twitterviber whatsapp telegramfacebookyoutube instagram
22nd January 2020

އަންހެން ބާސްކެޓްބޯޅަ ޓީމުންް ލޯ މެޑަލް ހޯދައިފި

ނަބީލާ އިސްމާޢީލް
Dec 10, 2019

ސައުތު އޭޝިއަން ގޭމްސްގެ އަންހެން ބާސްކެޓްބޯޅައިގެ ތިންވަނަ ހޮވާ މެޗުގައި ބޫޓާން ބަލިކޮށް ރާއްޖޭގެ އަންހެން ބާސްކެޓްބޯޅަ ޓީމު ލޯ މެޑަލް ހޯދައިފިއެވެ.

މިއީ ރާއްޖޭގެ އަންހެން ބާސްކެޓްބޯޅަ ޓީމަށް ލިބުނު ބައިނަލްއަގްވާމީ އެންމެ ބޮޑު އެއް ކާމިޔާބީ އެވެ. އަންހެން ޓީމުން ވަނީ މީގެ ކުރިން ސައުތު އޭޝިއަން ބީޗް ގޭމްސްގެ ތުރީއޮންތުރީ އިވެންޓުން ރިހި މެޑަލް އަދި ސާބާ ވިމެންސް ޗެމްޕިއަންޝިޕުން ލޯ މެޑަލް ހޯދައިފަ އެވެ.

ނޭޕާލުގެ ކަތުމަންޑޫގައި ހުންނަ ތުރީޕުރޭޝްވޯރު ހޯލުގައި ކުޅުނު ތިން ވަނަ ހޮވާ މެޗުގެ ފުރަތަމަ ކުއާޓަރު ފެށިގެން ބޫޓާނުން ވަނީ ލީޑެއް ނަގައިފަ އެވެ. އަދި ރާއްޖޭން މި ކުއާޓަރގެ މެދުތެރެއިން ލީޑެއް ނެގި އެވެ. ނަމަވެސް ބޫޓާނުން އަލުން ލީޑުނެގި އެވެ. މި ކުއާޓަރުގެ ފަހު ދެ މިނިޓް ތެރޭގައި ރާއްޖޭގެ ކުޅުންތެރިން ތަފާތު ދައްކައި ކުއާޓަރު ނިންމާލީ 21-14 އިން ލީޑެއްގައި އޮވެ އެވެ.

ދެވަނަ ކުއާޓަރ ރާއްޖެއިން ފެށީ ވަރުގަދަކޮށެވެ. އެގޮތުން ރާއްޖޭގެ ތަޖުރިބާކާރު ކުޅުންތެރިޔާ ފާތިމަތު ރިޝްމާ އާއި ޝިއުރާގެ މޮޅު ކުޅުމާއެކު ރާއްޖެއިން ދެވަނަ ކުއާޓަރ ނިމުނުއިރު ކުރީގައި އޮތީ 49-27 ޕޮއިންޓުންނެވެ. މި ކުއާޓަރގައި ބޫޓާނަށް މާ އެދެވޭ ކުޅުމެއް ދެއްކޭގޮތެއް ނުވިއެވެ. ހާއްސަކޮށް ގިނަ ބޯޅަތަކެއް އެ ޓީމު އަތުން ވަނީ ގެއްލި ރާއްޖެއަށް ލިބިފައެވެ.

ތިން ވަނަ ކުއާޓަރުގައި ވެސް ބޫޓާނަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ. ރާއްޖޭގެ ކުޅުންތެރިން މެޗު ކޮންޓްރޯލްކޮށްގެން ކުޅެމުންދިޔައިރު ޕޮއިންޓް ވެސް ސްކޯކުރަމުންދިޔަ އެވެ. މި ކުއާޓަރުގައި ރާއްޖޭގެ ކޯޗު ސުޕުން ވިމާލް ވަނީ ޓީމުގެ ކުޅުންތެރިން ބަދަލުކޮށް އެހެން ކުޅުންތެރިންނަށް ވެސް ފުރުސަތު ދީފަ އެވެ. ރާއްޖޭން މި ކުއާޓަރު ގެންދިޔައީ 69-33 އިންނެވެ.

ފަހު ކުއާޓަރގައި ރާއްޖެ ޓީމުން ކުޅުނީ ވަރަށް ހަމަޖެހިލައިގެންނެވެ. މި ކުއާޓަރގެ ކުރީކޮޅު ހާއްސަކޮށް ފެނިގެންދިޔައީ ޝިއުރާގެ ލީޑަޝިޕްގެ ދަށުން ރާއްޖޭގެ ޒުވާން ކުޅުންތެރިން ކުޅުނުތަނެވެ. އެގޮތުން ކުއާޓާރ ފެށިއިރު ޝިއުރާ އާއި ޒައިނާ ފިޔަވާ ފުރަތަމަ ޓީމުގެ ގިނަ ކުޅުންތެރިން ފެނުނީ ބެންޗުންނެވެ. ނަމަވެސް މި ކުއާޓަރގެ ވަކި ހިސާބަކުން ފުރަތަމަ ޓީމުގެ ކުޅުންތެރިން ވަނީ ކުޅެން އަރާފައެވެ. އަދި ބެންޗުގައި ތިބި ހުރިހާ ކުޅުންތެރިންނަށް ފުރުސަތުދިނެވެ.

ހަ ޓީމު ވާދަކުރި މި ފަހަރުގެ އަންހެން ބާސްކެޓްބޯޅަ އިވެންޓުގައި ރާއްޖޭން ޖުމްލަ ހަތަރު މެޗު ވަނީ ކުޅެފަ އެވެ. ގްރޫޕް ސްޓޭޖުގައި އިންޑިއާ އަތުން ބަލިވި ނަމަވެސް ފުރަތަމަ ފަހަރަށް ސެމީގެ ޖާގަ ހޯދީ ސްރީ ލަންކާގެ މައްޗަށް ކުރިހޯދުމަށް ފަހު އެވެ.

އަންހެން ބާސްކެޓްބޯޅަ ޓީމު މި ކާމިޔާބީ ހޯދީ މޭ މަހުން ފެށިގެން ހަދަން ފެށި ތަމްރީންތަކާ އެކު އެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އަައިއޯއައިޖީ)ގައި ވާދަނުކުރި ނަމަވެސް ފެންވަރު ރަނގަޅު ޓްރެއިނިން ކޭމްޕްތަކެއް ފުރިހަމަކުރި އެވެ. އެ ގޮތުން ހދ. ކުޅުދުއްފުށީގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކުރުމުގެ އިތުރުން ތައިލެންޑާއި ޗައިނާގައި ވެސް ތަމްރީންތަކެއް ހެދި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355