twitterviber whatsapp telegramfacebookyoutube instagram
16th July 2019

ކުޅުދުއްފުށީ ކުނިކޮއްޓަށް ހައްލެއް ނުލިބި، ރައްޔިތުން ސިއްހީ ނުރައްކަލުގެ ތެރެއަށް!

• ކުނިކޮށި ކައިރީގައި ސްކޫލަކާއި ސްޓޭޑިއަމަކާއި އަދިވެސް ގިނަ މުވައްސަސާތައް ހުރޭ
• ކުނި އެންދުމުން އަރައި ވިހަ ގޭހުން ސިއްހީ މައްސަލެއް ކުރިމަތިވެދާނެކަމުގެ ބިރުބޮޑު
• ކުނިކޮށިން އަރައި ވިހަ ގޭހުގެ ތެރޭގައި ކެންސަރު ޖެހުމަށް މަގުފައިވާ ވިހަ ގޭސް ހުރޭ

އިބްރާހިމް ހަމީދު
Jun 17, 2019
2

ކުޅުދުއްފުށީ ކުނިކޮށީގައި ކުނިގިނަވެ ނުބައި ވަސްދުވާ ބައެއްފަހަރަށް ކޮށިން ދުންއަރަމުންދާތީ އެސަރަހައްދުގައި ހުންނަ އަފީފުއްދީން ސްކޫލުގެ ކިޔަވާ ދަރިވަރުންނާއި ޒޯން ސްޓޭޑިއަމް ބޭނުންކުރާ ފަރާތްތަކާއި އެސަރަހައްދުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް އުދަނގޫވަމުންދާތީ ރައްޔިތުންގެ ކަންބޮޑުވުމާއި ޝަކުވާ މިކަމުގައި ދަނީ އަބަދުމެ ލިބެމުންނެވެ.

ކުޅުދުއްފުށީގެ ކުނިކޮށިން އަރަމުންދާދުމާއި ވަހުގެ ސަބަބުން އެސަރަހައްދުގައި ސްކޫލުގެ ކިޔަވާ ދަރިވަރުން ތަފާތު އުދަނގޫތަކާދަނީ ކުރިމަތިވަމުންނެވެ. ޒޯން ސްޓޭޑިއަމް ބޭނުން ކުރާ ފަރާތްތަކަށާއި އެސަރަހައްދުގައި ދިރިއުޅެމުންދާ ރައްޔިތުންނަށްވެސް ދަނީ ސިއްހީގޮތުންނާއި އެހެން ގޮތްގޮތުންވެސް އުދަނގޫތަކާއި ކުރިމަތިލާން ޖެހިފަ އެވެ. މިއީ ކިޔަވާދަރިވަރުންނާއި ރަށުގެ އެންމެހާ ރައްޔިތުން ކުރާބޮޑު ޝަކުވާއެކެވެ . އަދި ކުނިކޮށިން އަރަމުންދާ ދުމުގެ ސަބަބުން ސްކޫލުކިޔަވާ ދަރިވަރުންގެ ސިއްހީ މައްސަލައެއް ދިމާވެދާނެތީ ބެލެނިވެރީން ތިބީ އިންތިހާއަށް ކަންބޮޑުވެ ހާސްވެ މިކަން އޮންނަނީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގަ އެވެ. އެއްވެސް ސަރުކާރަކުން މިކަމަށް ހައްލެއް ގެނެސް ދެވިފައެއް ނުވެ.

ކޭއޯއިން ދެއްނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން ވިދާޅުވީ މިއަހަރުގެ ޖެނުއަރީ މަހު ކައުންސިލުން މާލެއަށް ކުރި ދަތުރެއް އެންވަޔަރަމެންޠް މިނިސްޓަރު ޑރ ހުސެއިން ރަޝީދުއާ ބައްދަލުކޮށް ކުޅުދުއްފުށީގެ ކުނީގެ މައްސަލައަކީ ރައްޔިތުންނަށް ދިމާވެފައިވާ ބޮޑު މައްސަލައެއް ކަމަށާއި އެމައްސަލަ އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް އެދިފައިވާނެކަމަށެވެ.

