twitterviber whatsapp telegramfacebookyoutube instagram
24th August 2019

ސަރުކާރުން މަސައްކަތް ކުރަނީ ބާނާ މަހަށް ލިބޭ އަގު މަތިކުރެވޭނެ ގޮތްތައް ހޯދަން: ރައީސް

ނަބީލާ އިސްމާޢީލް
Jul 13, 2019

ސަރުކާރުން މަސައްކަތްކުރަމުން ގެންދަނީ މަސްވެރިން ބާނާމަސް އިތުރުކުރެވޭނެ ގޮތްތަކާއި މަހަށް ލިބޭ އަގު މިހާރަށްވުރެ މަތިކުރެވޭނެ ގޮތްތައް ހޯދައި އެދިމާއަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ގދ. ތިނަދޫގައި ކުރިޔަށްގެންދިޔަ ޖަޒީރާ ހޮޅުއަށީގެ 3 ވަނަ ސިލްސިލާ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަސްވެރިކަން ތަރައްޤީކުރުމާ އަދި މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރެވިދާނެ އެތައް ގޮތެއް އެބަހުރިކަމަށެވެ. އެގޮތުން އަދިވެސް މަސްވެރިކަމަކީ ރާއްޖޭގައި ސީދާ ރައްޔިތުންގެ އަތްމައްޗަށް އެންމެގިނަ ފައިސާ އަރާ މަސައްކަތްކަން ފާހަގަކުރެއްވިއެވެ. އެގޮތުން ނިމިދިޔަ އަހަރު ހަމައެކަނި މިފްކޯއިން ވެސް މަސްގަތުމަށް 813 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

މަސްވެރިކަމުގެ ދާއިރާއިން ސަރުކާރުގެ ސިޔާސަތުތަކަށް އަލިއަޅުއްވައިލައްވަމުން ރައީސް ވިދާޅުވީ މަސްވެރިކަމުގެ ނަފާ އިތުރު ކުރުމުގެ ގޮތުން މިހާރު ކުރަމުން ގެންދާ ގޮތަށް ފިނިކުރި މަހުގެ ގޮތުގައި އެކްސްޕޯޓް ކުރުމުގެ ބަދަލުގައި މަހުގެ އެކި އުފެއްދުންތައް ތައްޔާރުކޮށް އަގު އެއްކުރެވޭ ބާވަތްތައް އުފައްދައިގެން އެކްޕޯޓްކުރުމުން އޭގެ ފައިދާ 4 ގުނަ މަތިކުރެވިދާނެކަމަށެވެ. މިފަދަ ކަންކަމުގައި ސަރުކާރުން މާލީ އެހީތެރިކަމާއި ފަންނީ ތަޖުރިބާ ހޯދައިދިނުންފަދަ ކަންކަން ކުރެވިދާނެކަން ރައީސް ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ މިހާރު ވަކި ޒޯންތަކަކަށް ބަހާލައިގެން ވަކި ފަރާތްތަކެއްގެ އަތުގައި މަސް ގަތުމުގެ ކޮންޓްރޯލް އޮންނަ ގޮތަށް ހުއްދަ ދީފައި އޮންނަ އުސޫލު ބަދަލުކޮށް ކޮންމެ ސަރަހައްދަކުން ކޮންމެ ފަރާތަކަށް ވެސް މަސްގަތުމުގެ ހުއްދަ ދޭ ގޮތަށް ބަދަލުކޮށް މަސްވެރިކަމުގެ ނަފާ ގިނަބަޔަކަށް ލިބޭގޮތަށް ބަދަލުކުރެވިދާނެކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކަނޑުމަހަށް އެކަނި ބަރޯސާނުވެ ފަރުމަހުގެ ތެރެއިން ރަނގަޅު އަގުލިބޭ ބާވަތްތައް ވިއްސާ އާލާކޮށް އެފަދަ މަސްވެރިކަން ފުޅާކުރުމާއި އެންވެރިކަން ވެސް ވަކި މަސްވެރިކަމެއްގެ ގޮތުގައި ތަރައްގީކުރުމުގެ ހިޔާލު ރައީސުލްޖުމްހޫރިއްޔާ މި ބައްދަލުވުމުގެ ބައިވެރިންނާ ހިއްސާކުރެއްވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނެވުމަށްފަހު މިފްކޯ މެދުވެރިކޮށް މަސްވެރިންނަށް މިހާރަށްވުރެ ރަނގަޅު އަގު ލިބޭނެގޮތް ހެދުމަށް ސަރުކާރުން ގެންގުޅުއްވާ ވިސްނުންވެސް މި ބައްދަލުވުމުގައި ކުރެއްވިއެވެ.

