twitterviber whatsapp telegramfacebookyoutube instagram
20th January 2020

ސުވާލެއް: ކުޅުދުއްފުއްޓަށް އަންނަންޖެހޭ ތަ؟

Dec 5, 2019
11

ކުޅުދުއްފުއްޓަކީ އެންމެ ފަސޭހައިން ދަތުރުހަދައިގެން އާދެވެން އޮތް ރަށެވެ. މާލެއިން ފުރައިގެން ކަނޑުމަގުން 450 ރުފިޔާއަށް އާދެވެން އެބަ އޮތެވެ. ހަވީރު ބޯޓަށް އަރާގޮތަށް، ކަމަރާގެ ފުރާޅުމައްޗަށް އަރައި، އިރުއޮއްސޭ މަންޒަރު ބަލާލުމަށްފަހު، ފައިބައި ނަމާދުކޮށްގެން ކައިއަވަދިވެގެން އެވީ ނިދާށެވެ. ފަތިހު ހޭލާއިރު އޮންނާނީ، ކުޅުދުއްފުށީ ބަނދަރުގައެވެ. މިއީ ކަނޑުމަގުން އަންނަން އޮތް އެއް އިހްތިޔާރެވެ. ލާންޗުފެރީގައިނަމަ، މިއަށްވުރެވެސް އަވަހަށް ކަނޑުމަގުން އާދެވެން އެބަ އޮތެވެ. ދެން އޮތީ ހަނިމާދޫ މަގުން އައުމެވެ. ނަމަވެސް އެންމެ ފަސޭހަގޮތަކީ ކުޅުދުއްފުށީ އެއާޕޯޓަށް ސީދާ އައުމެވެ. މިހާރު ކޮންމެދުވަހަކު ފުލައިޓު އެބައޮވެއެވެ. މީގެ އިތުރުން ހއ އަތޮޅާއި ހދ. އަދި ށ އަތޮޅުގެ ރަށްރަށުން ފެރީގައި ކުޅުދުއްފުއްޓަށް އެބަ އާދެވެއެވެ. ދަތުރުފަތުރުގެ ނެޓްވޯކުން މިހާ ރަނގަޅަށް ކަނެކްޓުވެފައި އޮތް އެހެން ރަށެއް ވަރަށް މަދުވާނެއެވެ.

ސުވާލެއް!

އަހަރެން ކުރާ ސުވާލަކީ މިއެވެ. ކުޅުދުއްފުއްޓަށް ކޮންމެހެން އަންނަންޖެހޭ ހެއްޔެވެ؟ އަހަރެން ހިތުން ތަނަކަށް މީހަކު ދަތުރު ހަދައިގެން ދާނީ ކޮންމެވެސް ބޭނުމަކުއެވެ. ކުޅުދުއްފުއްޓަށްވެސް މީހުން އަންނާނީ ކޮންމެވެސް ބޭނުމެއް އޮވެގެންނެވެ. ވީމާ މީހުން އަންނަންޖެހޭފަދަ ރަށަކަށް ބަދަލުކޮށްގެން ނޫނީ ކުޅުދުއްފުއްޓަކަށްވެސް މީހުން އަންނާނެކަމަކަށް ގަބޫލެއް ނުކުރެވެއެވެ.

ދެން ހަދާނީ ކިހިނެއް؟

ވީމާ ދެން އޮތީ ކުޅުދުއްފުއްޓަކީ މީހުން އަންނަހިތްވާކަހަލަ ކަންކަން ހުރި ރަށަކަށް ހެދުމެވެ. އެގޮތުން ކުރެވިދާނެ ކަންކަމާއިމެދު ރަށުކައުންސިލުން ފުންކޮށް ވިސްނައި މަޝްވަރާކުރަންވެއްޖެ އެވެ.

