twitterviber whatsapp telegramfacebookyoutube instagram
18th June 2019

އެއްދަންފަޅިއަށް ސްކޫލުތައް ބަދަލުކުރުމުން ސެޝަން ފެށޭނީ ފަތިސް ނަމާދުން: އެޑިއުކޭޝަން މިނިސްޓަރ

ނަބީލާ އިސްމާޢީލް
Jun 12, 2019
2

އެއްދަންފަޅިއަށް ސްކޫލުތައް ބަދަލުކުރުމުން ސްކޫލުތަކުގެ ސެޝަންތައް ފެށޭނީ ފަތިސް ނަމާދުންކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ. އެކަމަނާ މިހެން ވިދާޅުވީ ޕީއެސްއެމް ރާއްޖެ މިއަދު ޕްރޮގުރާމުގައި ވާހަކަދައްކަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ސްކޫލުތަކުގައި އެއްދަންފަޅިއަށް ކިޔަވާދިނުމުގެ ޕައިލެޓް ޕްރޮޖެކްޓް އިއްޔެ ވަނީ 22 ސްކޫލެއްގައި ފަށާފަ ކަމަށެވެ. އަދި އެއްދަންފަޅިއަށް ސްކޫލުތަކުގެ ކިޔެވުން ފެށުމުން ސްކޫލުގެ ސެޝަން ފެށިގެންދާނީ ފަތިސް ނަމާދުން ކަމަށާއި އެއަށްފަހު ކުދިން ތަފާތު ކުޅިވަރު އަދި ކަސްރަތުގައި މަޝްއޫލުވެ އުޅުމަށްފަހު ގެއަށްގޮސް ސްކޫލަށް ތައްޔާރުވެގެން ސްކޫލުން ނާސްތާ ކުރުމަށްފަހު ކްލާސްތައް ފެށޭގޮތަށް ހަމަޖެހިފައިވާކަމަށް އެކަމަނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވިގޮތުގައި އެއްދަންފަޅިއަށް ސްކޫލުތައް ބަދަލުކުރަނީ ހަމައެކަނި ސެޝަން ބަދަލުކުރުމުގެ މާނައިގައި ނޫން ކަމަށާއި އެއީ ސްކޫލުތަކުގައި އެއްދަންފަޅިއަށް އެކަށީގެންވާ ވަސީލަތް ގާއިމްކޮށް ވަށާޖެހޭ ތައުލީމެއް ފޯރުކޮށްދީގެން ދަރިވަރުން ދުނިޔެއަށް ތައްޔާރު ކުރުވުމަށް ކަމަށެވެ.

އަދި ވަށާޖެހޭ ތައުލީމުގެ އަމާޒަކީ ދަރިވަރުންނަކީ ދުނިޔެއަށް ލޯހުޅުވި އެހެން މީހުންނާއެކު އުޅެން ދަސްވެފައިވާ ހުނަރުވެރި ތައުލީމީ ދީނަށް ލޯބިކުރާ ހަށިހެޔޮ ކުދިންތަކަކަށް ހެދުން ކަމަށްވެސް ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ އެއްދަންފަޅިއަށް ސްކޫލްތައް ބަދަލުވުމުން ސްކޫލް ސެޝަން ނިމުމުން ދަރިވަރުންނާއި ޓީޗަރުން ގެއަށްގޮސް އާއިލާތަކާއެކު ވަގުތު ހޭދަކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށާއި އެއްދަންފަޅިއަށް ކިޔަވައިދިނުން ކުރިއަށް ގެންދަނީ ޓީޗަރުންނާއި ބެލެނިވެރިން އަދި ކަމާގުޅޭ ފަރާތްތަކުގެ ލަފައާ މަޝްވަރާއާއެކުކަމަށެވެ.

އެކަމަނާ ވިދާޅުވީ ތައުލީމީ އާ މަންހަޖުގެ މަގުސަދަކީ ދަރިވަރުން ޓެސްޓުތަކަށް ތައްޔާރުކޮށް ހަމައެކަނި ޓެސްޓްގެ ނަތީޖާއަށް ބެލުމުގެ ބަދަލުގައި ދިރިއުޅުމަށް ފުރާފުރިހަމަވެފައިވާ ދަރިވަރުންތަކެއް މުޖްތަމައަށް ނެރެދިނުން ކަމަށާއި އެއްދަންފަޅިއަށް ކިޔަވައިދޭން ފެށުމުން މި އަމާޒަށް ވާސިލުވާން ފަސޭހަ ވެގެންދާނެކަމަށެވެ. އެއްދަންފަޅިއަށް ސްކޫލްތައް ބަދަލުކުރުމުގައި ޓީޗަރުންނަކީ އެންމެ މުހިއްމު އަދި ބުރަ ރޯލެއް އަދާކުރާ ފަރާތްތައް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ސްކޫލް ނިންމާފައި ނުކުންނަ ދަރިވަރުންނަކީ މުޖްތަމައުއަށް ބޭނުންހިފޭ ބަޔަކަށް ނުވާކަމުގެ ޝަކުވާ ވަރަށް ގިނައިން އިވޭ ކަމަށާއި ސަރުކާރުން މިހާރު ކުރިއަށް މިގެންދަވާ ވަށާޖެހޭ ތައުލީމުގެ މަޝްރޫއުގެ ބޭނުމަކީ މި ޝަކުވާތަކަށް ނިމުމެއް ގެނައުން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355