twitterviber whatsapp telegramfacebookyoutube instagram
22nd September 2019

ސަޕްލިމެންޓްރީ ބަޖެޓުންވެސް އިސްކަންދެވުނީ ގުރޭޓަރ މާލޭގެ، ހުޅުމާލެ ހޮސްޕިޓަލަށް!

އަބްދުލް ވާހިދު ޙަސަން
Sep 1, 2019
4

ސަރުކާރުން ކޮންމެ ޕްލޭންއެއް އަދި ކޮންމެ ބަޖެޓެއް ފާސްކުރާއިރު އަތޮޅުތަކުގެ ރައްޔިތުން ތިބެނީ ވަރަށް ބޮޑު އުންމީދެއްގައެވެ. އަތޮޅުތަކުގެ ތަރައްގީ ކުރިއަރުވަން ގެނުވި ސަރުކާރަށް އިތުބާރު ކޮށްގެންނެވެ.

މިއަހަރުގެ ސަޕްލިމެންޓްރީ ބަޖެޓް ހުށައެޅިގެން ދިއުމާއެކު އަނެއްކާވެސް އަތޮޅުތަކުގެ ރައްޔިތުންނަށް މިކުރިމަތިވީ ނާއުންމިދާއެވެ. ރައްޔިތުން ކުރަމުންދާ އިންތިޒާރު ދިގުލާދާންޖެހޭ ގޮތްވެއްޖެއެވެ. ބަޖެޓް ސަޕްލިމެންޓަށް ސިއްހީ ދާއިރާއަށް ކަނޑައެޅިފައިއޮތް 445 މިލިއަން ރުފިޔާގެ 33% ކަމަށްވާ 150 މިލިއަން ރުފިޔާ ކަނޑައެޅިފައިވަނީ ގްރޭޓަރ މާލޭގެ ހުޅުމާލެ ހޮސްޕިޓަލްއަށެވެ. އަތޮޅުތެރޭގެ 5 ރީޖިނަލް ހޮސްޕިޓަލެއް ޓާޝަރީ ކުރުމަށް ކަނޑައެޅިފައިވަނީ 295 މިލިއަން ރުފިޔާއެވެ. އަތޮޅުތަކަށް ކަނޑައެޅިފައިވާ މިއަދަދު 5 ސަރަހައްދަށް ހަމައަށް ބަހައިފިނަމަ ކޮންމެ ސަރަހައްދަކަށް ޖެހެނީ 59 މިލިއަން ރުފިޔާއެވެ. ހުޅުމާލެ ހޮސްޕިޓަލަށް އެކަނި އަތޮޅަކަށް ކަނޑައެޅުނު އަދަދުގެ ދެ ގުނައަށް ވުރެ ބޮޑު އަދަދެއް ކަމަށްވާ 150 މިލިއަން ރުފިޔާ ކަނޑައެޅުނީ ކީއްވެގެންހެއްޔެވެ؟

މިސުވާލުތައް ސޯޝަލް މީޑީއާގައި އާންމުންގެ މީހުން ކުރުމުން ސަރުކާރުގެ ކަމާބެހޭ ފަރާތްތައް ދައްކަނީ މުޅިން އެހެން ވާހަކައެކެވެ. ދެކޮޅު ނުޖެހޭވާހަކަތަކެކެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓުން 5 ސަރަހައްދެއްގެ ހޮސްޕިޓާ ޓާޝަރީ ކުރުމަށް 800 މިލިއަން ރުފިޔާ ހަމަޖެހިފައިވާކަމަށް ފައިނޭންސް މިނިސްޓަރ ކުރެއްވި ޓުވީޓެއްގައި ވަނީ ވިދާޅުވެފައެވެ. މިއަހަރުގެ ސަޕްލިމެންޓްރީ ބަޖެޓްގެ ނާއިންސާފުވީ ކީއްވެގެންކަން ބުނެ ނުދެވުނެވެ.

ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާ އިތުރަށް ވިދާޅުވަނީ އެގޮތަށް ކަންތައް ކުރީ ނިމިދިޔަ ސަރުކާރުން ފަށާފައި ނުނިމި ހުރި ބައެއް މަޝްރޫއުތައް ނިންމުމަށް ކަމަށެވެ.

އަސްލު މައްސަލައަކަށް އެއްވެސް ޖާވަބެއް ނުލިބުނެވެ! މާލެ ސަރަހައްދުގައިވާ ހުޅުމާލެ ހޮސްޕިޓަލަށް އަތޮޅުތެރޭ ހޮސްޕިޓަލެއްގެ ދެ ގުނަ ކަނޑައެޅުނީ ކީއްވެހެއްޔެވެ؟ އަތޮޅުތެރޭގައި ހޮސްޕިޓަލްތަކުގައިވެސް ސަރުކާރުން ފަށާ ނުނިމި ހުރި ބޮޑެތި މަޝްރޫއު އެބަހުއްޓެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ކުރުމަކީ އެއް މިސާލެވެ. ކުޅުދުއްފުށި ހޮސްޕިޓަލްގައި މިދިޔަ ސަރުކާރުން ފަށައި ނުނިމި ހުރި މަސަކަތްތަކެއްގެ ސަބަބުން އެނދުގެ އަދަދު ވަނީ 50 އިން 30އެދަށް މަދުވެފައެވެ. ހުޅުމާލެ ހޮސްޕިޓަލްގައި ފަށައި ނުނިމި ހުރި މަޝްރޫއެއް މަޑުނުކުރެވޭ ފަދައިން އަތޮޅުތެރޭގައިވެސް އެފަދަ މަޝްރޫއުތައް އެބަހުއްޓެވެ.