ކުޅުދުއްފުއްޓަކީ ތަފާތު ހަރަކާތްތައް އަބަދުވެސް އޮންނަ ވަރަށް 'ހެޕަނިންގް ރަށެއް'ގެ ގޮތުގައި ދެއްކުމަށް، ތަފާތު ކުޅިވަރު މުބާރާތްތަކާއި، ސޯޝަލް އިވެންޓްތައް މުޅި އަހަރުތެރެއަށް ބަހާލައިގެން ރާވައި އިންތިޒާމުކުރެވިދާނެއެވެ. ދާދި ފަހުން ނިމިގެން އެދިޔަ ޑަބްލިޔުއެސްއޭ ބީޗް ގޭމްސް ފެސްޓިވަލަކީ، ފެށުމެއް ކަމަށް ބަލަމާ ހިނގާށެވެ. އެ ގޭމްސް އާއެކު ރަށް އިތުރަށް އެނގިގެން ހިނގައްޖެއެވެ. ކުޅިވަރު މުބާރާތްތަކުގެ އިތުރަށް އަހަރީ ޝޯތަކާ ތަފާތު ފެސްޓިވަލްތައް ބޭއްވިދާނެ އެވެ.

މި ގޮތުން ބާއްވާ ފެސްޓިވަލްތަކާއި ގިނަ މީހުން ބައިވެރިވާ ކުޅިވަރު ހަރަކާތްތަކުގެ ބައެއް ޖެހިގެން އޮތް ނޮޅިވަރަމާއި، ކުމުންދުއާއި ނޭކުރެންދޫގެ އިތުރަށް ކުރިންބަށްވެސް ފަތުރާލެވިދާނެ އެވެ. އޭރުން އަދި މާ ފައްކާވާނެއެވެ. މި ދެއްކިވާހަކަ ދޭހަކުރުމަށް ފަސޭހައަކަށް މިސާލެއް ބުނެލާނަމެވެ. ދުވުމާއި ފެތުމާއި ބައިސްކަލް ރޭހާއި މެންގްރޫވް ހައިކިންގް ހިމެނޭގޮތަށް ބޮޑު އިވެންޓެއް ކޮންމެ އަހަރަކު މުޅި ރާއްޖެއަށް ހުޅުވައިލައިގެން ކުޅުދުއްފުއްޓާއި ކައިރި ރަށްރަށް ހިމަނައިގެން ބާއްވަންފަށައިފިނަމަ، އިސާހިތަކު މީހުންގެ ޝައުގުވެރިކަން އިތުރުވާނެ އެވެ.

ގިނަ މީހުން އެޓްރެކްޓްވާ އިވެންޓްތައް ގަވާއިދުން ބާއްވަން ފަށާއިރަށް އޭގެތެރެއަށް ވިޔަފާރި ވަންނާނެއެވެ. އޭރުން އެއޮތީ ދެމެހެއްޓެނިވިގޮތެއްގައި ކުރިއަށް ގެންދެވޭނެ ގޮތެއް ފެނިފަ އެވެ. ކުރުކޮށް ބުނާނަމަ، މިދައްކާ ވާހަކައިގެ މައިގަނޑު ޕޮއިންޓަކީ، ރަށަށް މީހުން ގެނުވަން ބޭނުންނަމަ، ރަށް ޝައުގުވެރި ތަނަކަށް ހަދާށޭއެވެ.

ރަށުގެ ވެށި މުހިންމުތަ؟

ރަށަށް މީހުންގެ ޝައުގުވެރިކަން އިތުރުކުރުމަށް އެހެން ރަށްރަށާއި ތަފާތުކަމެއް ގެނައުމަށް ބޭނުންކުރެވޭނެ އެންމެ މުހިންމު ވަސީލަތަކީ ރަށުގެ ތިމާވެއްޓެވެ. ގުދަރަތީ ރީތިކަމެވެ. މީހުންނަށް އެރީތިކަން ދައްކާގޮތެވެ. މުސްތަގުބަލުގައި ދިވެހީން އެއްރަށުން އަނެއް ރަށަށް ދަތުރުކުރާ މިންވަރު އިތުރުވާނެއެވެ. މިހާރުވެސް ދަނީ އިތުރުވަނުންނެވެ. މި ގޮތަށް ދަތުރުކުރާއިރު ރަށެއް ޚިޔާރުކުރުމުގައި އެތަނެއްގެ ރީތިކަމާއި އާދަޔާއިޚިލާފުކަން ވަރަށް މުހިންމު ދައުރެއް ކުޅޭނެއެވެ.

