twitterviber whatsapp telegramfacebookyoutube instagram
24th August 2019

ކުޅުދުއްފުށީ އެއާޕޯޓް މަސައްކަތް ނިންމާ، ބޮޑުއީދަށް ހިދުމަތް ލިބިގެންދާނެ: ޓްރާންސްޕޯޓް

އިބްރާހިމް ހަމީދު
Jun 23, 2019
4

ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތް ނިންމާ، އަންނަ ބޮޑުއީދަށް ހިދުމަތް ލިބިގެންދާނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙުމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީގައި އެއާޕޯޓް އަޅާފައިވަނީ ކުޅިއެއްގެ ބަޔެއް ހިއްކާ، އެ ކުޅީގެ މެދުގަ އެވެ. ރަންވޭގެ ދެ ފަރާތުގައި ފެންގަނޑު އޮންނަ ގޮތަށެވެ. އެހެންވުމުން ގިނަ އަދަދަކަށް ދޫނި ޖައްސާނެ ކަމަށާއި އެއީ ފްލައިޓްތަކަށް ނުރައްކާވެދާނެ ކަމަކަށް ވާތީ ސިވިލް އޭވިއޭޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށް އެންވަޔަރުމެންޓް މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފަ އެވެ.

އެ ސިޓީގެ މައުލޫމާތު އެންވަޔަރްމަންޓް މިނިސްޓަރު ޑރ ހުސެއިން ރަޝީދު ވަނީ ކުޅުދުއްފުށީ ކައުންސިލާވެސް ވަނީ ހިއްސާކޮށްފަ އެވެ. އަދި އެކަން ކޭއޯއިން ރިޕޯޓްކުރުމާއެކު ރަށުގެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ. އަދި އެއީ އެއާޕޯޓްގެ އޮޕަރޭޝަންތައް ނުފެށުމަށް ދައްކާ ބަހަނާއެއްކަމަށް ބުނެ ފާޑިކިޔަމުންނެވެ.

އެމައްސަލައާ ގުޅިގެން ރައްޔިތުން މިއަދު ތިބީ ހާސްކަމެއްގެ ތެރޭގައި އެއާޕޯޓްގެ ހިދުމަތް ލިބިގެންދާނެ ދުވަހެއް ނޭނގި ކަންބޮޑުވުމެއްގެ ތެރޭގަ އެވެ. ނަމަވެސް މިއަދު މިވަނީ އެއާޕޯޓްގެ މަސައްކަތް ކުރިއަށްގެންގޮސް ނިންމާ އޮޕަރޭޝަންތައް ފަށާނެކަމުގައި ޔަގީންކަން ދީފަ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙުމަދު ޒާހިރު މިއަދު ކޭއޯއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ އެއާޕޯޓްގެ މަސައްކަތް ނުހުއްޓޭނެކަމަށާއި މިހާރުވެސް އެއާޕޯޓްގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށެވެ.

"ސަރުކާރުން ނިންމާފައިވާ ގޮތަށް އެއާޕޯޓްގެ މަސައްކަތް ކުރިއަށްދާނެ. އަޅުގަނޑުމެންގެ ޓާގެޓަކީ އެއާޕޯޓްގެ ހިދުމަތް ބޮޑު އީދަށް ރައްޔިތުން ނަށް ލިބިގެން ދިއުން. އެޓާގެޓަށް މިމަސައްކަތް ކުރަނީ. މީގަ ކަންބޮޑުމެއްނެއްދެތޯ." ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ.

ސްޓޭޓް މިނިސްޓަރު އަހުމަދު ޒާހިރު ވިދާޅުވީ ކުރިއަށް ދެ ދުވަހެއްގެ ތެރޭގައި އެއާޕޯޓްގެ ފަޔާރ ބިލްޑިންގ މަސައްކަތް ފެށިގެންދާނެކަމަށާއި ޓާމިނަލްގެ މަސައްކަތްވެސް ވަރަށް ބާރަށް ކުރިއަށްދާކަމަށެވެ.

އެއާޕޯޓަށް ބޭނުންވާ ބައެއް ވެހިކަލު ހޯދުމަށް މިހާރު އިއުލާނުކޮށްފައިވާއިރު މިމަހުގެ ތެރޭގައި ވަޒީފާއަށް ހުޅުވާލާނެކަން ރީޖަނަލް އެއާޕޯޓުންވެސް ވަނީ މީގެ ކުރިން ހާމަކޮށްފަ އެވެ.

ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިޙު މިދިޔަ މަޖިސް އިންތިހާބުގައި ކުޅުދުއްފުއްޓަށް ވަޑައިގެން ވިދާޅުވެފައިވަނީ ބޮޑު އީދަށް އެއާޕޯޓްގެ ދަތުރުތައް ފެށޭތޯ މަސައްކަތްކުރާނެ ކަމަށެވެ. ކުޅުދުއްފުށީ އެއާޕޯޓް ތަރައްގީކޮށްދިނުމުގެ ވައުދަކީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހްގެ ވެސް ވައުދެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355