twitterviber whatsapp telegramfacebookyoutube instagram
20th February 2020

ކުއްލި މަރުތައް ގިނަވަނީ - ފަހަތުގައި ހުރި ސަބަބުތައް ދެނެގަންނަން ޖެހޭ

Jul 6, 2019
4

ހދ ކުޅުދުއްފުށީ އަރުޝީ އަޙްމަދު ޢަބްދުﷲ ނަސީރު ނިޔާވި ޚަބަރު އަޑުއިވުމުން ފުން ހިތާމައެއް ކުރިއެވެ. އޭނާގެ ޢާއިލާއަށް މިލިބުނު ހިތާމައިގައި، ބައިވެރިވެ، މި ހިތާމަވެރި ދަނޑިވަޅުގައި، އެ ޢާއިލާގެ މެމްބަރުންނަށް ކެތްތެރިކަން މިންވަރުކޮށްދެއްވުންއެދި ދުޢާކުރަމެވެ.

އަޙުމަދަކީ، ކުޅިވަރުގެ ދާއިރާގައި ޙަރަކާތްތެރި ޒުވާން ކުއްޖަކަށްވުމުންނާއި، ޒުވާން އުމުރުގެ ކުދިންގެ ދެކެފަރިތަކަމާއި ރަޙްމަތްތެރިކަން އޮތުމުން، އެހާ ކުއްލިގޮތަކަށް އޭނާ ނިޔާވުމުން އެކަން ޤަބޫލުނުކުރެވި، ގިނަ ބަޔަކު އެވާހަކަދެއްކިއެވެ. ލިބުނުކުއްލި ޙައިރާންކަމުގައެވެ. ލިބުނު ފުން ހިތާމައިގައެވެ.

އަޅުގަނޑުވެސް ޤަބޫލުކުރަމެވެ. ދީނީ ނަޒަރަކުންބަލާއިރު، ކޮންމެ މީހަކީވެސް ހެއްދެވިފަރާތަށް އެނބުރި ރުޖޫޢަ ކުރެވޭނެ މަޚްލޫޤެކެވެ. ކޮންމެ ފުރާނައަކަށްވެސް، އަޖަލެއް ވެއެވެ، އަދި އަޖަލު ހަމަވުމުން ނެތިދެއެވެ. މަރަށްވުރެ ކައިރި، މަރަށްވުރެ ޔަޤީންކަމެއްވެސް ނުވެ އެވެ.

އެކަންކަން ފުރިހަމައަށް ޤަބޫލުކުރުމާއެކުވެސް، އަހުމަދު ނިޔާވި ޚަބަރުލިބުމުން އަޅުގަނޑުގެ ހިތުގައި އުފެދުނު ޝުއޫރުތަކެއްގެ ވާހަކަ ހިއްސާކޮށްލާނަމެވެ.

ދިވެހިރާއްޖެ ޞިއްޙީގޮތުން ހޯދާފައިވާ ކުރިއެރުންތަކުގެ އަލީގައި، ރާއްޖޭގައި ވިހާބޮޑުވެ ދިރިއުޅޭ ފިރިހެނެއްގެ އުމުރުގެ އާންމުދިގުމިނަކީ، 73 އަހަރުކަަމަށާއި، އެފަދަ އަންހެނެއްގެ އުމުރުގެ އާންމުދިގުމިނަކީ، 74 އަހަރުކަމަށް ދިވެހި ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެހެންކަމުން، ކުއްލި އެެހެންކަމެއް މީހެއްގެ އުމުރުގެ ތެރޭން މެދުވެރިނުވާނަމަ، ރާއްޖޭގައި ދިރިއުޅޭ މީހަކު އާންމުގޮތެއްގައި 70 ވަރަކަށް އަހަރަށްވުރެ މައްޗަށް ދުނިޔޭގައި ހުންނާނެކަމަށް ބެލުމަކީ، ކޮށްއުޅޭކަމެކެވެ

އެހެން އެބަލަނީ، މީހުންގެ ތަޢުލީމީ ހޭލުންތެރިކަމާއި، އާންމު އިޤްތިސާދީ ފުދުންތެރިކަމާއި، ކެއުންބުއިމުގެ އާދަތަކާއި، ދިރިއުޅުމުގެ ވަށްޓަފާޅިއާއި، އާންމު ޞިއްޙީ ދުޅަހެޔޮކަމާއި، ސަރުކާރުން ޞިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކާއި ކުރާ މަސައްކަތްތަކުން ނުކުންނަ ޖުމްލަ ނަތީޖާގެ އަލީގައެވެ. ޤައުމުގެ ތަރައްޤީގެ މިންގަޑުތަކާ އަޅާބަލާއިރު، މީހަކުވިހާދަރިފުޅު ދުނިޔޭގައި ހުންނާނެކަމަށް ބަލާ ހިސާބުތަކެއްގެ ވެސް އަލީގައެވެ.

