twitterviber whatsapp telegramfacebookyoutube instagram
28th February 2020

ތައުލީމް ފޯރުކޮށްދިނުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ދޭން ފެށީ މި ސަރުކާރުން: ރައީސް

އިބްރާހިމް ހަމީދު
Sep 6, 2019
2

ރާއްޖޭގެ މުޅި ތާރީޚުގައިވެސް، ރައްޔިތުންނަށް ތައުލީމް ފޯރުކޮށްދިނުމުގައި ދައުލަތުގެ ފަރާތުން، އެންމެ ބޮޑު އެހީތެރިކަމެއް ދޭން ފެށީ މިސަރުކާރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙް ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު މިހެން ވިދާޅުވީ ނ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ކުޑަފަރީ ސްކޫލަށް 50 އަހަރު ފުރޭރަންޔޫބިލް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވިދާޅުވީ ކުޑަފަރީގެ ރައްޔިތުން ތައުލީމަށް ދެއްވި ސަމާލުކަން ފާހަގަކުރައްވައި، ކުޑަފަރީ ރައްޔިތުން މީގެ 50 އަހަރުކުރީގައި ތަޢުލީމު ދިނުމުގެ މަސައްކަތް ފަށައިގަތް ގޮތުގެ މައްޗަށް އަލި އަޅުވާލައްވަމުން ވިދާޅުވީ ރަށުން ބޭރުން، ރާވާ ގެއެއް ގެނެސްގެން ކިޔަވައިދިނުމުގެ ކަންތައް ހަމަޖެއްސިކަމަށާއި ކުޑަފަރީއަކީ މީގެ ގާތްގަނޑަކަށް 80 ވަރަކަށް އަހަރު ދިގު ތައުލީމީ ތާރީހެއް އޮތް ރަށެއް ކަމަށެވެ.

"މިސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ އެންމެ ބޮޑު ތަފާތަކީ ޢިލްމީ ގޮތުން ސިކުނޑިތައް ހުޅުވައިދިނުމާއެކު، ދިރިއުޅުމުގެ ޢަމަލީ މައިދާނަށް ކުދިން އަހުލުވެރި ކުރުވުން. އަދި ވަށާޖެހޭ ތަޢުލީމީ ނިޒާމެއްގެ ތެރެއިން، ބަރާބަރު ޖަޒީރާ ސްކޫލްތަކެއް ހިންގުމަށް މެނިފެސްޓޯގައި ކަނޑައެޅުއްވީ މިމަޤްޞަދު ޙާޞިލްކުރެއްވުމުގެ ބޭނުންފުޅުމުގައި." ރައީސް ވިދާޅުވިއެވެ.

މިހިނގާ ދިރާސީ އަހަރުގައި، ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 12 އާ ހަމައަށް 70 ހާހަށްވުރެ ގިނަ ދަރިވަރުން ތަޢުލީމް ޙާސިލް ކުރަމުން އަންނަކަމަށެވެ. އަދި މިހާރު ހުރި ސަރުކާރުގެ 213 ސްކޫލްގެ ތެރެއިން 144 ސްކޫލް އެއް ދަންފަޅިއަށް ބަދަލުކުރެވިފައިވާއިރު ބާކީ ހުރި 69 ސްކޫލް، އެއް ދަންފަޅިއަށް ބަދަލުކުރުމުގެ ތަންފީޒީ މަރުހަލާ މިހާރު ފެށިފައިވާކަން ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ އެއްދަންފަޅިއަށް ކިޔަވައިދިނުމުގެ ނިޒާމަށް ރާއްޖޭގެ ހުރިހާ ސްކޫލްތައް ބަދަލުވުމުން، އޭގެ ނަތީޖާ ވަރަށް އަވަހަށް ފެންނަން ފަށާނެކަމަށެވެ. އެގޮތުން މިނިޒާމުގެ ތެރެއިން ދަސްވެނިވާއިރު ދަރިވަރުން ތިބޭނީ އަމިއްލަ ޒިންމާތަކަށް ފަރިތަވެ، ދިރިއުޅުމުގެ ގޮންޖެހުންތަކާ ކުރިމަތިލުމަށް ހޭނެން ފަށާފައިވާކަމަށެވެ.

ސަރުކާރުން ތަޢުލީމަށް ދެއްވަން ފެއްޓެވި އެހީތެރިކަމުގެ ހެޔޮ ނަތީޖާ، މާތް ﷲގެ ވާގިފުޅާއެކު މާލަސްތަކެއް ނުވެ ފެންނަން ފަށާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ މަތީ ތައުލީމް ހާސިލްކުރުމަށް ސަރުކާރުން ތަނަވަސްކޮށްދީފައިވާ ފުރުސަތުތައް ހަރުދަނާ ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަކަމަށެވެ. އަދި ސަރުކާރުން ފަހިކޮށްދީފައިވާ މިފުރުސަތުތަކުގެ ބޭނުން ވީއެންމެ ރަނގަޅަކަށް ހިފައިގެން ޤައުމަށް ބޭނުންތެރި ކުދިންތަކަކަށްވުމަށް ދަރިވަރުންގެ ކިބައިން ރައީސް އެދިވަޑައިގެންނެވިއެވެ.

ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ ވަކިރަށެއް ބާކީ ނުކުރުމުގެ ސިޔާސަތުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެގޮތުން ކުޑަފަރީ ސްކޫލަށް ވެސް، ލިބެންޖެހޭ ހުރިޙާ ވަސީލަތްތަކާ އެހީތެރިކަމެއް ސަރުކާރުން ފޯރުކޮށްދެމުންދާނެކަމަށް ރައީސް ވިދާޅުވި އެވެ.

މިޖަލްސާގައި ސްކޫލަށް 20 އަހަރާއި 30 އަހަރާ ދެމެދު ހިދުމަތް ކޮށްދެއްވި ފަރާތްތަކަށް ސްކޫލުގެ ފަރާތުން އެރުވި ޝަރަފުގެ ފިލާ ލިބިވަޑައިގެންނެވި ބޭފުޅުންނާ ފިލާ ހަވާލުކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.

މީގެ އިތުރުން ކުޑަފަރީ ސްކޫލުން އަރުވާ އެންމެ މަތީ ޝަރަފުކަމުގައިވާ " މަކްތަބުލް ހިދާޔާގެ ޝަރަފު " ސްކުލޫގެ ފަރާތުން ވަނީ މިޖަލްސާގައި ރައީސް އިބްރާހިމް މުޙައްމަދު ސޯލިހަށް އަރުވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355