twitterviber whatsapp telegramfacebookyoutube instagram
6th December 2019

ބީއެމްއެލް ކޮމިއުނިޓީ ފަންޑުން ނެއްލައިދޫގައި ހެދި ޕާކް ހުޅުވައިފި

ނަބީލާ އިސްމާޢީލް
Jul 9, 2019
2

ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފް ކުރި 'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' ގެ ދަށުން ފުރަތަމަ ޕްރޮޖެކްޓް އިފްތިތާހުކޮށްފި އެވެ.

ނެއްލައިދޫ ކޮމިއުނިޓީ ޕާކުގެ ނަމުގައި ހދ.ނެއްލައިދޫ ގައި ގާއިމް ކޮށްފައިވާ ޕާކު ހުޅުވާފައިވަނީ އިއްޔެ ހަވީރުއެވެ. މިއީ ކޮމިއުނިޓީ ފަންޑުގެ ފުރަތަމަ ކުއާޓަރ ގައި ހޮވުނު 5 ޕްރޮޖެކްޓް ގެ ތެރެއިން އެއް ޕްރޮޖެކްޓެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި ތައުލީމު ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓް ތަކަށް މިއަހަރުގެ ކޮންމެ ކުއާޓަރ އެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި ކޮންމެ ޕްރޮޕޯސަލްއެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށް ކަނޑައަޅައިގެން ހިންގޭ ޕްރޮގްރާމެކެވެ.

މި ޕުރޮޖެކްޓް އިފްތިތާހު ކުރުމުގައި ވާހަކަދައްކަވަމުން ބޭންކް ހިންގެވުމާއި ހަވާލުވެ ހުންނެވި އައިޝަތު ނޫރައްދީން ފާހަގަ ކުރެއްވި ގޮތުގައި ފާއިތުވި ދެ އަހަރު ބީއެމްއެލް އިން ވަނީ މުޖުތަމައަށް އެހީތެރިވުމުގެ ގޮތުން ރައްޖޭގައި ހިންގަމުންދާ އިންވެސްޓްމަންޓް ދެ ގުނައަށް އިތުރުކޮށްފައި ކަމަށެވެ. ބީ އެމްއެލް ކޮމިއުނިޓީ ފަންޑާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ޕްރޮޖެކްޓްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެވި މުޖުތަމައުގެ ކުރިއެރުމަށާއި ލާބައަށް ކުރަމުންދާ މަސައްކަތްތައް ވަނީ އިތުރުވެގެން ގޮސްފައި ކަމަށާއި މި ގޮތުން މިއަހަރު ނިމޭއިރު އެއް މިލިއަން ރުފިޔާ މި ފަންޑުގެ ދަށުން ދޫކެރެވިގެންދާނެ ކަމަށެވެ. އުއްމީދަކީ ކުރިއަށް ހުރި ކުއާޓަރތަކަށްވެސް ވީހާވެސް ރަނގަޅު ޕްރޮޕޯސަލްތަކެއް ލިބިގެން ދިޔުން ކަމަށެވެ.

ނެއްލައިދޫ ކޮމިއުނިޓީ ޕާކް ޕްރޮޕޯސަލް ކާމިޔާބު ކުރި ހާމިދު ރަޝީދު ފާހަގަ ކުރި ގޮތުގައި ރަށުގެ ރައްޔިތުންނަށް ހިތްގައިމު މާހައުލެއްގައި ބައްދަލުކޮށްލާނެ ރަނގަޅު މައިޒާނެއް ނުވަތަ ޕާކެއް ނޯއްނަކަމަށާއި، މިއީ މިކަމަށް ބޭނުންވާ ފައިސާ ނުލިބޭތީ ނުކުރެވި އޮތް ކަމެއް ކަމަށެވެ. ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް އަށް ހުޅުވާލުމާއެކު ހިޔާލަށް އައީ ރަށަށް މިވަގުތު އެންމެ މުހިންމުއެއް ކަމަކީ މިފަދަ ޕާކެއް ގާއިމްކުރުން ކަމަށެވެ. ޕްރޮޕޯސަލް ކާމިޔާބުވެ މި ފަންޑް ލިބުމަކީ މުޅި މި ރަށަށް ވެސް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމުގައި ހާމިދު ފާހަގަކުރި އެވެ. މި ޕްރޮޖެކްޓަށް ފައިނޭންސް ކޮށްދެއްވިކަމަށްޓަކައި ބީއެމްއެލް އަށް ވަރަށް ބޮޑަށް ޝުކުރު ދެންނެވިއެވެ. އަދި މި ޕާކުގައި މަސައްކަތްކޮށްދެއްވި ރަށުގެ އެންމެހާ ބޭފުޅުންނަށްވެސް ވަރަށް ހާއްސަ ޝުކުރެއް އަދާކުރި އެވެ.

2018 ވަނަ އަހަރު ބީއެމްއެލް އިން ވަނީ "އަހަރެންގެ ބޭންކް" ގެ ދަށުން މުޖުތަމައަށް އެހީތެރިވުމަށް ހިންގަމުންދާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމްވެސް ކުރިޔަށް ގެންގޮސްފައެވެ. މި ޕްރޮގްރާމް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމާއި ކުޅިވަރާއި އަދި ތިމާވެށީގެ ހަރަކާތްތަކުގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކާއެކު ޖުމްލަ 110 ޕްރޮޖެކްޓަކަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355