twitterviber whatsapp telegramfacebookyoutube instagram
27th January 2020

ކުޅުދުއްފުށީގެ 50 ކައިޓް ސާފަރުން، މި ފޯރިގަދަ!

އަބްދުލް ވާހިދު ޙަސަން
Jun 15, 2019
1

ކުޅުދުއްފުއްޓަކީ އަބަދުވެސް ތަފާތު އެކި ހުނަރުވެރިންނާއި މަސައްކަތްތެރިންގެ ރަށެކެވެ. ކަނބުރުވެރިންނާއި ތިލޭރުންނާއި މޮޅެތި ވަޑިންނާއި ކުޅަދާނަ ކުރެހުންތެރިން މި ބިމުން އުފެދިފައި އެބަ ތިއްބެވެ. ހުނަރުވެރިން ފެނިގެން ގޮސްފައިވަނީ އެ ޒަމާނަކާ ގުޅޭހެން، އެންމެ މަތީ ފެންވަރުގަ އެވެ.

ގައުމީ ފެންވަރުގެ އެތުލީޓުންނާ އެކި ކުޅިވަރުތަކުން ހުނަރުވެރިން މިހާރު ކުޅުދުއްފުށީގައި އެބަ ތިއްބެވެ. ބައިސްކަލް ސްޓަންޓާއި ސައިކަލް ވާދަ ޖެހުމުގައި ވެސް އެއްވަނަ ޒުވާނުން ތިބީ ކުޅުދުއްފުށީގަ އެވެ. މިފަދަ އެތަކެއް ހުނަރުވެރި ޒުވާނުން ދަނީ އެކި ދާއިރާތަކުން އުފެދެމުންނެވެ. އެގޮތަށް މިފަހުން ދުނިޔޭގެ މަގުބޫލުކަން އެންމެ ބޮޑަށް ދަމައިގަތް ކައިޓް ސާފިންގައި ވެސް ކުޅުދުއްފުށީގައި ނަން އޮތީ ގަދައަށް ފެވިފަ އެވެ.

ވޯޓާ ސްޕޯޓްސްގެ ކުޅިވަރުތަކުގެ ތެރެއިން ރާއްޖޭގައި ވެސް ޒުވާނުންގެ މެދުގައި އެންމެ ފޯރިހިފާ ކުޅިވަރަކީ މިހާރު ކައިޓް ސާފިންނެވެ. މިއީ ފަތުރުވެރިކަމުގެ ރަށެއް ނޫނެވެ. އެކަމަކު ފަތުރުވެރިކަމުގެ ދާއިރާގައި ކުޅުދުއްފުށީގެ އެތައް ޒުވާނުނެއް އެބަ އުޅެ އެވެ. ފަހަކަށް އައިސް ވޯޓާ ސްޕޯޓްސް ޑައިވިންގެ ދާއިރާއަށް ވަންނަ ޒުވާނުން ގިނަ އެވެ. ކައިޓް ސާފުކުރުމުގައި މިއަދު ކުޅުދުއްފުއްޓަށް ނިސްބަތްވާ އެކި އުމުރު 50 މީހުން އެބައުޅެ އެވެ. މިއީ ޔަގީނަށް ވެސް ވަރަށް ހުނަރުވެރިންނެވެ.

ފާއިތުވި މަދުވި އަހަރުތަކުގެ ތެރޭގައި ކޮންމެ ރޯދަމަހަކުހެން ރިސޯޓްތަކުގައި ވަޒީފާ އުޅޭ ކައިޓް ދުއްވާ ޒުވާނުން ރަށަށް އާދެ އެވެ. އެމީހުން ޖަމާވާނީ ވެލިގަނޑު ސަރަހައްދަށެވެ. އެ ބީޗުގައި ކޮންމެ ރޯދަމަހަކުހެން އެ މީހުންގެ ކައިޓް ސާފިންގެ ހުނަރު ދައްކާލަ އެވެ. ރޯދަމަހު ނޫނަސް ވައި ނަލަ މޫސުމުގައި ކުޅުދުއްފުށީގެ ވެލިގަނޑުން ދިޔައީ މި 50 ކައިޓް ސާފަރުންގެ ހުނަރު ފެންނަމުންނެވެ. އެ މަންޒަރު ބަލަން އެތަނުގައި ގިނަ ބަޔަކު ތިބެ އެވެ. ކުޑަކުދިންނާއި އަންހެނުންވެސް އެ ފޯރީގަ އެވެ. ކައިޓް ސާފުކުރަން ބޭނުންވާ ކުދިންނަށް އެތަނުގައި ދަސްކޮށްދިނުން ވެސް އޮވެ އެވެ. ހަމަ ހިލޭ ސާބަހަށެވެ.