އަދި ކިއެއްހެއްޔެވެ. ރީޖިނަލް ހޮސްޕިޓަލްތަކުގެ ހާލަތާއި ފެންވަރު މިހާރުވެސް ހުޅުމާލެ ހޮސްޕިޓަލަށް ވުރެން އެތައް ތަނެއް ދަށެވެ. ހުޅުމާލޭގެ ރައްޔިތުންނަށް މިހާރުވެސް ބުރިޖަކުން 15 މިނެޓެއްގެ ދަތުރެއް ކޮށްގެން ރާއްޖޭގެ އެންމެ ފެންވަރު ރަނގަޅު ހޮސްޕިޓަލްތަކަށް ދެވެއެވެ. އެހެންނަމަވެސް އަތޮޅުތަކުގެ ފެންވަރުދަށް ހޮސްޕިޓަލްތަކުން ކިތަންމެ ކުޑަ ކަމެއްވިޔަސް ފަރުވާ ނުލިބި ޖެހެނީ ބޮޑު ކަނޑެއް ހުރަސްކޮށް ދިގު ދަތުރެއްކޮށް މާލެ ދާށެވެ. އެތައް ހަރަދެއް އަތުންހޭދަވެ އަމިއްލަ ރަށް އަދި އާއިލާ ދޫކޮށް ތޮށްޖެހިފައިވާ މާލޭގެ ކުލި ކޮޓަރިތަކުގައި ގަނަ ތެޅުންނޫން ގޮތެއް އަތޮޅުތެރޭގެ ވަޒަންވެރީންނަކަށް ނެތެވެ.

ކަންތައް މިހެން ހުރިއިރު ސަޕްލިމެންޓްރީ ބަޖެޓުން އަތޮޅުތަކަށް ހުޅުމާލެއެކޭ އެއްފަދައިން ނުވަތަ ގިނައިން ދިނުން ވަކި އައުލާކަން ބޮޑުނޫން ހެއްޔެވެ؟ ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލްއިން މިހާރުވެސް ތިން އަތޮޅުން އަހަރަކު 100،000 މީހުންނައް ވުރެ ގިނައިން ފަރުވާހޯދަ އެވެ.

އަތޮޅުތެރޭގެ ހިދުމަތްތައް އެއްފަރާތްކޮށް މާލެއަށް ބަރޯސާވާގޮތަށް ތަރައްގީ ރޭވުމުން ސިއްހީ ފަރުވާ ހޯދަން މާލެ ދާންޖެހުމުގެ ސަބަބުން މީހުންގެ އުފެއްދުންތެރިކަމަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއްކުރެ އެވެ. އާމްދަނީ ހޯދުމަށް ކުރާ މަސަކަތަށް ބުރޫއަރަ އެވެ. ތަނެއްގައި ވަޒީފާ އަދާކުރާ މީހެއްނަމަ އެތަނެއްގެ ހިދުމަތްތަކަށް މަސައްކަތާ ދުރުގައި ހުންނަންޖެހުމުގެ ސަބަބުން ނޭދެވޭ އަސަރު ކުރެއެވެ. ޗުއްޓީ ހެދަވަނީ މާލޭގެ ބޭސްފަރުވާ ދަތުރަށެވެ. އަތުން އެތައް ފައިސާއެއް ހޭދަވެ އެތައް ތަކުލީފެއް ކުރިމަތިވެ މުޅި އާއިލާ ހާސްކަމެއްގެ ތެރެއަށް ވައްޓާލައެވެ.

ކޮންމެ ބަޖެޓެއް އަދި ކޮންމެ ޕްލޭންއެއް ހެދި ކަމުގައިވިޔަސް މާލެ ސަރަހައްދަށް އިސްކަންދެވެނީ ކީއްވެ ހެއްޔެވެ؟ 2019ގެ ސަޕްލިމެންޓްރީ ބަޖެޓުންވެސް މި ފެނުނީ މާލެ ސަރަހައްދު އިސްކޮށް އަތޮޅުތެރެ އެއްފަރާތް ކޮށްލެވުނު ތަނެވެ. 2019ވެސް ނިމިދާނީ މާލެއަށް ބަރޯސާވުން ކުޑަކުރުމަށް ސިއްހީދާއިރާ މެދުވެރިކޮށް އެކަށީގެންވާ ފިޔަވަޅު އެޅުމުގެ ބަދަލުގައި ދިމާއިދިކޮޅަށް ކަންތައް ވެގެންދިޔަ އަނެއް އަހަރު ގޮތުގައެވެ. މިކަމަށް ނިމުން އަންނާނެ ދުވަހެއް އެބައޮތްހެއްޔެވެ؟ އަތޮޅުތަކުގެ ތަރައްގީ ކުރިއަރުވަން ގެނައި ސަރުކާރުން އެކަން އިސްކުރެވޭ ތަނެއް ނުފެނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355