twitterviber whatsapp telegramfacebookyoutube instagram
21st November 2019

ބަނދަރުގެ މަސައްކަތް ކުރިއަށްދަނީ ރައްޔިތުންނާއި އޮޑިވެރިން އެދުނުގޮތަކަށް ނޫން: ކައުންސިލް

އިބްރާހިމް ހަމީދު
Jul 8, 2019
4

ކުޅުދުއްފުށީގައި މިހާރު ސަރުކާރުން ހަދަމުންދާ ލޯކަލް ބަނދަރުގެ މަސައްކަތްތައް ކުރިއަށް ދަނީ އޮޑިވެރީންނާއި ރައްޔިތުން އެންމެ ބޭނުންވާ ބަދަލުތަކެއް ގެނެސްގެން ނޫން ކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެފި އެވެ.

ކުޅުދުއްފުށީ ބަނދަރަކީ މާލެއިން އުތުރުގެ އެންމެ ކާރުބާރު ބޮޑު ބަނދަރެވެ. ދުވާލަކު އެތައްސަތޭކަ ބަޔަކު މިބަނދަރުގެ ބޭނުންދަނީ ކުރަމުންނެވެ. މިހާރު ބޭނުން ކުރަމުންދާ ބަނދަރު ކުޑަވެ ސަރުކާރުން މިކަމަށް ހައްލެ ގެނެސްދިނުމަށް މިވަނީ ކުޅުދުއްފުށީގައި އިތުރު ލޯކަލް ބަނދަރެއް ހެދުމުގެ މަސައްކަތް ފަށައިފަ އެވެ. އެހެން ނަމަވެސް މިއަދު ސަރުކާރުން ކުޅުދުއްފުށީގައި ހަދަމުންދާ ބަނދަރަށް އޮޑިވެރީން ރައްޔިތުން ބޭނުންވާ އެއްވެސް ބަދަލެއް ނުގެނެވި ބަނދަރުގެ މަސައްކަތް ނިމެމުންދާތީ އޮޑިވެރީންނާއި އޮޑިދޯނިފަހަރު ގެންގުޅޭ ފަރާތްތަކުން ކަންބޮޑުވުންފާޅު ކުރަމުންނެވެ.

ކޭއޯއަށް މަޢުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ކައުންސިލުން ބަނދަރުގެ މަސައްކަތްތަކާއި ހަވާލުވެ ހުންނެވި ކައުންސިލް މެމްބަރު އަހުމަދު މުޙައްމަދު ވިދާޅުވީ ކުޅުދުއްފުށީގައި މިހާރު ސަރުކާރުން ހަދަމުންދާ ލޯކަލް ބަނދަރަށް އޮޑިވެރީންނާއި ރައްޔިތުން ގެންނަން ބޭނުންވާ އެއްވެސް ބަދަލެއް ގެނެސް ނުދެވޭތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

"މިއީ އެތައް އަހަރަކު ރައްޔިތުންނާ މަޝްވަރާ ކޮށްގެން ކުރިކަމެއް. ކަނޑިމަވެސް އަޅުގަނޑުމެންނާއި ރައްޔިތުން އެދުނީ އެމްޕީއެލް ބަނދަރު ކައިރިން ލާފައިވާ ތޮށިގަނޑު ކައިރިއަށް ކަނޑިމަ ލައިދިނުމަށާއި މާރުކޭޓްވެސް ދެބުރިއަށް ހަދައިދޭން އެދުނިން. އަދި ޓާމިނަލްވެސް ދެބުރިއަށް ހަދައިދޭން އެދުނިން އެއްކަމެއްވެސް ނުވި." ކައުންސިލް މެމްބަރު އަހުމަދު މުޙައްމަދު ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީ ބޭފުޅުންނާއެކު އެމްޓީސީސީ ސައިޓްގައި ކުރިއަށް ދިޔަ ބައްދަލުވުމުގައި ބޭރުތޮށި ބޭނުން ކުރެވޭގޮތަށް ހައްދަވައިދެއްވުމަށްވެސް އެދުނިން ކަމަށެވެ. މިނިސްޓްރީ ބޭފުޅުން ވިދާޅުވީ ކޮށްދެއްވާނެކަމަށް ލިޔެކިޔުމަކުން އެއްވެސް ޖަވާބެއް އަދި ނުލިބޭ ކަމަށް ކައުންސިލަރު އަހުމަދު ވިދާޅުވި އެވެ.