"ޖެނުއަރީމަހު އަޅުގަނޑުމެން މާލެއަށް ކުރިދަތުރުގައި މިނިސްޓަރާއި ބައްދަލުވެ ދެއްކެވި ކުޅުދުއްފުށީގެ ކުނީގެ މައްސަލައަށް ހައްލެއްގެނެސް ދެއްވުމަށް އެވަގުތު މިނިސްޓަރު ވިދާޅުވި ތިކަމަށް ހައްލެއްގެނައުމަށް އިންސިނަރޭޓަރެއް ހަދިޔާ ކޮށްދޭނެކަމަށް" ރައީސް ވިދާޅުވި އެވެ.

އިތުރަށް ރައީސް ވިދާޅުވީ މިދިޔަ ހަފްތާގައި އެންވަރަޔަމަންޓް މިނިސްޓްރީންވަނީ ކުޅުދުއްފުއްޓަށް ދިމާވެފައިވާ ކުނީގެ މައްސަލައާބެހޭ ބައެއް މަޢުލޫމާތުތައް ހޯދުމަށް ކައުންސިލަށް ސިޓިއެއްފޮނުވާފައިވާކަމަށާއި ބޭނުންވާ މަޢުލޫމާތުތައް މިހަފްތާ ތެރޭގައި މިނިސްޓްރީއަށް ފޮނުވާނެ ކަމަށެވެ.

އެގޮތުން ކުނިކޮށީގެ ބޮޑުމިނާއި އެސަރަހައްދުގެ ހުރިތަން ތަން އެނގޭނެގޮތާއި ކުނިންނައްތާލަން ހަދިޔާ ކުރަން މިނިސްޓަރު ވިދާޅުވެފައިވާ އިންސިނަރޭޓަރު ބަހައްޓާނެ ތަނެއް އަންގައިދިނުމަށް އެދިފައިވޭ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިހަފްތާ ތެރޭގައި އެންވަޔަރަމެންޓް މިނިސްޓްރީން އެދުނު ހުރިހާ މައުލޫމާތެއް ފޯރުކޮށްދޭނަން. " ރައީސް އަބްދުއްލަތީފް ވިދާޅުވި އެވެ.

ކުނީގެ ހާލަތު ބައްލަވާލެއްވުމަށް އެންވަޔަރަމަންޓް މިނިސްޓަރު ޑރ ހުސެއިން ރަޝީދު ވަނީ މިއަހަރުގެ ފެބްރުއަރީ މަހު ހދ . ބައެއް ރަށްރަށަށް ކުރެއްވި ޒިޔާރަތުގައި ކުޅުދުއްފުއްޓަށް ވަޑައިގެން ކުނިކޮއްޓަށް ޒިޔާރަތްކޮށް އެތަނުގެ ހާލަތު އޮތް މިންވަރު ފެނިވަޑައިގެން ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

އަދި ރައްޔިތުންނަށް ދިމާވެފައި ކުނީގެ މައްސަލައަށް ހައްލެއް ގެނައުމަށް ހަތަރުޓަނުގެ އެންމެޒަމާނީ ފެންވަރުގެ އިންސިނަރޭޓަރެއް ވަރަށް އަވަހަށް ފޮނުވާނެކަމަށާއި އެކަމަށް ބޭނުންވާ ފަންނީ ބައެއް އެހީ އާއި މާލީ އެހީތެރިކަންވެސް އަދި މުވައްޒަފުންނާއި އިންސިނަރޭޓަރު ބަހައްޓާނެ ތަންވެސް ކައުންސިލަށް ފޯރުކޮށްދެއްވާނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

އަދި ކުނިމެނޭޖް ކުރުމުގެ ކޮންމެވެސް ވަރެއްގެ ހައްލެއް މިއިންސިނަރޭޓަރުން ލިބިގެންދާނެކަމަށާއި މަސައްކަތް ވީ އެންމެ އަވަހަކަށް ފެށުމަށްވެސް ކައުންސިލަށް މިނިސްޓަރުވަނީ އިލްތިމާސް ކޮށްފަ އެވެ.

