twitterviber whatsapp telegramfacebookyoutube instagram
18th November 2019

ހަޤީޤީ ނަޞްރަކީ ކޮބައިހެއްޔެވެ؟

Nov 3, 2019
1

--ލިޔުނީ: ހާޝިމް އަބޫބަކުރު--

ހެރޭ މެޔަށް ތީރަކަށް މެ ނުބަލާ،

ކެރޭނެ އައްޑަނައަކަށް ވެ ޤުރުބާން

ނެރޭނެ ހިތްވަރު ހިތާއި ރޫޙުން،

ކެރޭ ޔަޤީން ފަހުލަވާނު ވި ޒުވާން

މިއަދު މި ދެކެވެނީ ފަހުގެ ތާރީޚެއްގައި ދިވެހިން ދުށް އެންމެ ނުރައްކާތެރި ޙަމަލާއިން މި ދީބު ސަލާމަތްކުރުމުގައި އެންމެ އިސްދައުރެއް އަދާކުރި، އެދުވަހެއްގެ ޛިކުރާ އައުކުރަމުން މިދާ ނަޞްރުގެ ދުވަހުގެ ބަޠަލު، ޝަހީދު ޙުސައިން އާދަމްގެ ވާހަކައެވެ. އެ ބޭފުޅާ ދެއްކެވި ހިތްވަރުގެ ވާހަކައެވެ. ދީނާއި ޤައުމުގެ ދިފާއުގައި ކުޑަވެސް ފަސްޖެހުމެއްނެތި އެންމެ ފަހު ނޭވާފުޅާއި ހަމައަށް ދެއްކެވި ނަމޫނާގެ ވާހަކައެވެ. ކޮންމެ އަހަރެއްގެ ނޮވެމްބަރު 3ވަނަ ދުވަހަށް އަލިވިލިގެން އަންނަނީ ދޫތަކުން ކިޔޭ ޝުކުރުވެރިތަރާނާގެ އަޑުންނެވެ. ޝަހީދުންގެ ޛިކުރާގެ މަތިވެރި ފަސާނާގެ އިހުސާސްތައް ހިތްތަކަށް ވެރިކުރުވަމުންނެވެ. ނަމަވެސް އެދުވަހު ކިޔައިލެވޭ ލަވަތަކާއި ދެވޭ ބަޑީގެ ސަލާމު އަޑު ފަނޑުވެގެން ދާހާ ވަގުތުކޮޅެއްގެ ތެރޭގައި އެ ޛިކުރާގެ ހަނދާންވެސް ނެތިގެން ދަނީއެވެ.

މި ދިވެހި އުންމަތް ހުސައިން އާދަމް އާއި އަދިވެސް އެދުވަހުގެ ޝަހީދުންގެ މަތިވެރި ޤުރުބާނީއަށް ދަރަނިވެރިވެފައިވާއިރު، އެ ޤުރުބާނީގެ އަގުވަޒަން މި ކުރެވޭ ފިނޑިގޮތާމެދު އަހަރެމެން ދެރަވެ ލަދުގަންނަންޖެހެވެ. އަހަރެއްގެ އެންމެ ދުވަހެއްގައި ބޭއްވޭ ޖަލްސާއަކުން، ނޫންނަމަ އެއްބަޔަކު އަނެއްބަޔަކާއި ދިމާއަށް ޚާއިނުންނޭ ގޮވުމަށް ބޭއްވޭ މުޒާހަރާއަކުން، އެ ބަޠަލުންގެ ޖިހާދު މަތިވެރިނުކުރެވޭނޭކަން ދަންނަންވެއްޖެއެވެ. އެއީ އެ ފަހުލަވާނުންގެ ނަން މަތިވެރި ކުރުމެއްނޫނެވެ. އަދި އެ ޝަހީދުން ދެއްކެވި އީމާންތެރިކަމުގެ ހިތްވަރުން ފިލާވަޅު ލިބިގަތުމެއްވެސް ނުމެ ނޫންމެއެވެ. އެހެނެއްކަމަކު އެއީ އެ މަތިވެރި ޖިހާދުގެ ނަންހަޑިކުރުމެވެ. ޅަ ޖީލުގެ ސިކުނޑިތައް ކިލަނބުކުރުވައި، މި ފަޚުރުވެރި ދުވަހުގައި އެ މައުސޫމު ހިތްތަކުގައި އުފެދޭ ޙުއްބުލް ވަޠަންގެ މުޤައްދަސް އިހުސާސްތަކުން އެ ކުދީންމަހުރޫމުކުރުވުމެވެ. ނަމަވެސް ނަސްރުގެ ދުވަހުގެ ބަތަލުންނީ މިފަދަ އެކަށީގެންނުވާ ލަޤަބަކަށްވުރެ މަތިވެރި ޤުރުބާނީއެއްގެ ވެރި، އަދި އެ ބަތަލުންނާއިމެދު ދިވެހީންވާ ފަޚުރު ފަނޑުނުވާނޭ ބައެކެވެ.