މިހާރުވެސް ރަށަކަށް ދަތުރެއް ދާއިރު، ރަށުގެ ގުދުރަތީ ރީތިކަމަށް ދިވެހިން ބަލައެވެ. ކެލައަށް މީހުންދަނީ އެރަށުގެ ގޮނޑުދޮށް ރީތިވީމަ އެވެ. ތޮއްޑުއަށް ދަނީ އެރަށުގެ ގޮޑުދޮށް ރީތިވުމާއި ދަނޑުތައް ބަލާލުމުގެ އިތުރުން "ވާވޮ މަގު"ގައި ސަޅި ސެލްފީއެއް ނަގާށެވެ! ހުޅުދުއްފާރުގެ ރީތިކަމަކީ މަގުގެ އަރިމަތީ ހައްދާފައިވާ ރީތި ރުއްތަކެވެ. ވީމާ، ކުޅުދުއްފުއްޓަށް އޮތީ ރަށުގެ ގުދުރަތީ ރީތިކަން ހަލާކުނުކޮށް ބާއްވައިގެން ރީތި އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީކުރުމެވެ.

ތަފާތުގެނުވޭނެ ވެއްޓެއް އެބަ އޮތްތަ؟

މަތީގައިވާ ފޮޓޯގަނޑުގައި އެވަނީ، ކުޅުދުއްފުށީގެ ޚާއްސަ ސަރަހައްދުތަކުގެ ތެރެއިން މީހުންގެ ޝައުގުވެރިކަން ދަމައިގަންނާނެ ފަދަ ގޮތަކަށް ތަރައްގީކުރެވިދާނެ ތިން ސަރަހައްދެކެވެ.
ފުރަތަމަ ސަރަހައްދަކީ، ކުޅީގެ "ސަލާމަތުން" މިހާރު އޮތް ބައެވެ. މިތަނުގައި މީހުން ޝައުގުވެރިވާނެ އެތައްކަމެއް ރާވައި އިންތިޒާމުކުރެވިދާނެއެވެ.

ދެވަނަ ސަރަހައްދަކީ، އަފީފުއްދީން ސްކޫލް ދެކުނުން އޮތް ފެންގަނޑާއި އެދިމާ އަތިރިމައްޗެވެ. މިއީވެސް ވަރަށް ހިތްގައިމު ގޮތަކަށް ތަރައްގީކުރެވިދާނެ ސަރަހައްދެކެވެ.
ތިންވަނަ ސަރަހައްދަކީ އިންޖީނުގޭގެ ދެކުނުން މިހާރު ބޮނބިފާކޮށް ހަޑިކޮށްފައިވާ ފެންގަނޑާއި އެދިމާ ހުޅަގުން އޮތް މައިޒާނެވެ. ދެވަނަ ސަރަހައްދާއި ތިންވަނަ ސަރަހައްދު އެއީ އެއް ސަރަހައްދެއްގެ ގޮތުގައިވެސް ތަރައްގީކުރެވިދާނެއެވެ.

ވަރަށް ޝައުޤުވެރިވާނެ ގޮތަކަށް ތަރައްގީކުރެވިދާނެ ހަތަރުވަނަ ސަރަހައްދަކީ، އެއާޕޯޓާ ދިމާ އަތިރިމައްޗެވެ.

ބޯހިޔާވަހިކަމަށް މިކަންކަމުން ހުރަސް އެޅޭނެ ކަމަށް ހީވުމަކީ ކުށްހީއެކެވެ. ސަބަބަކީ ބޯހިޔާވަހިކަމަށް މި ސަރަހައްދުތަކަކީ އެއްގޮތަކަށްވެސް ކަމުދާ ސަރަހައްދުތަކެއް ނޫނެވެ. ސަބަބުތައް ތަފުސީލުކޮށް ނުބުންޏަސް، ލޮކޭޝަނާއި ބިމާއި މެދު ރަނގަޅަށް ވިސްނާލީމާ އެކަން އެނގޭނެއެވެ. ބޯހިޔާވަހިކަމަށް އޮތީ މި ސަރަހައްދުތައް ނޫން ރަށުގައި ދެން ބާކީއޮތް ކޮންމެ ބިމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355