twitterviber whatsapp telegramfacebookyoutube instagram
22nd September 2019

މަރުކަޒީ އުޞޫލު ބަދަލުކުރަން ދެކޮޅުހަދަނީ ކާކު؟

Aug 26, 2019

ދިވެހިރާއްޖެ ހިންގަންވާނީ ލާމަރުކަޒީ އުޞުލޫން ކަމަށާއި، ރަށްރަށުގެ ބިމާއި ރަށްރަށުގެ ފަޅުން ލިބޭ މަންފާ ސީދާ ގޮތެއްގައި ލިބެންޖެހޭނީ އެ ރަށަކަށް ކަމަށާއި، ރަށުގެ ކަންކަން ނިންމުމުގައި ރަށުގެ ރައްޔިތުންނަށް ބާރު އޮންނަން ޖެހޭނެ ވާހަކަ އާއި މި ފަދަ ވާހަކަތަކަކީ ދިވެހިން އެވާހަކަތަކެއް އަޑުއަހައި ބާވެފައިވާ ވާހަކަތެކެކެވެ. މަރުކަޒީ ސަރުކާރުގައި އެއްކޮށްފައިވާ ބާރުތައް އަތޮޅުތަކާއި ރަށްތަކަށް ސީދާގޮތެއްގައި ލިބެންޖެހޭނެ ވާހަކަ އާއި ދައުލަތަށް ލިބޭ ފައިސާގެ ތެރެއިން ރަށްރަށުގެ ގޮނޑުދޮށްތަކާއި އަތޮޅުގައި ހުރި ފަޅުރަށްތައް ވިއްކައިގެން ލިބޭ ފައިސާއާއި އެ ރަށްރަށުން ލިބޭ ޓެކްސް ފައިސާއިން ރަށުގެ މާލިއްޔަތައް ފައިސާ ލިބެންޖެހޭނެ ވާހަކަ ދައްކާތާވެސް އެތައް ޒަމާނެއް ވެއްޖެއެވެ.

އިސްވެ ބަޔާންކުރެވުނު ވާހަކަތަކަކީ ދިވެހިންނަށް އައު ވާހަކަތަކެއް ނޫނެވެ. އަނެއްކާވެސް މި ދުވަސްވަރަކީ އެ ވާހަކަތަކުގެ އަޑު ގަދަ ދުވަސްކޮޅެކެވެ. ރައްޔިތުންގެ މަޖިލީހުގައާއި ވެރިކަންކުރާ އެމްޑީޕީން އެ ޕާޓީއަށް ނިސްބަތްވާ ކައުންސިލަރުންނަށް ބޭއްވި މަހާސިންތާގައި އެ އަޑުތައް ގަދައެވެ. ލާމަރުކަޒީ ޤާނޫނު ފާސްކުރިތާ 9 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އަދިވެސް އިވެނީ ލާމަރުކަޒު ކުރަންޖެހޭ ވާހަކަ އާއި އެކަމުން އަތޮޅުތެރޭގެ ރައްޔިތުންނަށް ލިބެން އޮތް މަންފާގެ ވާހަކައެކެވެ. އެކަންކުރާނެ ގޮތުގެ ވާހަކައެވެ. އެކަން ކުރުމަށްޓަކައި އިދާރީ ގޮތުން ފުރިހަމަ ކުރަންޖެހޭނެ ކަންތައްތަކުގެ ވާހަކައެވެ. ނަމަވެސް، ނަމެއްގައި ލާމަރުކަޒީ ވެފައި އޮތުން ނޫންކަމެއް އަދި ވެފައެއް ނުވެއެވެ.

ވެރިކަންކުރާ އެމްޑީޕީއަކީ ރާއްޖޭގައި މިވަގުތު އޮތް ސިޔާސީ ޕާޓީތަކުގެ ތެރެއިން ލާމަރުކަޒީ އުޞޫލަށް އެންމެ ބޮޑަށް މަސައްކަތްކޮށް އެމަގަށް ގައުމު ހިންގުމަށް ވަކާލާތުކުރާ ޕާޓީއެވެ. ދިވެހިންނަށް އެކަން ދަސްކޮށްދިން ޕާޓީއެވެ. މިހާރު އޮތް ސަރުކާރަކީ އެމްޑީޕީގެ ފުރިހަމަ އަޣުލަބިއްޔަތު އޮތް ސަރުކާރެކެވެ. މިހާރު އޮތް މަޖިލީހަކީ އެމްޑީޕީއަށް ފުރިހަމަ އަޣުލަބިއްޔަތު އޮތް މަޖިލީހެކެވެ. ލާމަރުކަޒުގެ އަޑުގަދަވެފައިވަނީވެސް އެ ސަބަބަށްޓަކައި ކަމަށްވެސް ވެދާނެއެވެ. ނަމަވެސް، މިހާރު ދިވެހިން ބޭނުންވަނީ ވާހަކަތެއް ދެއްކުމެއް ނޫނެވެ. މަޖިލީހުގައި ގަރާރުތަކަކަށް ބަހުސްކޮށް ޔައުމިއްޔާ ކުރުމެއްވެސް ނޫނެވެ. ދިވެހިން ބޭނުންވަނީ، އެމީހުންގެ ކަންކަން ނިންމުމުގެ ބާރު އެމީހުންނަށް ލިބިދިނުމެވެ.