“ކައިޓް ބޯޑިންގ ކުޅުދުއްފުށި” އިންތިޒާމްކޮށްގެން ދެ ފަހަރު ވޯލްޑް ޗެމްޕިއަންކަން ހޯދި ކައިޓް އެރުވުންތެރިޔާ ޔޫރީ ޒޫން ވެސް ވަނީ ކުޅުދުއްފުއްޓަށް ގެނެސް ވަރަށް ކާމިޔާބު ސާފިން އިވެންޓެއް ކުރިއަށްގެންގޮސްފަ އެވެ. މިއީވެސް ކުޅުދުއްފުއްޓަށް ލިބިގެން ދިޔަ ވަރަށް ބޮޑު ކާމިޔާބީއަކާއި މަޝްހޫރުކަމެއް ހޯދައިދިން އިވެންޓެކެވެ.

ކުޅުދުއްފުއްޓަށް ކައިޓް ސާފިން ގެނައުމުގައި އެންމެ އިސް ދައުރެއް އަދާކުރި އެކަކަކީ، ބޮޑުރޭނި، އިބުރާހިމް ނުވަތަ ރައްޓެހިންގެ ނަމުންނަމަ (އިބީ) އެވެ. ރިސޯޓްގައި ވަޒީފާއަދާކުރަމުން ދިޔަ އިބީ ޗުއްޓީއަށް ރަށަށް އައި ބުރެއްގައި އައީ ކައިޓެއް ހިފައިގެންނެވެ. އޭނާ ކައިޓް ސާފުކުރާތަން ފެނި ގިނަ ބަޔަކު އެކަމަށް ޝައުގުވެރިވެ، ދަސްކުރަން އެދުމުން އިބީ ވަނީ ވަރަށް ގިނަ ޒުވާނުންނަށް ކައިޓް ސާފިން ދަސްވެސްކޮށްދީފަ އެވެ.

"އަހަރެމެންނަށް އެންމެ ފުރަތަމަ މިރަށުގައި ކައިޓް ސާފުކުރާތަން ފެނުނީ އިބީ، އިބީ ކައިޓްކުރަން ފެށިއިރުވެސް ރަށު ކުދިން ރިސޯޓްތަކުގައި ދިޔައީ މިކަން ކުރަމުން. އެކަމަކު އިބީއާއެއްކޮށް ކަހަލަގޮތަކަށް ރިސޯޓްތަކުގައި އުޅޭ އެހެން ކުދިންވެސް މިކަމުގައި އުޅުނު." ކުޅުދުއްފުށީގައި ކައިޓް ސާރފުކުރަން އުޅޭ ޒުވާނަކު ބުންޏެވެ.

ކައިޓް ސާފުކުރުމުގެ ހުނަރު މި މީހުން ދައްކަނީ ހަމައެކަނި ކުޅުދުއްފުއްޓަކު އެކަންޏެއް ނޫނެވެ. ކޮންމެ އަހަރަކުވެސް އެންމެންވެގެން އަވައްޓެރި ރަށަށްގޮސް މި ފޯރި ނަގަ އެވެ. ރީތި ގޮނޑުދޮށާއި ބޮޑެތި ފަޅުތައް ހުންނަ ރަށަށް ގޮސް މި ހުނަރު ދައްކާލަ އެވެ. އެގޮތުން ކުޅުދުއްފުށީ ކައިޓް ސާފަރުން އެންމެ ފަހުން މި ހުނަރު ދައްކާލީ ރީތީ، ނޮޅިވަރަންފަރުގަ އެވެ. އެ މަންޒަރު ބަލަން އެރަށްރަށުގެ ކުދި ބޮޑު މީހުން ޖަމާވެފައި ތިބެ އެވެ. އެމަންޒަރު ބަލައި ފޫހިނުވެ އެވެ. ހަމައެހާވެސް ހިތްގައިމެވެ.

