twitterviber whatsapp telegramfacebookyoutube instagram
20th October 2019

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް: އާކުރިއެރުންތަކާއެކު ބޮޑެތި ގޮންޖެހުންތަކެއް

May 3, 2011

މުހައްމަދު އިސްމާއިލް

ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު ނޫސްވެރިކަމަށް ލިބެމުންދާ ކުރިއެރުންތަކާއި ނޫސްވެރިކަމަށް މިރާއްޖޭގައި ދިމާވަމުންދާ ގޮންޖެހުންތަކުގެ މައްޗަށް ކުރު ގޮތަކަށް ނަމަވެސް ބަލާލުމަކީ މުހިއްމު ކަމެކެވެ.

ދިވެހިޖުމުހޫރިއްޔާގެ ގާނޫނުއަސާސީގެ 28 ވަނަ މާއްދާގައި ނޫސްވެރިކަމުގެ މިނިވަންކަން ވަރަށް ފުރިހަމައަށް ދީފައިވެއެވެ. ހަބަރާއި، މައުލޫމާތާއި، ފެންނަގޮތްތަކާއި، ހިޔާލުތައް ފާޅުކުރުމާއި، ޝާއިޢުކުރުމާއި، ފެތުރުމުގެ މިނިވަންކަން ގާނޫނުއަސާސީން ވަނީ ލިބިދީފައެވެ. އަދި ހަމަ އެހެންމެ ނޫސްވެރިއަކު ފަތުރާ ހަބަރެއްގައި ނުވަތަ ފާޅުކުރާ މައުލޫމާތެއްގެ މަޞްދަރު ހާމުކުރުމަށް އެއްވެސް މީހަކަށް މަޖުބޫރު ނުކުރެވޭނެކަމަށް ގާނޫނުއަސާސީގައި ބުނެފައިވެއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރަމުންދާއިރު ލިބޭ ކުޑަ ހިތްހަމަޖެހުމަކީ ނޫހުގައި ލިޔާއެއްޗެއްގެ ސަބަބުން ދައުލަތުގެ ފަރާތުން ދައުވާއެއް ނުއުފުލާނެކަމުގެ ޔަގީންކަން ލިބިފައިވުމެވެ. ނުވަތަ، ދައުލަތުގެ އިދާރާއެއްގެ ހަބަރެއް ފަތުރައިގެން ފަސޭހައިން ކޯޓަށް ނުދެވޭނެކަން އެނގޭތީ ލިބޭ ހިތްހަމަޖެހުމެވެ. އަދި، މައުލޫމާތު ނުވަތަ މަޞްދަރު ހޯދިގޮތެއް ބުނެދޭންނުޖެހޭނެކަމަށް ގާނޫނުއަސާސީގައި ކަޅާއި ހުދުން ލިޔެފައިވާތީ ލިބޭ ހިތްހަމަ ޖެހުމެވެ. އެހެންނަމަވެސް ސިޔާސީ އިސްބައެއް ފަރާތްތަކުން ނޫސްވެރިން “ކަތިލުމަށް” ހިންގަމުންގެންދާ ޖަރީމާތަކުގެ މަތިން ހަނދާންކުރަންޖެހެއެވެ. ނޫސްވެރިންނަށް ތަފާތު އިންޒާރުތައްދީ ޖިސްމާނީގޮތުން އަނިޔާތަށް ދިވެހި ނޫސްވެރިންނާމެދު ކުރެވެމުންދާކަން ފާހަގަކުރަންޖެހެއެވެ.

21 ވަނަ ގަރުނުގެ ދުވަސްތައް ޒަމާނީ ޓެކްނޮލޮޖީގެ އާއުސްމިންތަކަކާއެކު ނޫސްވެރިންނަށް މައުލޫމާތު ހޯދުމުގައި ފަސޭހަތަކެއް ލިބިފައިވާކަން ފާހަގަކުރެވެއެވެ. އަދި، ހަބަރުފެތުރުމުގައިވެސް ފަސޭހަތަކެއް ލިބިގެން ދިޔަކަމަށް ގަބޫލުކުރެވެއެވެ. އެހެންނަމަވެސް ނޫސްވެރިކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މައުލޫމާތު ހޯދާ ލިބިގަތުމުގައި ހުރި ހުރަސްތަކެވެ. ސަރުކާރާ ދައުލަތުގެ އެހެނިހެން މުއައްސަސާތައް އަދިވެސް މީޑިޔާގެ ވަޞީލަތްތަކާއިމެދު ދެކޭގޮތުގެ ސަބަބުން ނޫސްވެރިކަން ތަރައްޤީ ކުރުމުގައި ދިމާވާ ގޮންޖެހުންތަކެވެ.

ނޫސްވެރިންނަށް ދިމާވާ ހުރަސްތަކުގެ ވާހަކަ ދައްކާއިރު ނޫސް އެޖެންސީތަކުގެ އެތެރޭގައިވެސް ނޫސްވެރިންނަށް މިނިވަންކަން އޮންނަންޖެހެއެވެ. ނޫސް އެޖެންސީތަކުން ނޫސްވެރިންގެ ހައްގުތައް އެމީހުންނަށް ލިބިދެވޭކަން ކަށަވަރުކުރަންޖެހެއެވެ. ނޫސްވެރިންނަށް ދިމާވާ ނުރައްކާތެރި ހާލަތްތަކުގައި އެނޫސްވެރިޔާގެ ހައްގު ހޯދައިދިނުމުގައި ނޫސް އެޖެންސީތަކުން މުހިއްމު ދައުރެއް އަދާކުރަންޖެހެއެވެ. އަދި ނޫސްވެރިންނަށް އެކަށީގެންވާ އުޖޫރައެއް ދޭންޖެހޭނެކަން ނޫސްވެރިކަންކުރާ އިދާރާތަކުން ގަބޫލުކުރަންޖެހެއެވެ.

ހަރުދަނާ ޑިމޮކްރަސީއެއް ބިނާކުރުމަށް ނޫސްވެރިކަމަކީ މުހިއްމު ދައުރެއް އަދާކުރާ އެއްޗެކެވެ. ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ޑިމޮކްރަސީގެ އެންމެ މުހިއްމު އެއް ކާނާއެވެ. މައުލޫމާތު ފެތުރުމާއި މައުލޫމާތު ލިބިގަތުމުގެ މިނިވަންކަން ލިބިނުދެވެނީސް ޑިމޮކްރަސީގެ ބިންގާ ވަރުގަދަ ވެގެންނެއް ނުދާނެއެވެ. ގާނޫނުގެ ވެރިކަން ނަގަހައްޓާ، ރައްޔިތުންގެ ހައްގުތައް އެރައްޔިތުންނަށް ހޯދައިދިނުމުގައި ނޫސްވެރިން މުހިއްމު ރޯލެއް އަދާކުރެއެވެ. ކޮރަޕްޝަނާ ފަސާދަ ނައްތާލުމުގައި ނޫސްވެރިން އަދާކުރަމުންދަނީ މުހިއްމު ދައުރެކެވެ. މިހުރިހާ ކަމަކާއެކުވެސް ރައްޔިތުންގެ ޒާތީ ދިރިއުޅުމާއި ޒާތީ މުއާމަލާތުތަކަކީ ނޫސްވެރިންވެސް އެއަށް އިހުތިރާމް ކުރަންޖެހޭނެ ކަންކަމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355