ކޭއޯ ރައްޔިތަކު މަޢުލޫމާތު ހިއްސާ ކުރަމުން ބުނީ ނިމިދިޔަ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައިވެސް ރިޔާސީ އިންތިހާބު ބޯމަތިވެފައިއޮތްވާ ކުޅުދުއްފުއްޓަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ހައްލެއް ހޯދުމަށް ވެމްކޯ މެދުވެރިކޮށް ކުނިކޮށިހުސްކުރުމުގެ މަސައްކަތް ފެށި ކަމަށާއި އެހެންނަމަވެސް އިންތިހާބުގެ ކަންކަން ނިމުމާއެކު ފެނުނީ ކުނިކޮށިސާފުކުރުމުގެ މަސައްކަތް ވެސް ހުއްޓިގެން ދިޔަ ތަނެވެ.

"ރިޔާސީ އިންތިހާބު ބޯމަތިވެފައޮތްވާފެނުނީ ކޮޅުވެއްޓިއާއި މެސިނަރީގެނެސް ކުނިކޮށި ހުސްކުރަންފެށިތަން ރައްޔިތުން ތިބީ އުފަލުން ކުނީގެ މައްސަލައެއް ހަލެއްލިބުނީކަމަށް ހީކޮށް ކަންދިމާވީ އެހެނެއްނޫން ވޯޓްގެކަންކަންނިމުމާއިއެކު ފެނުނީ ވެމްކޯ ކުންފުނީގެ މަސައްކަތް ކުޅުދުއްފުށީން ހުއްޓުނުތަން. އެއާޕޯޓެއް ނިމުނިއެއްނޫން ކުނިކޮށީގެ މައްސަލައަށް ހައްލެއް ނުލިބުނު." އެމީހާހިތްހަމަނުޖެހިހުރެ ބުންޏެވެ.

އިތުރަށް އެމީހާ ބުނީ ނިމިދިޔަ ވެރިކަމުގައި ކުޅުދުއްފުށީގައި އެމަސައްކަތް ކުރި ވެމްކޯއިން ކަމަށާއި އެކުންފުނީގެ މަސައްކަތް ރާއްޖޭގައި މިހާރުވެސް ކުރިއަށްދާކަމަށެވެ. އެހެންނަމަވެސް ދެމެހެއްޓެނިވިގޮތަކަށް އެމަސައްކަތް ފެށިފައިނެތުމުގެ ސަބަބުން ފެށި މަޟްރޫޢު ހުއްޓި ހުރިހާ ގެއްލުމެއް މިއަދު ދަނީ ރައްޔިތުން ތަހައްމަލުކުރަމުން ކަމަށެވެ.

"މިސަރުކާރުންވެސް ކުޅުދުއްފުށީގެ ކުނީގެ މައްސަލައަށް ހައްލެއްގެނެސްދެއްވާނެކަމަށްދަނީ ބުނަމުން ހަތް މަސް ފާއިތުވެގެންދިޔައީ އެބުނާކުނިމެނޭޖްކޮށް ނައްތާލާ މެޟިނަރީއެއް އަދި ނުފެނޭ. އަދި ކުނިކޮށި އޮތީ އެހާލުގަ އަރާދުމުން ދޮވާވަހުން އެސަރަހައްދަށް ގާތްވޭވަރެއްނުވޭ. ކޮންމެ ސަރުކާރަކުންވެސް އަޑަށް ބާރުލާފަ މިބުނަނީ މިއީބޮޑުތިލަދުންމަތީ ހަބޭ އެކަމަކު ހަބު މިވަނީ ހަވީރުފިންޏަށް ދުވާލާ ރެލީބައިސްކަލުގެ ހަބަކަށް." އެމީހާ ބުންޏެވެ.

