twitterviber whatsapp telegramfacebookyoutube instagram
19th September 2019

ކުޅުދުއްފުށީގެ ކުނީގެ މައްސަލަ ހައްލުކުރުމަށް އެހީވާނަން، ފުރަތަމަ ޕްލޭނެއް ހަދައިދީ: ތިމާވެއްޓާ ބެހޭ ވަޒީރު

އަބްދުލް ވާހިދު ޙަސަން
Jun 21, 2019
1

ކުޅުދުއްފުއްޓަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި ކައުންސިލުން ފުރަތަމަ ކޮށްދޭންވީ ކަމަކީ ކުނިމެނޭޖްކުރުމުގެ ޕްލޭނެއް ހެދުންކަމަށް އެންވަޔަރަންމެންޓް މިނިސްޓަރު ޑރ ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ އިއްޔެ ކުޅުދުއްފުއްޓަށް ވަޑައިގެން ކައުންސިލް މެމްބަރުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ކުނި މެނޭޖްކުރުމަކީ ގާނޫނީގޮތުން ކައުންސިލްތަކާ މަތިކޮށްފައިވާ ޒިންމާއެއް ކަމަށާއި ކުޅުދުއްފުށީ ކުނި މެނޭޖްކުރުމަށް މިނިސްޓްރީން ކައުންސިލަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. ކައުންސިލްގައި ކުނި މެނޭޖްކުރުމުގެ ޕްލޭނެއް ނެތުމުން އެއީ ކަންބޮޑުވުމެއްގެ ގޮތުގައި ސިފަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އުސޫލެއްގެ ގޮތުގައި މިނިސްޓްރީ އެހީތެރިކަންފޯރުކޮށްދެނީވެސް ޕްލޭން ހަދައި ހުންނަ ކައުންސިލްތަކަށް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ޕްލޭނެއް ހެދުމަށް ފަހު، ކުނި މެނޭޖްކުރަން ބޭނުންވާ ފަރާތެއް ހޯދުމަށް އިއުލާނުކުރެވިދާނެ ކަމަށެވެ. ކުޅުދުއްފުށީ ކުނިކޮށި މެނޭޖްކުރުމަށް ބޭނުންވާ ފަރާތްތަކުން އެކަމުގެ ޝައުގުވެރިކަން މިނިސްޓްރީގައި ފާޅުކޮށްފައިވާ ކަމަށާއި އެހެންވުމުން ޕްލޭން ހަދައި ކުނި މެނޭޖްކުރުމަށް ހުޅުވާލުމަށް މިނިސްޓަރު ލަފާދެއްވި އެވެ.

އަދި ފަންނީގޮތުންނާއި މާލީ ގޮތުން އެކަންކަމުގައި މިނިސްޓްރީންގެ ފަރާތުން ކައުންސިލަށް އެހީތެރިކަންފޯރުކޮށްދެއްވާނެކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ކުނީގެ މައްސަލަ ހައްލުކުރުމަށް ބޭނުންވާ އިސިލިނޭޓަރު ފޮނުވުމުގެ މަސައްކަތްކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކައުންސިލް ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވީ ކުނީގެ މައްސަލަ ހައްލުކުރަން ބޭނުންވަނީ ކުންފުންޏަކާ ހަވާލުކޮށްގެން ކަމަށާއި އެކަން ކައުންސިލަށް ނުކުރެވޭނެ ކަމަށެވެ. އެހެންވުމުން 2010 ވަނަ އަހަރުތެރޭގައި ކުނިކޮށި ޔޫޓިލިޓީއާ ހަވާލުކޮށްފައިވާ ކަމަށެވެ. މިހާރު ފެނަކައިން އެމަސައްކަތްކުރަމުންދާއިރު ކައުންސިލްގެ ދަށަށް ގެނެސްފިނަމަ މިހާރު އެކުރާ ވަރަށްވެސް އެކަން ނުވާނެކަމަށް ލަތީފް ވިދާޅުވި އެވެ.

ލަތީފް ވިދާޅުވީ ކައުންސިލްގައި ކުނި މެނޭޖްކުރުމުގެ މާލީ ތަނަވަސްކަމާއި އިންސާނީ ވަސީލަތްވެސް ނެތް ކަމަށެވެ. އަދި ކުޅުދުއްފުއްޓަށްވުރެ ކުރިއަރާފައިވާ ރަށްތަކުގައިވެސް ކުނި މެނޭޖްކުރަނީ ކައުންސިލުން ނޫން ކަމަށާއި އެކަން ކުރަނީ ވެމްކޯއާ ހަވާލުކޮށްކަން ފާހަގަކުރެއްވި އެވެ. އެގޮތުން ކައުންސިލުންވެސް ބޭނުންވަނީ ވެމްކޯއާ ހަވާލުކުރަން ކަމަށް ލަތީފް ވިދާޅުވި އެވެ.

އެކަމަކު މިނިސްޓަރު އެކަމަށް ދެކޮޅު ހައްދަވަ އެވެ. އެކަން ކައުންސިލުންތަކުން ނަގައި ވެމްކޯއާ ހަވާލުކޮށްފައިވާ ކުރީގެ ސަރުކާރުންކަމަށެވެ. އެއީ އެކަން ގާނޫނޫގައި އޮންނަގޮތް ނޫން ކަމަށާއި ކުނިމެނޭޖްކުރުމުގެ ކަންކަން ގާނޫނޫ ލާޒިމްކޮށްފައިވަނީ ކައުންސިލްތަކާކަން މިނިސްޓަރު ތަކުރާރުކޮށް ފާހަގަކުރެއްވި އެވެ. އަދި މިސަރުކާރުން ބޭނުންވަނީ ކައުންސިލްތަކަށް އެހީތެރިކަންފޯރުކޮށްދީގެން ބާރުވެރިކުރުވުންކަން މިނިސްޓަރު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355