twitterviber whatsapp telegramfacebookyoutube instagram
17th October 2019

އަތޮޅު ވޮލީބޯޅަ މުބާރާތުގެ އަންހެން އަދި ފިރިހެން ޗެމްޕިއަންކަންވެސް ކުޅުދުއްފުއްޓަށް

އިބްރާހިމް ހަމީދު
Sep 30, 2019

ހދ.އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި ވޮލީބޯޅަ މުބާރާތުގެ އަންހެން އަދި ފިރިހެން ޑިވިޒަންގެ ޗެމްޕިއަންކަން ކުޅުދުއްފުށި ދެ ޓީމުން ހޯދައިފި އެވެ.

ކުޅުދުއްފުށި ޓީމުން އަންހެން ޑިވިޒަންގެ ޗެމްޕިއަންކަން ހޯދީ އިއްޔެ ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނު ފައިނަލު މެޗުގައި ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބު އާއި ބައްދަލުކޮށް ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ. އަދި ރޭ ކުޅެވުނު ފިރިހެން ޑިވިޒަންގައި ނޮޅިވަރަމާއި ބައްދަލުކޮށް 3-1 ސެޓުން ބަލިކޮށް، ކުޅުދުއްފުށީ އެކުވެރީންގެ ދިރުމުން ވަނީ ފިރިހެން ޑިވިޒަންގެ ބައިން ޗެމްޕިއަންކަން ހޯދާފައެވެ.

އަންހެންގެ ބައިން ފައިނަލަށް ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބް ދިޔައީ ސެމީ ފައިނަލުގައި ނޮޅިވަރަމް ޒުވާނުންގެ ގުޅުމާ ބައްދަލުކޮށް ސީދާ ތިން ސެޓުން މޮޅުވެގެންނެވެ. އަންހެނުންގެ ބައިން ކުޅުދުއްފުށި ފައިނަލަށް ދިޔައީ، ސެމީ ފައިނަލުގައި ޓީމް ހަނިމާދޫ 3-1 ސެޓުން ބަލި ކުރުމަށްފަހުގައެވެ.

އަންހެން ބައިން އެންމެ މޮޅު ހަ ކުޅުންތެރިންނަކީ ނޮޅިވަރަމްފަރު ސްޕޯޓްސް ކުލަބްގެ އައިޝަތު އިބާދާ، އައިޝަތު ނޫރާ އަލީ، ޝަމީލާ އަބްދުލް ހަކީމް، ޓީމް ކުޅުދުއްފުށީގެ އައިމިނަތު ރަޝީދާ، އައިޝަތު ޝައްފަ އަދި ޓީމް ހަނިމާދޫގެ އައިމިނަތު އަރީޝާ އެވެ.

ފިރިހެނުންގެ ބައިން އެންމެ މޮޅު 6 ކުޅުންތެރިންނަކީ ކުޅުދުއްފުށީ އެކުވެރިންގެ ދިރުމުގެ އަލީ ވަހީދު، އަބްދުލް ހަމީދު އަލީ، އިސްމާއިލް މަންސޫރު އަދި ނޮޅިވަރަމް ޓީމުގެ އަލީ މުހައްމަދު، ނަސްރުﷲ ހަލީލްގެ އިތުރުން އާދަމް ހުސެއިނެވެ.

މިމުބާރާތުގެ ފިރިހެން ޑިވިޒަންގެ ފައިނަލަށް ކުޅުދުއްފުށި އަދި ނޮޅިވަރަން ދިޔައީ ގްރޫޕް ސްޓޭޖްގައި އެންމެ ގިނަ ޕޮއިންޓް ހޯދައިގެންނެވެ. ފިރިހެން ޑިވިޒަންގައި ދެންވާދަކުރީ ވައިކަރަދޫ ވިއެސް އަދި ފިނޭ އެވެ.

2019 ވަނައަހަރު ސެޕްޓެމްބަރުމަހު 20 އިން 29 އަށް ކުރިއަށްގެންދިޔަ މިމުބާރާތުގައި އަންހެން 6 ޓީމު އަދި ފިރިހެން 4 ޓީމު ބައިވެރިވެފައި ވެއެވެ. މިމުބާރާތުގެ އަންހެން އަދި ފިރިހެން ޑިވިޒަންގެ ޗެމްޕިއަން ޓީމަށް ދިހަހާސް ރުފިޔާ އަދި ރަނަރަޕް ޓީމަށް ހަތްހާސް ރުފިޔާގެ އިނާމެއް ހުށަހެޅިފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355