twitterviber whatsapp telegramfacebookyoutube instagram
22nd September 2019

ސައުތް އޭޝިއަން ޕާލެމެންޓްރީ މީޓިން ފޯ ޗިލްޑްރެންގައި އަފާ ރާއްޖެ ތަމްސީލްކޮށްފި

Sep 8, 2019
1

ސައުތް އޭޝިއަން ޕާލެމެންޓްރީ މީޓިން ފޯ ޗިލްޑްރެންގައި އަފާ ހުސެއިން ރާއްޖެ ތަމްސީލްކޮށްފި އެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ބައްދަލުވުމުގައި ސައުތް އޭޝިއަން ގައުމުތަކުގެ މަޖިލިސް މެންބަރުން ވަނީ ސަރަހައްދުގެ ކުޑަކުދިންގެ ހައްގުތަކާއި ޒުވާނުންގެ ކުރިއެރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވެ އެވެ.

ލަންކާގެ މަޖިލިސް ރައީސް ރިޔާސަތު ބެލެހެއްޓި މިބައްދަލުވުމުގައި ދިވެހި ޒުވާނުންގެ ފަރާތުން އަފާ ބައިވެރިވެ ވަނީ ސްޕީޗެއްވެސް ދީފަ އެވެ. މި ސްޕީޗުގައި ޒުވާނުން ކުރިއަރުވައި ޒުވާނުންގެ ބައިވެރިވުން އިތުރު ކުރުވުމަށް ސަރުކާރާއި މަޖިލީހަށް ޕްރެޝަރު ކުރުމާއި މައުލޫމާތު ހާމަކުރުމަށް ސަރުކާރަށް ބާރު އެޅުންފަދަ ކަންކަން ކުރުމުގައި ދެމި ހުންނާނެކަން އަފާ ފާހަގަކޮށްފައިވެ އެވެ.

އަދި ތިމާވެށި ރައްކާތެރިކޮށް ހިމާޔަތް ކުރުމަށް އަވަސް އަދި ހަރުދަނާ ފިޔަވަޅުތައް އަޅައިދިނުމަށް ވެސް އަފާ ސްޕީޗުގައި އެދިފައިވެ އެވެ. މިއީ މި މީޓިން ބޭއްވި ތިންވަނަ ފަހަރެވެ. މިފަހަރު ލަންކާގައި މީޓިން ކުރިއަށްދިޔައިރު އަންނަ އަހަރު މީޓިން އޮންނާނީ ރާއްޖޭގަ އެވެ.

މި މީޓިންއަކީ ޔޫނިސެފާ ގުޅިގެން ކުރިއަށް ގެންދިޔަ މީޓިންއެކެވެ. މި އަހަރު ހާއްސަކޮށްފައި އޮތީ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޗިލްޑްރެން (ސީއާރްސީ)އަށް 30 އަހަރު ފުރުމާ އެވެ.

ތިމާވެށީގެ ހިމާޔަތަށް މަސައްކަތް ކުރާ "ބިލީފް" ޖަމިއްޔާގެ ފައުންޑާ އަފާ، ރާއްޖޭގެ ޒުވާނުން ތަމްސީލްކޮށްފައިވާއިރު މަޖިލިސް މެންބަރެއްގެ ގޮތުގައި މީޓިންގައި ބައިވެރިވެފައިވަނީ އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355