twitterviber whatsapp telegramfacebookyoutube instagram
21st November 2019

ހިއްސާ ވިއްކުމަށް 14 އަދި 21 ވަނަ ދުވަހު އެމްއައިބީ ކުޅުދުއްފުށީ ބުރާންޗް ހުޅުވަނީ

Sep 13, 2019

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ހިއްސާ ވިއްކުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފި އެވެ. ހިއްސާ ވިއްކުމުގެ މުއްދަތު އިތުރުކުރުމުން ކުރިއަށް ހޮނިހިރުދުވަސްތަކުގެ ހިއްސާ ވިއްކުމަށްޓަކާ ވަނީ އެ ބޭންކްގެ ގޮފިތައް ހުޅުވަން ނިންމާފަ އެވެ.

އެގޮތުން އެމްއައިބީގެ ކުޅުދުއްފުށީ ބުރާންޗް މިމަހު 14 ވަނަ ދުވަހާއި 21 ވަނަ ދުވަހު ވަނީ ހިއްސާ ވިއްކުމަށްޓަކާ ހުޅުވަން ނިންމާފަ އެވެ. އެގޮތުން 14 ވަނަ ދުވަހު އެމްއައިބީ ކުޅުދުއްފުށީ ބުރާންޗް ހުޅުވާފައި ހުންނާނީ ހެނދުނު 9 އަކުން މެންދުރު 12 އަށެވެ. 21 ވަނަ ދުވަހު ހުޅުވިފައި ހުންނާނީ ހެނދުނު 10 އަކުން މެންދުރު ފަހު 1 އަށެވެ.

އެމްއައިބީ ހިއްސާ ގަތުމަށް ކޮންމެހެން އެ ބޭންކުގައި އެކައުންޓެއް އޮތުން މުހިންމެއް ނޫނެވެ. ރާއްޖޭގެ ކޮންމެ ބޭންކެއްގައި އެކައުންޓެއް އޮތްކަމުގައިވީނަމަވެސް އެންމެ ރަނގަޅުވާނެ އެވެ. ހިއްސާ ގަންނަށް ބޭނުންވާ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނެނީ މުއްދަތު ހަމަނުވާ އައިޑީކާޑު، 10 އަހަރާއި 18 އަހަރާ ދެމެދު ކުއްޖެއް ނަމަ އުފަން ދުވަހުގެ ސެޓްފިކެޓް، ދިހަ އަހަރު ނުވާ ކުއްޖެ ނަމަ އައިޑީކާޑު ބޭނުން ވާނެއެވެ.

އިސްލާމިކް ބޭންކުން މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހު އާންމުންނަށް ހިއްސާ ވިއްކަން ފަށާފައިވާއިރު، މިހާތަނަށް އައިއިރު ހިއްސާ ވިއްކުމުގެ ކަންތައްތަކަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެމްއައިބީން ވަނީ މައުލޫމާތުދީ އެވެ. އެގޮތުން ގިނަ އަތޮޅު ކައުންސިލްތަކުންނާއި ރަށު ކައުންސިލްތަކުން އަންނަނީ ހިއްސާ ގަންނަމުންނެވެ.

އެމްއައިބީއިން އާންމުންނަށް ހިއްސާ ވިއްކަން ފެށި އިރު ޖުމްލަ 244 މިލިއަން ރުފިޔާގެ ހިއްސާ ވިއްކާނެ ކަމަށް އެ ބޭންކުން ބުނެފައިވެ އެވެ. އެއީ އެމްއައިބީގައި ހިއްސާ އޮންނަ އިސްލާމިކް ކޯޕަރޭޝަން އޮފް ދަ ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓާ (އައިސީޑީ)ގެ 2.4 މިލިއަން ހިއްސާ އާއި އާންމު ހިއްސާގެ 697،5000 ހިއްސާ އެވެ. ހިއްސާ ވިއްކަނީ، ހިއްސާއެއް 35 ރުފިޔާގެ މަގުންނެވެ. މިއީ އެމްއައިބީގެ ހިއްސާގެ 31 ޕަސެންޓެވެ.

ކޮންމެ ފަރާތަކަށް ވެސް ފުރަތަމަ ގަނެވޭނީ ހިއްސާއެއް 35 ރުފިޔާގެ މަގުން ޖުމްލަ 20 ހިއްސާ އެވެ. މި އަދަދު އިތުރުކުރަން ބޭނުން ނަމަ 10 ހިއްސާ އިން އަދަދު އިތުރުކުރެވިދާނެ ކަމަށް އެ ބޭންކުން މަުއލޫމާތުދެ އެވެ.

ހިއްސާ ގަތުމަށް ފަސޭހަ އިންތިޒާމުތަކެއްވެސް އެމްއައިބީން ވަނީ ހަމަޖައްސާފަ އެވެ. އެގޮތުން ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް، އިންފިނިޓީ ޕޯޓަލް މެދުވެރިކޮށް އެމްއައިބީގެ ހިއްސާ ގަނެ، އަދި ފައިސާ ދެއްކޭނެ އިްނތިޒާމުތައްވެސް ވަަނީ ހަމަޖައްސާފަ އެވެ.

އެމްއައިބީގެ ހިއްސާ ވިއްކުމަށް ހަމަޖެހިފައިވަނީ މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހުން ފެށިގެން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށެެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355