ކުޅުދުއްފުށީ ބަނދަރު ވީމާ ޖަހަމުންދާ ހިލަތޮށިވެސް ބޭރުއާނުގަނޑު މައްޗަށް ނުޖެހޭކަމަށާއި މާލެ ވީމާ ޖަހާތޮއްޓެއްވިއްޔާ ހައުސިން މިނިސްޓްރީން ބޭނުންވާހާގޮތަކަށް ބޭރު އާނުގަނޑު މައްޗަށް ވެސް ޖެހޭކަމަށް އަޙުމަދު ވިދާޅުވި އެވެ.

އިތުރަށް އަޙުމަދު ވިދާޅުވީ އޮޑިވެރީންނާއި ރައްޔިތުންނާއެކު ވަރަށް ގިނަ ބައްދަލުވުންތަކެއް ކައުންސިލުން ކުޅުދުއްފުށީގެ ބަނދަރާއި ބެހޭގޮތުންވަނީ ބޭއްވި އެމީހުންގެ އެކަންބޮޑުވުންތަކާއި ބޭނުންވާ ބަދަލުތައްވެސް ވާނީ މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށެވެ.

"އެހެންނަމަވެސް ހަދަމުންދާ މާރުކޭޓްވެސް ޓާމިނަލްވެސް ދެބުރިއަށް ހައްދަވައި ދެވެން ނެތްކަމަށް ލިޔުމުން ކައުންސިލަށް މިނިސްޓްރީންވަނީ އަންގާފައި. މިއީ އެއްގޮތަކަށް ކައުންސިލުން ވެސް އޮޑިވެރީން އަދި ރައްޔިތުން ބޭނުންވާގޮތެއްނޫން." ކައުންސިލް މެމްބަރު އަހްމަދު ވިދާޅުވި އެވެ.

ބޭނުންވަނީ މާރުކޭޓްވެސް ޓާމިނަލްވެސް ދެބުރިއަށް ހެދި ކުޅުދުއްފުށީ ބަނދަރު ބޭނުންކުރާ އެންމެހާ ފަރާތްތަކަށް ލުއިފަސޭހަ ބަނދަރެއްގެގޮތުގައި ކުޅުދުއްފުށީގެ ބަނދަރު ވެގެން ދިއުން ކަމަށެވެ. އަދި މިހާރުން މިހާރަށް ގެނެވެން ހުރި ބަދަލުތައް ސަރުކާރުން ގެނެސްދެއްވާނެކަމަށް އުންމީދު ކުރައްވާކަމަށް އޭނާ ވިދާޅުވި އެވެ.

ކުޅުދުއްފުށީގެ އެންމެ ގިނަ އޮޑިދޯނިފަހަރު ގެންގުޅޭ މުހައްމަދު ޒުހައިރު ވިދާޅުވީ ސަރުކާރުން މިހާރު ކުޅުދުއްފުށީގައި ހަދަމުންދާ ލޯކަލް ބަނދަރަކީ އެއީ އޮޑިދޯނިފަހަރު ގެންގުޅުވާ ފަރާތްތަކަށާއި ބަނދަރު ބޭނުން ކުރައްވާ ފަރާތްތައް އެންމެ ބޭނުންވާ ގޮތަށް ހެދެމުންދާ ބަނދަރެއް ނޫންކަމަށެވެ.

މުހައްމަދު ޒުހައިރު ވިދާޅުވީ 2011 ވަނައަހަރު އެމްޑީޕީ ސަރުކާރުގައި މިބަނދަރުގެ ވާހަކަތައް ދެކުވުނު އިރު ބަނދަރުގެ ފުންމިނުގައި ފަސްމީޓަރު ހުންނަންބޭނުން ވާނެކަމަށާއި ޝީޓްޕައިލް ޖަހާނެވާހަކަ އެއިން އެއްވެސް ކަމެއް ނުވިކަމަށެވެ.

