twitterviber whatsapp telegramfacebookyoutube instagram
22nd September 2019

ރަށްވެހި އާސާރު: އަމިއްލަ ފަރުދެއްގެ ޝުކުރު ޙައްޤު މަސައްކަތެއް

މުޙައްމަދު އިސްމާޢީލް
Aug 27, 2019
2

"ރަށްވެހި އާސާރު"ގެ ނަމުގައި ކުޅުދުއްފުށީގައި ހުޅުވި ދާރުލްއާސާރަކީ، އަމިއްލަ ފަރާތެއްގެ ޝުކުރު ޙައްޤު މަސައްކަތެއްކަން އެ ދާރުލްއާސާރު ބަލާލި ކޮންމެ މީހަކުވެސް ގަބޫލުކުރާނެ އެވެ. ކުޅުދުއްފުށީ ކޮކާހަނދުވަރުގެ، ޢާރިފް ޢަލީ ހުޅުވި މި ދާރުލްއާސާރަކީ، އިހު ޒަމާނުގައި ދިވެހިން ބޭނުންކުރި އާލާތްތަކާއި، ދިވެހި ކާބަފައިންގެ ހުނަރުން ފުރިގެންވާ މަސައްކަތްތެރިކަން ދައްކުވައިދޭ އާސާރެކެވެ.

ދާރުލްއާސާރަށް ވަދެގެން ދިޔައިރު ފުރަތަމަވެސް އަޅައިގަތީ، އިހުޒަމާނުގައި ދިވެހިން މިނެކިރުމަށް ބޭނުންކުރި ތަފާތު އެކި އާލާތްތަކެވެ. އެ ދުވަސްވަރު މިނެކިރުމަށް ބޭނުންކުރި ނާޅި، ލާހި، ދޮޅަހަގި އާއި އޯބު އަދި ބޮލިއްސަ ފަދަ ތަފާތު އެކި އާލާތްތައް ހަރެއްގައި އަތުރާފައި ހުއްޓެވެ. އޭގެ ތެރެއިން އެންމެ އަޅައިގަތީ، ޝަމްސުއްދީން ރަދުންގެ ދުވަސްވަރު ބޭނުންކުރި ދައުލަތުގެ ސިއްކަޖެހި އާލާތްތައްވެސް އޭގެ ތެރެއިން ފެންނަން ހުރުމުންނެވެ. އަދި ޝަމްސުއްދީން ރަދުންގެ ފަހުން ރަސްކަންކުރެއްވި އަލްސުލްޠާން ޙަސަން ނޫރައްދީންގެ ރަސްކަމުގެ ދުވަސްވަރު ބޭނުންކުރި ނާޅިއެއް އެ އާސާރުގައި ބަހައްޓާފައި ހުއްޓެވެ.

މި ދާރުލްއާސާރަކީ، މިހާރުގެ ކުޑަކުދިންނަށާއި އަންނަން އޮތް ޖީލުތަކަށް ދިވެހި ސަގާފަތާއި، ދިވެހިންގެ އާސާރު ދެއްކުމަށާއި، މިހާރުގެ ކުދިންނަށް، ކާބަފައިންގެ މަސައްކަތްތެރިކަމާއި، އިހުޒަމާނުގެ ދިވެހިން ބޭނުންކޮށް އުޅުނުތަކެތި ފެންނާނެހެން ބެހެއްޓުމުގެ މަޤްޞަދުގައި ހުޅުވި ދާރުލްއާސާރެއްކަމަށް، ޢާރިފް ޢަލީ ވިދާޅުވި އެވެ.

ދާރުލްއާސާރުން ފެންނަން ހުރި ބައެއް މުހިއްމު ތަކެތީގެ ތެރޭގައި މަސްވެރިން އެން ދިރުވުމަށް ބޭނުންކުރި ލަބަރި އާއި، މަސްވެރިކަމުގައި ބޭނުންކުރި އާލާތްތައް ހިމެނެއެވެ. އަދި ކަނބުރުގޭގައި ބޭނުންކޮށް އުޅޭ އާލާތްތަކާއި، އިހުޒަމާނުގައި ބާއްވާ އުޅުނު ބޮޑު މާލޫދާއި ފާތިހާތަކުގައި ބޭނުންކޮށް އުޅުނު ޞަލަވާތު ތައްޓާއި، ބޮޑެތި ކޭންތަކުގައި ބޭނުންކޮށް އުޅުނު ތަފާތު އެކި ބާވަތްތަކުގެ ތަށިތަކާއި އާލާތްތައް އެތަނުގައި ހުއްޓެވެ.