އެއަށްވުރެކުރިން މީހަަކު މަރުވެއްޖެނަމަ، އޭނާއަށް ކޮންމެވެސް ކަމެއް ދިމާވީ ކަމުގައި ބަލައެވެ.

އެގޮތުން ދިމާވި ކަމަކީ، ޖެހުނު ބައްޔެއް، ނުވަތަ ދިމާވި އެކްސިޑެންޓެއްކަމުގައިވެސް ވެދާނެއެވެ. ނުވަތަ، ވީ ބައްޔަކަށް ނުވަތަ ދިމާވި އެކްސިޑެންޓަކަށް ލިބެންވާ ފަރުވާ ނުލިބި، ނުވަތަ ލިބުުނު ފަރުވާލަސްވެ، ނުވަތަ ދޭންވީ ފަރުވާ ދެނެނުގަނެވި ލަސްތަކެއްވެ، ނުވަތަ ފަރުވާދިނުމުގައި އޮތް އިހުމާލެއްގެ ސަބަބުނުް ވީ ކަމެއްކަމުގައިވެސް ވެދާނެއެވެ.

ދަންނަވަން މިއުޅޭ ވާހަކައަކީ، ޅަ އުމުރުގެ ކުއްޖަކު މިދުނިޔެއަށް ކުއްލި މަރަކާ ހެދި އަލްވަދާޢު ކިޔައިފިނަމަ، ކުރަންޖެހޭ ސުވާލުތަކެއް ހުންނަ ވާހަކައެވެ. ބަަލައި ހޯދަންޖެހޭ ކަންތައްތަކެއް ހުންނަ ވާހަކައެވެ. އެކުއްޖާ އެ މަރުވެދިޔައީ، އިންސާނެއްގެ ބާރު ނުފޯރާވަރުގެ ކަމެއްގެ ސަަބަބުން، މުޅިން ޤުދުރަތީ ސަަބަބެއްގެ މައްޗަށްތޯ ކަށަވަރުކުރަންޖެހެއެވެ. އޭނާ އެމަރުވެދިޔައީ، އިންސާނެއްގެ ބާރުފޯރާވަރުގެ ކަމެއްގެ ސަބަބުން ކަމުގައިވާނަމަ، އޭނާއަށް އެދިމާވި ކަމަކާއި، އޭނާއަަށް އަޅާލަންޖެހޭ މަޤާމުތަކުގައި ތިބި އާއިލާގެ މެމްބަރުންނާއި، ސިއްޙީ ޚިދުމަތްތެރިން އެމީހުންގެ ޒިންމާ އެކަށީގެންވާގޮތުގައި އަދާކޮށްފައިވާވޭތޯ ބަލައި ކަށަވަރުކުރަންޖެހެ އެވެ.

އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، "ވަގުތުގެ ކުރިން" ނުވަތަ "ކުއްލި މަރަކުން" މަރުވާކުދިންގެ މަރުތަކުގެ ޙަޤީޤަތް ކޮންމެވެސް ގޮތަކަށް ދެނެގަތުމުގެ ވިސްނުމެއް އަޅުގަނޑުމެން އުފައްދަންވެއްޖެވާހަކަ އެވެ. މަރުގެ ޙަޤީޤަތް އެންމެފުރިހަމަގޮތުގައި ދެނެގަނެވޭނީ ޕޯސްޓް މޯޓަމެއް ހަދައިގެން ކަމުގައިވެެސް ބުނެއުޅެ އެވެ. އެހެންނަމަވެސް، އެނުހަދައިވެސް، އޭނާ މަރުވުމުގެ ކުރިން ކަންކަން ހިނގައިދިޔަގޮތް ފަހަތަށް ގޮސް ބަލައި ދިރާސާކޮށްގެންވެސް، ކޮންމެވެސް ވަރެއްގެ ޖަވާބެއް ލިބޭނެތާ އެވެ.

މިކަން މިހެން ކުރަންޖެހެނީ، ޅަފަތުގައި ނުވަތަ ޒުވާން އުމުރުގައި "ވަގުތުގެ ކުރިން" ކުއްޖަކު މަރުވެދިޔުމުން، އެ ޢާއިލާއަށް ޖަވާބު ހޯދައިދިނުމުގެ ބޭނުމުގައެވެ. އިންސާނީ ސަބަބުތަކެއް އެކަމުގައި އެކުލެވިގެންވާނަމަ، ދެވަނަ ފަހަރަށް އެެހެން ކުއްޖަަކަށް އެކަން ދިމާނުވާނެ ގޮތް ހެދުމުގެ ގޮތުންނެވެ. ސިއްޙީ ފަރުވާގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުންނާއި އެކަކުއަނެކަކަށް އަޅާލާ މުޖުތަމަައެއް ބިނާކުރުމުގެ ގޮތުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355