"އޮޑިވެރީންނާއި އޮޑިދޯނިފަހަރު ގެންގުޅުވާ ފަރާތްތަކުގެ އިތުރުން އެކިއެކި ފަރާތްތާއެކު އެންމެފަހުން މިދިޔަ ހަފްތާގައި ކައުންސިލްގައި ބޭއްވި ބައްދަލުވުމުގައި ފާހަގަވެގެން ދިޔަގޮތުގައި މިހާރު އެތަނުގައި ނެތް ކޮޅުވެއްޓި ރޭމްޕެއްވެސް. ނޮޅިވަރަންފަރުގައި އިހަށްދުވަހު ނިމިފަޅުގައި ޖެޓީގަ ރޭމްޕެއް އޮވޭ. ކަނޑުތޮށީގެ އެތެރެފަރާތްވެސް ބޭނުމެއް ނުކުރެވޭ . ކަނޑިމަ ކަނޑާފައި އޮތްގޮތްވެސް ކަމަކުނުދާނެ." މުހައްމަދު ޒުހައިރު ވިދާޅުވި އެވެ.

ފުންކުރުމާއި ސީޓްޕައިލަށް ބަދަލު ނުގެނުވުނުކަމުގައިވިއަސް މިހާރުން މިހާރަށް ކަނޑުތޮށީގެ އެތެރެފަރާތް ބޭނުން ކުރެވޭގޮތާއި ކަނޑިމަ ރަގަޅުކޮށް ރޭމްޕެއް އޮންނަންޖެހޭނެކަމަށް މުހައްމަދު ޒުހައިރު ވިދާޅުވި އެވެ.

މިޝަކުވާތަކާއި ގުޅިގެން ހައުސިންގ މިނިސްޓްރީގެ ބަހެއް ހޯދުމަށް މިނޫހުން ކުރި މަސައްކަތް ނާކާމިޔާބުމުގެ ސަބަބުން ހައުސިން މިނިސްޓްރީގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މިމަޝްރޫއު ގާތްގަނޑަކަށް ފަސް މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ. 126 މިލިއަން ރުފިޔާގެ މިމަޝްރޫއަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއު އެކެވެ.

މި ބަނދަރަކީ 1100 ފޫޓް ދިގު 500 ފޫޓް ފުޅާ ބަނދަރެކެވެ. މިމަޝްރޫއުގެ ދަށުން މި މަޝްރޫއުގައި މުދާ އުފުލުމާއި ދަތުރުވެރިންނަށް ހާއްސަ ބަނދަރެއް ހަދާ އާ ނެރެއް ކެނޑުން ހިމެނޭއިރު، ކުދި އުޅަނދު ފަހަރަށް ޖެޓީތަކެއް ހެދުމާއި މުދާ އުފުލާ ބޭލުމަށް ރޭމްޕެއް ހެދުންވެސް ހިމެނެއެވެ. އަދި ބަނދަރު ބޭރު ތޮށީގައި އޮޑި ދޯނި ފަހަރު އެޅޭއިރު ބަނދަރުގެ އަރިމަތީ ތޮށީގައިވެސް ޖެޓީތަކެއް ލެވިފައި ހުންނާނެ އެވެ.

ފެރީ ޓާމިނަލް އިމާރާތަކާއި ފެރީ އޮޕަރޭޓްކުރާ ފަރާތްތަކަށް ޓިކެޓް ކައުންޓަރުތައް ހެދުމާއި، އޮފީސްތަކާއި ރީޓެއިން ފިހާރައެއްގެ އިތުރުން ކޮންވޭނިއަންސް ސްޓޯރު ކެފޭއާއި މައިންނަށް ހާއްސަ ސަރަހައްދެއް ތަރައްޤީ މި މަޝްރޫއުގެ ތެރެއިން ކުރެވިގެންދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355