މިޒަމާނުގެ ގިނަ ކުދިންނަށް އެކުދިންގެ އާންމު ދިރިއުޅުމުގައި ނުފެންނާނެ އެތައް ސާމާނެއް އެތަނުގައި ހުރި އިރު، ތުއްތު ކުދިން ބޭތިއްބުމަށާއި، ފިރުކޭ އުމުރުގެ ކުދިން އަލަށް ހިނގަން ފަށާއިރު ބޭނުންކުރާ ހިނގާ ކޮށި އަދި ކުޑަކުދިން ގޭތެރޭގައި ބައިތިއްބުމަށް އިހުޒަމާނުގައި ބޭނުންކުރި އެކި ބާވަތުގެ ގޮނޑިއާއި ހިނގާ ކޮށްޓަކީ ފާހަގަކޮށްލެވޭ ތަކެއްޗެވެ.

މި ދާރުލްއާސާރުގައި ގިނަ އަދަދެއްގެ ތަކެތި ހުރިއިރު، އޭގެ ތެރެއިން ގިނަ ތަކެއްޗަކީ، ޢާރިފް އަމިއްލަ ޚަރަދުގައި އެކި ފަރާތްތަކުން ގަނެ އެއްކޮށްފައިވާ ތަކެއްޗެވެ. އޭގެ ތެރޭގައި ގިނައީ ކުޅުދުއްފުށީގެ އެކި ފަރާތްތަކުން ހޯދާފައިވާ ތަކެތި ނަމަވެސް، ރާއްޖޭގެ އެކި ރަށްރަށުންވެސް ތަކެތި ހޯދާފައިވެއެވެ. ދާރުލްއާސާރަށް ތަކެތި އެއްކުރުމުގައި، އެންމެ އަގުބޮޑުކޮށް ގަނެފައިވަނީ އެތަނުގައި ހުރި މަލާފަތެއްކަމަށް ޢާރިފް މައުލޫމާތު ދެއެވެ.

ކޭއޯގެ ޓީމު ދާރުލްއާސާރަށް ޒިޔާރަތްކުރި އިރު އަދި އެހާތަނަށް އެތަނަށް ރަސްމީ ސިފައެއްގައި އެއްވެސް ބަޔަކު ޒިޔާރަތްކޮށްފައި ނުވިނަމަވެސް، ޖެހިގެން އައި ދުވަހަކީ، ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގެ ދަރިވަރުން މަޢުލޫމާތު އެއްކުރުމަށް އެ ދާރުލްއާސާރަށް ޒިޔާރަތްކުރަން ހަމަޖެހިފައިވާ ދުވަހެއެވެ. ޢާރިފްގެ އަމިއްލަ ގޭގައި ފުރަތަމަ ފަންގިފިލާގައި ހަދާފައިވާ ދާރުލްއާސާރު ބަލާލުމުގެ ފުރުޞަތު އެއްވެސް އަގެއް ނުނަގައި މިހާރު ކުރިއަށް ގެންދާއިރު، މިއީ ޓުއަރިޒަމް މި ސަރަހައްދަށް ފުޅާވެގެން އަންނައިރު، އެކަމުން ރަނގަޅު މަންފާއެއް ހޯދިދާނެ ތަނެއް ނަމަވެސް، އެތަން ހުޅުވި މަޤްޞަދަކީ ފަތުވެރިކަމުން ނަފައެއް ހޯދުން ނޫންކަމަށް ޢާރިފް ވިދާޅުވި އެވެ.