ރައީސް ވިދާޅުވީ މިހާރު މިފްކޯގެ ފެލިވަރު ފިޔަވާ ފައިދާވާތަނެއް ނެތްކަމަށެވެ. އެހެންކަމުން ސަރުކާރުން ފުރަތަމަ މަސައްކަތްކުރާނީ މިފްކޯއަކީ ގެއްލުންނުވެ ހިނގާ ކުންފުންޏަކަށް ބަދަލުކުރުމަށް ކަމަށާއި އެކަން މިއަހަރުގެ ނިޔަލަށް ހާސިލުވާނެކަމަށް ލަފާކުރެއްވޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެކަން އެގޮތަށް ކުރެއްވުމުން މަސްވެރިންގެ އަތުން މަސްގަންނަ އަގު މައްޗަށް ޖެއްސުމުގެ ފުރުސަތު ތަނަވަސްވެގެން ދާނެކަންވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި ފޯރަމުގައި ވަކިވަކި މަސްވެރިން އެމީހުންގެ ހުރި ކަންބޮޑުވުންތަކާއި މަސްވެރިކަމުގެ ދާއިރާ ތަރައްގީކުރުމަށް ހުރި ހިޔާލުތަކާއި އެމީހުންގެ ޝުއޫރުތައް ފާޅުކުރިއެވެ. އެގޮތުން މަސްވެރިން ފާޅުކުރި ކަންބޮޑުވުންތަކުގެ ތެރޭގައި ހޯޑެއްދޫގައި މަސް ކާރުހާނާއެއް ގާއިމުކުރުމަށް ސަރަހައްދެއް ހާއްސަ ކުރެވިފައި އޮތްނަމަވެސް އެކަން ނުހިނގާ އޮތުމާއި އަތޮޅުން އަދި ބައެއް މަސްވެރި ރަށްރަށުން ބޭނުންވާ މިންވަރަށް އައިސް ގަންނަން ނުލިބުމާއި މަސް ގަންނަ ބޯޓުފަހަރު ޖާގަ ކުޑަވުމާއި އެކަށީގެންވާ މިންވަރަށް މަސްގަތުމުގެ ކެޕޭސިޓީ އަތޮޅުތަކުގައި ނެތުމުން މަސް ވިއްކާށާއި އައިސް ހޯދަން ދުރަށް ދަތުރުކުރަން ޖެހުމާއި ތެޔޮލިބުމުގައި ހުރި ދަތިތަކާއި ތެލުގެ ސަބްސިޑީއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް މިބައްދަލު ވުމުގައި ހިއްސާ ކުރިއެވެ.

ތިނަދޫގެ އައިސްޕްލާންޓް ޖެޓީ މަރާމާތުކުރަން ޖެހިފައިވުމާއި ބައެއް މަސްވެރި ރަށްރަށުގައި ފައިސާ ޖަމާކުރެވޭނެ އޭޓީއެމްފަދަ ހިދުމަތްތައް ނެތުމުން ދިމާވާ ދަތިތަކުގެ އިތުރުން މަސްވެރިކަމާއި ގުޅުންހުރި އެތައް ކަމެއް ހިމެނެއެވެ. މަސްވެރިންގެ ފަރާތުން ހުށަހެޅި ހިޔާލުތަކުގެ ތެރޭގައި މަސްވެރިކަމަށް ގެންނަތަކެތިން އިމްޕޯރޓް ޑިއުޓީ މައާފުކުރުމާއި މަސްދޯނިތަކުގައި އުފެދޭ ކުނި މެނޭޖްކުރެވޭނެ ނިޒާމެއް ގާއިމުކުރުން ފަދަ މުހިން ހިޔާލުތައް ފާޅުކޮށްފައިވެއެވެ.

މަސްވެރިންގެ ފަރާތުން އަމާޒުކުރެއްވި ބައެއް ސުވާލުތަކަށް ޖަވާބުދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުން މިދާއިރާގެ ކަންކަން ކުރައްވަމުން ގެންދަވާނީ މަސްވެރިންގެ ހިޔާލާއި މަސްވަރާ ހޯއްދަވައިގެންކަމަށެވެ. އެގޮތުން ދާދިފަހުން ވެސް ޓޫރިޒަމްގެ ބޭނުމަށް ދޫކުރަން ހަމަޖެހިފައި އޮތް ރަށެއް އެކަމަށް ދޫ ނުކޮށް އެންވެރިކަމާއި މަސްވެރިކަމަށް ބޭނުންހިފޭގޮތަށް ބާއްވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ ތިނަދޫ އައިސްޕްލާންޓް ކެޕޭސިޓީ އިތުރުކުރުން ކުރިޔަށްގެންދަވާނެކަމަށާއި އައިސްޕްލާންޓް ޖެޓީ މަރާމާތުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރެވޭނެކަމަށް ވިދާޅުވިއެވެ. ރާއްޖެ ސަރަހައްދުތަކަކަށް ބަހާލައިގެން މަސްގަނެވޭނެ ގޮތްތައް ހަމަޖައްސަވާނެކަމަށާއި ހުވަދުއަތޮޅު ސަރަހައްދުގައި އިންޓަރނޭޝަނަލް އެއާޕޯޓެއް ތަރައްގީކުރުމަށް ޕްލޭންކުރެވިފައިވާކަމަށާއި އޭގޭ ސަބަބުން ކަންނެލި އެކްސްޕޯޓްކުރުންފަދަ ކަންކަމަށް ލުއިފަސޭހަކަން ލިބި އެފަދަ އުފެއްދުންތަކަށް ބޮޑުއަގު ލިބުމުގެ ފުރުސަތު ތަނަވަސްވެގެންދާނެކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355