ކައިޓް ސާފިންނަށް އޮތް އެންމެ ބޮޑު ގޮންޖެހުން

ކައިޓް ސާފުކުރަމުން ދިޔަ ބީޗްގައި ބަނދަރެއް ހަދަން ފެށުމުން ރަށުގައި އެކަން ކުރެވޭނެ އެހެން ގޮތެއް މިހާރުވަނީ ނުވެފަ އެވެ. މިއީ ކައިޓް ސާފަރުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ހިތްހަމަނުޖެހުމެކެވެ. އެތަނުގައި ބަނދަރު ހަދަން ނިންމި ހިސާބުން ފެށިގެން އެ ބަނދަރުގެ ރަށުގެ އުތުރަށް ޖެއްސުމަށް އެމީހުން ވަނީ ވަރަށް މަސައްކަތްކޮށްފަ އެވެ. މިނިސްޓަރުންނާ ވެސް ބައްދަލުކުރި އެވެ. އެކަމަކު އެކަމަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެ އެވެ.

"އެވަރުގެ ބަނދަރެއް ހަދާނެ އެހެން ތަނެއް ރަށުން ލިބެން އޮއްވާ، ހަމައެކަނި ބީޗު އޮތްތަން ދުއްވާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން، އެއީ ހަމައެކަނި ކައިޓް ސާފްކުރާތަނެއް ނޫން، ދުވަސްވީ މީހުން ކަސްރަތު ކޮށްލާ ބީޗްގައި ހިނގާލަން އޮތް ތަންކޮޅު އެދިޔައީ، ހަމައެކަނި ރަށުގައި އޮތް ބީޗް އެދުއްވާލީ،" ވޯޓާ ސްޕޯޓްސްގެ ދާއިރާގައި އުޅޭ ޒުވާނަކު ބުންޏެވެ.

ކުޅުދުއްފުށީގައި އެތަކެއް ބަޔަކު މި ދާއިރާގައި އުޅޭއިރު އަދި މި ދާއިރާއަށް ޝައުގުވެރިވާއިރު އުފަން ރަށުގައި ކައިޓް ދުއްވާލައި ބީޗްގައި ހިނގާލައި ނުހެދެމަކީ ވަރަށް ބޮޑު ދެރަކަމެއްގެ ގޮތުގައި އެފަރާތުން ދެކެވެ. ރަށުގައި އެވަރުގެ ބަނދަރެއް ހަދާނެ އެހެން ސަރަހައްދެއް އޮވެމެ، ބަނދަރުގައި އެތަނުގައި ހަދައި އެ ރީތި ބީޗް ހަލާކުކޮށްލުން އެމީހުން ސިފަކުރަނީ " ޒުވާނުންތަކެއް މަގުމަތި" ކޮށްލިކޮށްލުމަށެވެ.

މިފަދަ ކުޅިވަރުތަކުގެ ސަބަބުން ރަށުގެ އިޖްތިމާއީ ރޫހު ވަރުގަދަވެ، ޒުވާނުން ނުރަނގަޅުމަގުން ދިޔުން ހުއްޓުވުމަށްވެސް ބާރުއަޅަ އެވެ.

ރަށަށް އަންނަ އުމްރާނީ ތަރައްގީއާއެކު ތިމާވެއްޓަށް ދަނީ ބޮޑުތި ގެއްލުންތަކެއް ލިބެމުންނެވެ. ބަނދަރު ހެދުން ފަދަ އުމްރާނީ ތަރައްގީގެ އަގަށް މިފަހަރު ވެގެންމިދިޔައީ ބޮޑު ދޮންވެލި ގޮނޑުދޮށެކެވެ. ދުރު މުސްތަގުބަލަށް ރަށަށް އެތަކެއް ފައިދާކުރާނެ ތަނެއް ހަލާކުވެގެންދިޔައީ އެވެ. އެތަކެއް ޒުވާނުންގެ މުސްތަބަލާވެސް ގުޅިފައިވާ ތަނެކެވެ. ރަށަށް އަންނަ މިފަދަ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގަން ޖެހޭނީ ރަށުގެ މުސްތަގުބަލަށް، ޒުވާނުންނަށް އެންމެ ފައިދާކުރާނެ ގޮތަކަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355