އެމީހާ ބުނީ މިސަރުކާރުން ރައްޔިތުންނަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ހައްލުގެނެސްދޭނެކަމުގެ އުއްމީދު އެބައޮތްކަމަށާއި ނިމިދިޔަސަރުކާރުން ކުޅުދުއްފުށީގެ ކުނީގެ މައްސަލަ ހައްލުކުރުމަށް ގެންގުޅުވިކަހަލަ ސިޔާސަތެއް ނުގެންގުޅުއްވާނެކަމަށެވެ.

"މިސަރުކާރަށް ރައްޔިތުންނާއި ގުޅުން ހުރި ކަންކަން ނިންމުމަށް ގާނޫނޫ ހަދާ މަޖިލީހުގެ އެއްވެސް ހުރަހެއްނެތް. ކުޅުދުއްފުށިންވަނީ މިސަރުކާރަށް އެއްބާރުލުންދީ ރަށުގެ ތަރައްޤީއަށް މަސައްކަތް ކުރުމަށްޓަކައި ރަށުގެ ދެ ދާއިރާއަށް މިސަރުކާރުގެ ދެ މެމްބަރުން ރައްޔިތުންނުކުމެ ވޯޓްލާ އިންތިހާބުކޮށްދީފަ. އެއްވެސް ހުރަހެއް އޮވެގެން ނުވާނެ" އެމީހާ ބުންޏެވެ.

މިއީ ސިއްހީ ބޮޑު ނުރައްކަލެއް!

ކުނި ނައްތާލުމަށް ތަފާތު ވައްތަރުގެ ކުނި އެއްތަނެއްގައި އަންދަމުން ދާއިރު އޭގެން އަރާ ދުމުން މުޅި ސަރަހައްދު އޮންނަނީ ކިލަނބު ވެފައެވެ. ކުނިކޮށްޓާ އިންވެގެން ސްޓޭޑިއަމް އޮންނައިރު ހަމަ އެހާ ކައިރީގައި ކުދިން ތައުލީމު ހާސިލު ކުރަމުންދާ ސްކޫލެއްވެސް އޮވެއެވެ. ސިއްހީގޮތުން އަޅަންޖެހޭ އެއްވެސް ރައްކާތެރިކަމުގެ ފިޔަވަޅެއް އެޅުމެއް ނެތި ކުނިކޮށީގެ އެތެރޭގައި ކުނި އަންދަމުން ދާއިރު އޭގެން އަރާ ދުމުގެ ސަބަބުން ވަރަށް ގިނަ ބައެއްގެ ސިއްހަތަށް ގެއްލުންތަކެއް ވެއެވެ.

މިއީ އަބަދުވެސް މިކަން ކުރަމުން އައި ގޮތޭ، ކުނި އަންދައިގެން ވާނީ ކޮން ގެއްލުމެއްހޭ ބުނާއިރު އޭގެން އަރާ ދުމަކީ ވަރަށް ނުރައްކާތެރި އެއްޗެކެވެ. މިހެން އެންދޭ ކުނިބުނީގެ ކުދިކުދި އެތިކޮޅުކޮޅު ދުމަށް އަރައިގެން ޖައްވުގެ ތެރޭގައި ހަރުލައެވެ. މިދުން ޖައްވުގައި ގިނަވެ ބައެއްފަހަރު އެސިޑްރެއިން އަށް މަގުފަހިވެއެވެ. އަދި މިދުމުގެ ތެރޭގައި ނޭވާލުމުން، ނޭވާލާނިޒާމަށް ގެއްލުންތަކެއް ލިބެއެވެ. ސިއްހީ އޮފިޝަލުން ވިދާޅުވާގޮތުގައި މިގޮތަށް ކުނި އަންދާއިރު ކާބަންޑައިއޮކްސައިޑް، ހައިޑްރޯކާބަންސް، މާކިއުރީ، ޑައިއޮކްސިންސް، ފިއުރަންސް، އާރސެނިކް، ލެޑް، ކާބޮންމޮނޮކްސައިޑް، ނައިޓްރޮޖެން އޮކްސައިޑް، ސަލްފާ އޮކްސައިޑްސް އަދި ހައިޑްރޯކްލޮރިކް އެސިޑްސް ގިނަ އަދަދަކަށް ބޭރުވެއެވެ. މިއީ މުޅިންވެސް ސިއްހަތަށާއި ތިމާވެއްޓަށް ގެއްލުންދޭ މާއްދާ ތަކެވެ.

