twitterviber whatsapp telegramfacebookyoutube instagram
17th October 2019

ހިތުގެ ބަލި ހުންނަ ކުދިންނަށް އިޖްތިމާއީ ސިއްހީ އާސަންދައިގެ ތެރެއިން ފަރުވާ ލިބޭގޮތް ހަދާނަން: ރައީސް

ނަބީލާ އިސްމާޢީލް
Aug 27, 2019

އިޖްތިމާއީ ސިއްހީ އިންޝޫރެންސްގެ ނިޒާމު ހަރުދަނާ ކުރެވިގެންދާއިރު ހިތުގެ ބަލިތައް ހުންނަ ކުދިންނަށް ބޭނުންވާ ފަރުވާ އާއި އެފަދަ އާއިލާތަކަށް ބޭނުންވާ އެހީތެރިކަން އެ ނިޒާމުގެ ތެރެއިން ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް އުންމީދު ކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޓައިނީ ހާޓްސް އޮފް މޯލްޑިވްސްގެ 10 ވަނަ އަހަރީ ދުވަހުގެ ހާއްސަ ހަފުލާގައި ވާހަކަ ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ އާސަންދަ އާއި އެންސްޕާއިން މިހާރު އެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށާއި އެ އެކަމުގައި ޓައިނީ ހާޓްސްގެ ލަފަޔާއި މަސްވަރާ ވެސް ހޯއްދަވާނެ ކަމަށެވެ.

އުފަންވާއިރު ހިތުގެ ބަލި ހުރުމުގެ ސަބަބުން މިރާއްޖޭގެ ކިތަންމެ ކުދިންނެއްގެ ފުރާނަ ގެއްލިފައިވާކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ. އަދި މީގެ 10 އަހަރު ކުރިން ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އުފެދުމާ ހަމައަށް ތުއްތު ކުދިންނަށް މި ހާލަތު މެދުވެރިވަނީ ކޮންޖެނިޓަލް ހާޓް ޑިޒީސް ކިޔާ ބައްޔެއްގެ ސަބަބުންކަން ގިނަ ބަޔަކަށް ނޭނގި އޮތްކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ މިކަމަށް ސަރުކާރުން ސަމާލުކަން ދޭން ފެށީވެސް ޓައިނީ ހާރޓްސް އޮފް މޯލްޑިވްސް އުފައްދައިގެން ކުރި މަސައްކަތުންކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކާގައި އެ ޖަމްއިއްޔާ ފެށިގެން އައި ގޮތުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. އެގޮތުން އެ ޖަމްއިއްޔާ އުފެއްދުމަށް މަސައްކަތްކުރެއްވި ދެމަފިރިންގެ ހިތްވަރާއި އެ ޖަމްއިއްޔާގެ މަސައްކަތާއެކު އުފަންވާއިރު ހިތުގެ މައްސަލަ ހުންނަ ކުދިން ދުރާލައި ދެނެގަނެވި ވޭތުވެ ދިޔަ 10 އަހަރުގެ ތެރޭގައި އުފަންވި އެފަދަ އެތައް ސަތޭކަ ކުދިންނެއްގެ ފުރާނަ ސަލާމަތް ކުރެވިފައިވާކަމުގައި ވިދާޅުވިއެވެ. މިގޮތުން އެދެމަފިރިންގެ މި ހިދުމަތް ރައީސް ސިފަކުރެއްވީ ގައުމީ ހިދުމަތެއްގެ ގޮތުގައެވެ.

ރައީސްގެ ވާހަކަގައި ހަށިހެޔޮ ދުޅަހެޔޮ މުޖްތަމައެއް ބިނާކުރުމުގައި ޓައިނީ ހާރޓްސްއިން ކުރިޔަށްގެންދާ ތަފާތު އެކި ޕްރޮގްރާމުތައް ފާހަގަކުރައްވައި ރައްޔިތުންގެ އާންމު ސިއްހަތު ރައްކާތެރިކޮށް ހަރަކާތްތެރި ދިރިއުޅުމަށް ބާރުއެޅުމަށް އަމިއްލަ ޖަމްއިއްޔާތަކާއި ޖަމާއަތްތަކުން ހިންގާ މިފަދަ ކޮންމެ ހަރަކާތަކަށް ސަރުކާރުގެ އެއްބާރުލެއްވުން އަބަދުވެސް ދެއްވަމުން ގެންދަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355