އަހަރު ޑިސެމްބަރުމަހުވާނީ ރީޖަނަލް އެއާޕޯޓާއި ހަވާލުކޮށްފަ ކަމަށެވެ.

އިތުރަށް އޮފިޝަލް ވިދާޅުވީ ހަވާލުކޮށްފައިވާ މަސައްކަތުން މިހާރު ނުނިމިވަނީ އެއާޕޯޓް ފެންސުގެ މަސައްކަތް ކަމަށާއި އެއީ ވަކި ކޮންޓްރެކްޓެއް އެމަސައްކަތް މުޅިން ނިންމާލެވޭނީ ފެންސު ދާ ސަރަހައްދުގައި ހުރި ގެތަކުގެ މައްސަލައަށް ގޮތެއް ނިމުންކަމަށެވެ.

މިކަމާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީގެ ބަހެއް އަދި ވަނީ ނުލިބިފަ އެވެ.

އެސަރަހައްދު ހިމާޔާތްކުރުމަށް ޖަހާފައިވަނީ އީއައިއޭ ރިޕޯޓްގައި ޖަހަން އަންގާފައިވާ ސައިޒަށްވުރެ ކުދި ހިލަކަމަށް ބުނެ އޭރުވެސް ގިނަ ބަޔަކު ދިޔައީ ކަންބޮޑުވުންފާޅުކުރަމުންނެވެ. އެސަރަހައްދު ހިމާޔާތްކުރަން ޖަހަން ޖެހޭނީ 2000-1500 ކިލޯ ހުންނަވަރުގެ ހިލަކަމަށް އީއައިއޭ ރިޕޯޓްގައި ބުނެފައިވެ އެވެ. ހިލަ ޖެހިއިރުވެސް އެމައްސަލަ ބޮޑުވެ ރައްޔިތުންވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތް ނިންމާ ޖުލައިމަހު ރައްޔިތުންނަށް ހިދުމަތް ދޭން ތައްޔާރުވަމުންދާކަމަށް ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355