މަތީގައި ފާހަގަ ކުރެވުނު މާއްދާ ތަކުގެ ތެރެއިން ޑައިއޮކްސިންސް އާއި ފިއުރަންސް އަކީ ސިއްހަތަށް ވަރަށް ނުރައްކާތެރި އަސަރުތަކެއް ކުރާ ދެ މާއްދާއެވެ. އެގޮތުން ތަފާތު ބާވަތްތަކުގެ ކެންސަރާއި މި މާއްދާތައް ވަނީ ގުޅިފައެވެ. މީގެ އިތުރުންވެސް ދަރިމައިވުމުގެ ނިޒާމާއި ދިފާއީ ނިޒާމަށްވެސް ގެއްލުންވެއެވެ. އަދި ހެދިބޮޑުވަމުން އަންނަ ކުދިންގެ ނާވަސް ސިސްޓަމް އަށް ވެސް ގެއްލުންތަކަކާއި ކުރިމަތިވެއެވެ. ސިއްހީ މައްސަލަތަކުގެ އިތުރުން ތިމާވެއްޓައްވެސް މި ދެމާއްދާއިން ކުރާ ނޭދެވޭ އަސަރު ވަރަށް ބޮޑެވެ. ދިރޭއެއްޗެހީގެ ކާނާއަކަށް ވެފައިވާ ފަތްތަކުގައި މި ނުރައްކާތެރި މާއްދާ ހަރުލައެވެ. އަދި އެއެއްޗެހި ކެއުމުގެތެރެއިން ހަށިގަނޑަށް އެތެރެވެއެވެ. ބައެއް ދިރޭ އެއްޗެއްސަކީ އަހަރެމެންގެ ކެއުމުގެ ތެރޭން ބޭނުންކުރެވޭ އެއްޗެހިކަން ވެސް ވިސްނާލާށެވެ. މި ވިހަ މާއްދާތައް އަހަރެމެންގެ ހަށިގަނޑުގެ ތެރެއަށްވެސް ވަނުމަކީ އޮތްކަމެކެވެ. ދުނިޔެހޫނުވުމާއި ކަޑުގެ ލޮނުގަނޑު އުފުލުން ފަދަ ގުދުރަތީ ކަންތައްތައް ދިމާވުމުގައި ކުނި އަންދާ ދުމަކީ ވަރަށް ބޮޑު ދައުރެއް އަދާކުރާ އެއްޗެކެވެ.

ކުނިކޮށީގެ މައްސަލައަށް އަވަސް ހައްލެއް ލިބިގެންދިޔުމަކީ ރައްޔިތުންގެ ބޮޑު އުންމީދެކެވެ. މިފަދަ ހާލަތު ދިމާވެފައިވާ އެހެން ބައެއް ރަށްތައްވެސް އެބަހުއްޓެވެ. ރައްޔިތުން ސަރުކާރުތައް ގެންނަނީ ފޮނި އުންމީދުގައި އެވެ. މިފަދަ މައްސަލަތައް ހައްލުކުރުމުގެވެސް އުންމީދުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355