މުޅި ޤައުމު ނަޞްރުގެ ބަޠަލުންގެ ހިތްވަރަށް ފަޚުރުވެރި ވާއިރު، މި ޤައުމު މި އޮތީ އެބޭފުޅުން ފަޚުރުވެރިވެ ވަޑައިގަންނަވާނޭ ފަދަ ޙާލަތެއްގައި ތޯވެސް ވިސްނާލަންޖެހެއެވެ. ބަވަނަވުމުގެ ސަބަބުން އަޅުވެތިކަމުގެ ފިތުނަވެރި ލޯތަކަށް މުޅި ދުނިޔެ ހުށަހެޅިފައިވާ ޒަމާނެއްގައި، މި ދިވެހިރާއްޖެ އޮތީ ކޮން މިސްރާބަކަށްތޯ ފިކުރުހިންގައިލާން ޖެހެއެވެ. ހިތާމައަކީ ކޮޅުނެތްހާ ބޮޑު ހިތާމައެކެވެ. ޤައުމުގެ ހަފަރާތުން މިވަނީ ފިކުރީ ހަނގުރާމައިގެ ކަޅުވިލާގަނޑެވެެ. އެއްބަޔަކު މި އިސްލާމީ ބިމުގައި އަލްމާނިއްޔަތައް ފުރުސަތުދިނުމަށް ކޮށެން ހުރި ހުރިހާ މަގެއް ކޮށުމުގައި އަވަދި ނެތި އުޅޭއިރު، އަނެއް ބަޔަކު ލޭއޮހޮރުވުމާއި ފަސާދައިގެ ދަރު އަންދަނީއެވެ. ޒުވާނުން މަސްތުގެ ލައްޒަތުގައި ފިކުރެއް ޚިޔާލެއްނެތި އުދުހޭއިރު، އަންނަން އޮތް ޖީލުގެ ލޯތައް މާއްދިއްޔަތުގެ ޓެލެވިޜަނަށް ދީގެން، މައިންބަފައިން ނުނިމޭ ސިޔާސީ ޒުވާބެއްގައި އުމުރު ދުއްވާލަނީއެވެ. ރާއްޖޭގެ އަދުގެ މިސާލީ ގަދަކަނޑެއްގައި ދަތުރުކުރަމުންދާ ހުންގާނެއް ނެތް ބޮއްކުރައެއްގެ މިސާލެވެ. ދެންވެސް ޤައުމުގެ މަތިފަޑީގައި ތިއްބެވި ވެރީން ޕޯޑިއަމްތަކުގައި އެ ވިދާޅުވަނީ ދިވެހީންނަށް ހަޤީޤީ ނަޞުރު ހޯއްދަވައިދެއްވާނެ ވާހަކައެވެ.

ހަޤީޤީ ނަޞްރަކީ މި ދިވެހި ދީބުގައިވާ އިސްލާމްދީނުގެ އަލިގަދަ ދަންމަރު ނުނިވޭނޭކަމުގެ ޔަޤީންކަން ލިބުމެވެ. ދިވެހީންގެ މިނިވަންކަމާއި އިސްތިޤުލާލު ރައްކާތެރިކުރާނޭ ވަރުގަދަ އިސްލާމީ ލަޝްކަރެއް މި ދީބުން އުފަންވެގެން ދިއުމެވެ. ލޭއޮހޮރުވުންތަކާއި ހަމަނުޖެހުންތަކުން ސަލާމަތްވުމެވެ. ޑެމޮކްރަސީގެ ނަމުގައި ފުނޑުފުނޑުވަމުން މިދާ އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަން އަލާކޮށް ދިރުވުމެވެ. މާއްދިއްޔަތަށް ގޮސް ހުސްވަމުންދާ ޅަޖީލު، އިސްލާމްދީނާއި ދިވެހި ޤައުމާއި ދިވެހި ބަހަށް ޚިދުމަތްތެރި ބަޔަކަށްވުމެވެ. އަދި ޢަޤީދާ މަތިކޮށް ހައްދުފަހަނައަޅައި ދާ ދިއުމަށް ނިމުމެއްގެނައުމެވެ. ހަޤީޤީ ނަޞްރަކީ ހަމަ ކޮންމެ ދުވަހަކުމެ އެ ހޯދުމަށް ތިމާގެ އަމިއްލަ ނަފުސާއި ދެމެދުން ފެށިގެން ގޮސް އެންމެހައި ދުޝްމިނުންނާއި ދެމެދު ކުރެވޭ ޖިހާދަކަށް ހަދައިގެން ނޫނީ ހާސިލްނުވާނެ ކަމެއްކަން ވިސްނި، އެގޮތަށް ޢަމަލުތައް ސީދާކުރުމެވެ. އެހެން ނޫންނަމަ ނަޞްރުގެ ދުވަހެއް ފާހަގަ ކުރުމުގެ ބޭނުމެއް ނެތެވެ.

"ފުރާނައިން ވި ޤުރުބާން އެއީ މާތް ދަރިންނޭ

ކުރާނީ ވެދުން ރީތި ފިނިފެންމަލުންނޭ

ކުރާ މީ ދުޢާ ޖަންނަތުން އެދެވިގެންނޭ

އަރާމާއި ނިޢުމަތް އެދޭ ހާލު ޝާނާ"

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355