ދިވެހިންގެ ތަރިކައާއި ސަގާފަތް ދިރުވަން މަސައްކަތްކުރާ ޒުވާނުންނަށް ޢާރިފްގެ މި މަސައްކަތަކީ ނަމޫނާ މަސައްކަތެއްކަން ޔަގީނެވެ. ރަނގަޅު ފެންވަރަކަށް ހަދާފައިވާ ޢިމާރާތެއްގައި އެއްވެސް އަގެއް ނުނަގައި މިފަދަ ކަމަކަށް އެތަން ބޭނުންކޮށް، ދިވެހިންގެ ތަރިކަ އާއި ސަގާފަތް ފެންނާނެފަދަ އާސާރެއް ހެދުމަކީ ކުޑަކަމެއް ނޫނެވެ. އެ އާސާރުގައި ހުރި ތަކެއްޗަށް ބަލާއިރު، އެއީ ފައިސާއިން އަގުކުރެވޭނެ ތަކެއްޗެއް ނޫނެވެ. މިފަދަ ކަމެއް ކުރުމުގެ ވިސްނުން އައީ 2004 ވަނަ އަހަރުން ފެށިގެން ކަމަށާއި، ނަމަވެސް އޭގެ މާކުރިންވެސް، އިހުގެ ތަކެތި އެއްކުރުމުގެ ޝައުގުވެރިކަން ހުންނަ ކަމަށް ޢާރިފް ވިދާޅުވެއެވެ. އެގޮތުން 2001 ވަނަ އަހަރު ބޭއްވި މަށިމާލި ޕެރޭޑުގައި ބޭނުންކުރަން ގެނައި ސިފައިންގެ މުގުރަކީވެސް މިހާރު އެ އާސާރުގައި ފެންނަން އޮތް ދުވަސްވީ އެއްޗެކެވެ. އެއީ ދިވެހި ސިފައިން އިހު ޒަމާނުގައި ބޭނުންކުރި މުގުރެއް ކަމަށް ޢާރިފް މަޢުލޫމާތު ދެއެވެ.

އިހުޒަމާނުގައި ކާބަފައިން ބޭނުންކުރި އާލަތްތަކާއި، ކާބަފައިންގެ ހުނަރުވެރިކަމާއި މަސައްކަތްތެރިކަން ދައްކުވައިދޭ ފަދަ ގިނަ ތަކެތި އެއްތާކުން ފެންނާނެ ފަދަ ގޮތަކަށް އާސާރެއް ހެދުމުގައި އާއިލާއާއި ގާތް ރަށްޓެހިންގެ އެއްބާރުލުން ލިބިފައިވާއިރު، އެތަނުގައި ހުރި ތަކެތީގެ އިތުރުން އެ އާސާރަށް ތަކެތި ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު އޮންނާނެކަމަށް ޢާރިފް މައުލޫމާތު ދީފައިވެއެވެ. އަދި މިހާތަނަށް އެ އާސާރު ވަކި ގަޑިތަކެއްގައި ހުޅުވާފައި ނުބެހެއްޓިނަމަވެސް، މިހާރުވެސް ބަލާލަން ދާން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު އޮވެއެވެ. މިއީ ފެށުމެއްކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި، ދިވެހިން އިހު ޒަމާނުގައި ލައި އުޅުނު ލިބާހާއި އެބާވަތުގެ ތަކެތިވެސް އާސާރަށް އެއްކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ޢާރިފް ވިދާޅުވި އެވެ.

ތާރީޚާއި ސަގާފަތް ދިރުވައި، ދިވެހިންގެ ތަރިކަ އަންނަން އޮތް ޖީލުތަކާ ހަމައަށް ފޯރުކޮށްދިނުމުގައި ފަރުދީގޮތުން މަސައްކަތްތަކެއް ކުރެވިދާނެކަން ޢާރިފް މިވަނީ ދައްކުވައިދީ ފައެވެ. މިފަދަ މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވަނީ އެ މަސައްކަތްތަކުގެ އަގު ވަޒަންކުރާނެ ބައެކެވެ. އަދި އެފަދަ ކަންކަމުގައި ހިތްވަރުދޭނެ ފަރާތްތަކެކެވެ. ރަށުގެ ވިޔަފާރިވެރިންނާއި ރަށުގެ ޖަމިއްޔާ ޖަމާއަތްތަކުން މިފަދަ މަސައްކަތްތައް ފަރުދީގޮތެއްގައި ކުރަމުން އަންނަ ފަރާތްތަކަށް އެހީތެރިކަމާއި އެއްބާރުލުން ދިނުމަކީ މުހިއްމު ކަމެކެވެ. ހަމަޔަގީނުންވެސް ޢާރިފުގެ މި މަސައްކަތަކީ ޝުކުރު ޙައްޤު މަސައްކަތެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355