twitterviber whatsapp telegramfacebookyoutube instagram
22nd August 2019

ކުޅުދުއްފުށީގައި ފެން ބަންދުކުރަން ފެށުމާއެކު ފެންފުޅީގެ އަގުހެޔޮވެއްޖެ

އަބްދުލް ވާހިދު ޙަސަން
Jul 10, 2019
6

ކުޅުދުއްފުށީގައި ގާއިމުކުރި ފުޅީގައި ފެން ބަންދުކުރާ ކާރުހާނާގެ މަސައްކަތާއެކު އުތުރުގެ ސަރަހައްދުގައި ތާޒާ ފެނުގެ އަގު ހެޔޮވެއްޖެ އެވެ. ބޮޓަލިން ޕްލާންޓް ނުވަތަ ފެން އުފައްދާ މި ކާރުހާނާގައި ފެން އުފައްދާ ބާޒާރަށް ނެރެންފަށާފައިވަނީ މި ޖުލައިމަހު ފުރަތަމަ ދުވަހު އެވެ.

ފެން އުފައްދާ ބާޒާރަށް ނެރެން ފެށުމާއެކު ކުޅުދުއްފުށީގައި ވަނީ ފެނުގެ އަގުހެޔޮވެފަ އެވެ. އެގޮތުން ތާޒާ ފެން ކޭހެއްގެ އަގު ކުރިން ކުޅުދުއްފުށީ ބާޒާރުގައި ވިއްކަމުންދިޔައީ 65-70ރ އަށެވެ. ނަމަވެސް ބޮޓަލިންގ ޕުލާންޓުން ބާޒާރަށް ފެން ނެރުމުން، އަގުވަނީ ދަށްވެފަ އެވެ. އެގޮތުން އެތަނުން ފެން ކޭހެއް ވިއްކަނީ 58ރ-55ރ ދެމެދުގެ އަގުގައި އެވެ.

ވިޔަފާރިތަކުން ގިނައިން ފެން ނަގާނަމަ ހާއްސަ އަގުތަކެއްވެސް ކަނޑައެޅިފަވެ އެވެ. އެގޮތުން ވިޔަފާރިތަކަށް ފެން ކޭހެއް ވިއްކަމުންދަނީ 55ރ އަށެވެ. އަދި ފަސް ލީޓަރުގެ ފެން ކޭހެއް ވިއްކަނީ 65ރ އަށެވެ. 100 ކޭހާއި 499 ކޭހާ ދެމުދެ ފެން ގަންނަނަމަ ފެން ކޭހެއް އުޅެނީ 53ރ، އަދި ފަސް ލީޓަރުގެ ފެން ކޭހެއް ވިއްކަނީ ހަމަ 65ރ އަށެވެ. އަދި 500 ކޭހަށް ވުރެ ގިނައިން ފެން ނަގާނަމަ ބޮޓަލިންގ ޕުލާންޓުން ފެން ކޭހެއް ވިއްކަމުންދަނީ 51ރ އަށެވެ. އެކަމަކު ފަސް ލީޓަރުގެ ފެން ކޭހެއް ހަމަ އުޅެނީ 65ރ އަށެވެ.

އެހެންވުމުންގެ ސަބަބުން ވިޔަފާރިތަކުގައި ފެން ވިއްކާ އަގުވެސް ވަނީ ހެޔޮވެފަ އެވެ. ބައެއް ފިހާރަތަކުން 55ރ އަށް ފެން ކޭހެއް ވިއްކަމުންދާއިރު ބައެއް ފިހާރަތަކުގައި 58ރ އަށްވެސް ފެން ކޭހެއް ދަނީ ވިއްކަމުންނެވެ. އަދި ވަކިފުޅި ވިއްކާ އަގުވެސް ފިހާރަތަކުން ވަނީ ހެޔޮކޮށްފަ އެވެ. ބޮޓަލިންގ ޕުލާންޓުން ހަތަރު ސައިޒެއްގެ ފެންފުޅި ދަނީ އުފައްދަމުންނެވެ. އެއީ 1500މލ، 500މލ، 330މލ އަދި 5000މލ އެވެ.

ކޭއޯއާ ވާހަކަދެއްކި ވިޔަފާރިވެރިން ބުނީ ކުޅުދުއްފުށީގައި ފެން ފުޅީގައި ބަންދުކޮށް ބާޒާރަށް ނެރެން ފެށުމާއެކު ފެން ފުޅި ލިބުމުގައި ފަސޭހަވެ އަގުހެޔޮވެފައިވާ ކަމަށެވެ. ކުރިން ފެން ގަންނަމުންދިޔައީ ބޮޑު އަގުގައި ކަމަށާއި އޭރު ފެން ބޯޓް ފަހަރުތަކުގައި ގެނައުމުގެ ދަތިތައްވެސް ކުރިމަތިވި ކަމަށެވެ. ނަމަވެސް މިހާރު އެ ދަތިތައް ހައްލުވެފައިވާކަން އެ ވިޔަފާރިވެރިޔާ ފާހަގަކުރި އެވެ.

އުތުރުގެ އެހެން ވިޔަފާރިވެރިޔަކު ބުނީ ކުޅުދުއްފުށީގައި ހުޅުވި ބޮޓަލިންގ ޕްލާންޓްގެ ސަބަބުން އުތުރުގެ ގިނަ ރަށްތަކެއްގައި ފެނުގެ އަގުހެޔޮވެފައިވާ ކަމަށާއި އަދި ފެން ލިބުމުގައި ކުރިން ދިމާވި ހުރަސްތައް މިހާރު ކުރިމަތިނުވާ ކަމަށެވެ.

މިތަނުން ފެން ގަންނަ ބޭނުންވާ ފަރާތްތަކުން އޯޑަރުދިނުމަށް 3349922 ނުވަތަ 7933388 ނަންބަރާ ގުޅުއްވައިގެން ނުވަތަ ފެން ޕްލާންޓުގެ ފްރޮންޓް އޮފީސް ހުޅުވިފައި ހުންނަ ގަޑިތަކުގައި ވަޑައިގެންވެސް އޯޑަރު ދެއްވޭނެ އެވެ.ފެން ޕްލާންޓު ހުޅުވިފައި ހުންނާނީ ހެނދުނު 8:30 މެންދުރުފަހު 01:00 އަދި މެންދުރުފަހު 02:00 ން ހަވީރު 16:00 ށެވެ.

ސަރުކާރުން، އައިބީއެމްގެ ފެން ފުޅީގައި ބަންދުކުރާ ކާރުހާނާއެއް ކުޅުދުއްފުށީގައި ގާއިމުކުރީވެސް އުތުރު ރަށްތަކަށް އަގުހެޔޮކޮށް ފެން ފޯރުކޮށްދިނުމުގެ މަގުސަދުގައި އެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355