ރަށްރަށުގައި ހުރި ވަރަށް އާދައިގެ ކަންކަމުން ފަށަމާ ހިނގާށެވެ. ފާއިތުވި ދުވަސްތަކުގައި ރަށްރަށުގެ ރަށު ކައުންސިލަކީ ހަމައެކަނި ވިހާ މަރުވާ ބަލަހައްޓަން ހަދާފަހުރި ތަންތަންހެން ހީވާވަރަށްވެސް ބާރުތައް ވަނީ އަތުލާފައެވެ. ހަމަކޮންމެ ކަމެއްގައި މައި ސަރުކާރުގެ ވުޒާރާއަށް ސިޓީ ފޮނުވައިގެން އެ ސިޓީގެ ޖަވާބެއްގެ އިންތިޒާރުގައި އެތައް ދުވަހެއް ހޭދަކުރަން ޖެހެއެވެ. ރަށުގެ ރައްޔިތުން ކެކި އުތުރި އަރާއިރުވެސް ކައުންސިލަށް ކުރެވެން އޮތްކަމަކީ ފުލުފުލުގައި ވުޒާރާތަކަށް ސިޓީ ފޮނުވެމެވެ. މިވެނި އެވެނި ކަމެއް ކުރުމުގެ ހުއްދައަކަށް އެދިއެވެ. ނުވަތަ ބަޖެޓުގައި ހިމަނާފައިވާ ކަމަކަށްވި ނަމަވެސް އެ ފައިސާ ހަރަދުކުރުމުގެ ހުއްދައަކަށް އެދިއެވެ. ކަންކޮށް ނިންމާލަނީ މައި ސަރުކާރުގެ ވުޒާރާގެ ތެރެއިންނެވެ. އެކަން ނިންމިކަން ބައެއް ފަހަރު ކައުންސިލްތަކަށް އެނގެނީ މީޑިއާއިންނެވެ. ފާއިތުވި ސަރުކާރުތަކުގައި ކަންވެފައިހުރީ މިފަދަ ގޮތަކަށެވެ.

އަނެއްކާވެސް މިއަދު މިއޮތީ ލާމަރުކަޒުކުރާ ވާހަކައެވެ. ބަޖެޓުން ވަކި ޕަސެންޓެއް ކައުންސިލުތަކަށް ހަމަޖައްސާނެ ވާހަކައެވެ. ވާހަކަތައް އަޑުއިވޭ ގޮތުން ބައެއް ފަހަރު ހީވަނީ ލާމަރުކަޒު ކުރަން ރަށްރަށުގެ ރައްޔިތުން ދެކޮޅު ހަދަނީކަމަށެވެ. އެހެނީ، ލާމަރުކަޒުކުރާ ވާހަކަ ދައްކާތާ 10 އަހަރު ވެގެންދާއިރުވެސް އެކަން ހަޤީޤީ ސިފައެއްގައި ކުރާނެ ބަޔަކު އަދި ނުފެނެއެވެ. މޮހޮނަށް ދޯނި ދޭ އުޞޫލުން ނަމެއްގައި ލާމަރުކަޒުކޮށްފައި އޮތް ނިޒާމެއްގައި ރައްޔިތުންނަށް އެކަމުގެ ހަގީގީ މަންފާއެއް ނުލިބޭގޮތަށް އޮތް އުޞޫލު ބަދަލު ނުކުރެވިގެން އުޅެނީ އެ ރަށްރަށުގެ ރައްޔިތުންގެ ސަބަބަކުން ނޫނެވެ.

ކޮންމެވެސް ސަބަބަކާހުރެ، އެއްވެސް ސަރުކާރަކުން އެ ބާރު ލޯކަލް ކައުންސިލްތަކަށް ދޭން ބޭނުންނުވަނީ އެވެ. ނުވަތަ އެ ފަދަ ބާރުތަކެއް ދިނުމުގައި ގެންގުޅޭނެ ހަރުދަނާ އުޞޫލެއް އަދި ނުހެދި އޮތީ އެވެ. އެކަން ކުރަންވެސް އޮތީ ސަރުކާރާއި މަޖިލީހެވެ. އެކަން ނުކޮށް އޮތީވެސް ފާއިތުވި ސަރުކާރުތަކުންނާއި މަޖިލީހުންނެވެ. ވީއިރު، މާގިނަ ވާހަކަތަކެއް ނުދައްކާ ހަގީގީ މަސައްކަތް ކުރާށެވެ. އަތޮޅުތަކުގައި ތިބި ރައްޔިތުން މިހާރު ބޭނުންވަނީ ލާމަރުކަޒުކުރުމުގައި އޮތް ފައިދާތަކުގެ ވާހަކަ އަޑުއަހާކަށް ނޫނެވެ. ބޭނުންވަނީ އެކަން އެމަގަށް ކޮށް އެ ފައިދާ ލިބޭނެ ދުވަހެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355