twitterviber whatsapp telegramfacebookyoutube instagram
22nd January 2020

ދިވެހިންގެ ތަރައްޤީ ނުވި ސައިކަލު ދުއްވުން

Dec 24, 2019
12

ބުނެއުޅޭ ގޮތުންނަމަ ކުޅުދުއްފުށްޓަކީ ރާއްޖޭގެ އުތުރުގެ ހިތެވެ. ރާއްޖޭގެ ނިސްބަތުންނަމަ ސައިޒުން ބޮޑުވެފައި އާބާދީވެސް އިތުރެވެ. އެންމެ އެދެވޭފަދަ ދުވެއްޔެއްގައި ނޫންނަމަވެސް، ތަރައްޤީވެސް މިދަނީ އަންނަމުންނެވެ. މަގުތައްވެސް މިދަނީ ހެދެމުންނެވެ. ތަޢުލީމާއި ތަހުޒީބުގެ ޖީލެއްވެސް އަންނަނީ ބިނާވަމުންނެވެ. މީހުންގެ ފުދުންތެރިކަން އިތުރުވެ، ވިސްނުމާއި އުޅުންވެސް މިދަނީ ބަދަލުވަމުންނެވެ. ހަމައެއާއި އެކު އެއްގަމުއުޅަނދު ދުއްވާމީހުންނާއި އެއްގަމުއުޅަނދުގެ އަދަދުވެސް މިދަނީ ދުވަހެއްދުވަހަކަށް މައްޗަށެވެ.

އެއްގޮތަކަށްވެސް ދައްކަން މިއުޅެނީ މިބަދަލުތަކާމެދު އަޅުގަނޑު ދެކޭ ގޮތުގެ ވާހަކައެއް ނޫނެވެ. ދައްކަން މިއުޅެނީ މަގުމަތީގެ ރައްކާތެރިކަމުގެ ވާހަކައެވެ. ޤަބޫލުކުރެވޭ ގޮތުގައި ކޮންމެ ބޭފުޅަކުވެސް ސައިކަލު ދުއްވާނީ ލައިސެންސް އޮވެގެންނެވެ. ލައިސެންސް ލިބޭނީ އެބޭފުޅަކަށް ސައިކަލު ދުއްވަން އެނގޭކަމަށާއި، މަގުމަތީގެ ގަވައިދުތަކާއި އެގަަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތަން އެނގޭކަމަށް ކަމުވޮށިގެންވާ ކޮންމެވެސް ފަރާތަކަށް ޤަބޫލުކުރެވިގެންނެވެ. ނަމަވެސް ހަގީގަތަކީ ސައިކަލުތަކުގައި ކޮޅުކޮޅަށް ދުއްވާ ބައެއް މީހުންނަށް ނޭނގުން ނުވަަތަ ފަރުވާކުޑަވުމުގެ ސަބަބުން މަގުމަތީގެ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ނުހިތާ މަންޒަރު ފެންނަމުން ދިޔުމެވެ. މިފަދަ ފަރާތްތަކުގެ ސަބަބުން އެކުސިޑެންޓުތަކަށް މަގުފަހިވެ، މަގު ބޭނުންކުރާ އެހެން މީހުންގެ ސަލާމަތާށް ނުރައްކާވުމެވެ. މިގޮތުން ރަށު ތެރެއިން ފާހަގަވާ ބައެއް ކަންކަމާއި، އެކަންކަން ރަނގަޅުކޮށްލުމުން މަގުތަށް މިހާރަށްވުރެ އަމާންވެގެންދާނެ ފަދަ ބައެއް ކަންކަން ފާހަގަ ކޮށްލާނަމެވެ.

ގޯޅި އަޅަމުންދާ އުޅަނދުގެ ކުރިކެނޑުން

ކަނާތް ފަރާތުގައި އޮތް ގޯޅިއެއް އަޅަން ސިގުނަލުދީފައި ގޯޅިއަަޅަނިކޮށް، ކުއްލިއަކަށް ފަހަތުން އަންނަ ބޭފުޅާ އަނެކާގެ ކަނާތް ފަރާތުން ކުރިއަރައިގެންދާ މަންޒަރު ވަރަށް ގިނައިން ފެނެއެވެ. މިގޮތަށް ކަންތައް ކުރުމަކީ އެކުސިޑެންޓުތަކަށް ވަރަށް ބޮޑަށް މަގުފަހިވާ ކަމެކެވެ. އަދި ދިވެހިރާއްޖޭގެ ޓްރާންސްޕޯޓު އޮތޯރިޓީން ޝާޢިރު ކޮށްފައިވާ ރޯޑުކޯޑުގައިވާ ގޮތުންނަމަ، މުޅިން މަނާކަމެކެވެ. ރޯޑުކޯޑުގައި ބަޔާންކުރަނީ ގޯޅިއަޅަން ސިގުނަލުދީފައިވާ ނުވަތަ ގޯޅިއަޅަމުންދާ އުޅަނދެއްގެ ކުރިއަރަން މަސައްކަތް ކޮށްގެން ނުވާނެ ކަމުގައެވެ. އެހެންކަމުން ކޮންމެ ބޭފުޅަކުވެސް ސިގުނަލުދީފައިިވާ އުޅަނދަކަށްނަމަ ތަންދޭން ސަމާލުވާންވާނެއެވެ. އެމީހަކާއި އަދި އެހެން މީހުންގެވެސް ރައްކާތެރިކަމަށްޓަކައެވެ.

ލަހުން ސިގުނަލު ދިނުން ނުވަތަ އެއްގޮތަކަށްވެސް ސިގުނަލު ނުދިނުން

މަދަރުސީ ދައުރުގައި އިމްތިހާނު ނިމުމުން ދަސްކުރިއެއްޗެހި ހަނދާންނެތޭ އުޞޫލުން ލައިސެންސު ލިބުމަށްފަހު މަގުމަތީގެ ގަވާއިދުވެސް ހަނދާންނެތެނީ ކަންނޭނގެއެވެ. ގޯޅިއެޅުމަށްޓަކައި ސިގުނަޅު ދިނުމެއްނެތި ކުއްލިއަކަށް ބުރެކިޖެއްސުމަށްފަހު ގޯޅިއެޅުމަކީ މިހާރަކަށްއައިސް ވަރަށް އާންމުކަމެކެވެ. އަދި ގޯޅިއާއި އަރާ ހަމަވުމުން ސިގުނަލު ދިނުމަށްފަހު ލަހެއްފަހެއްނެތި ގޯޅި އެޅުންވެސް މިވަނީ އާންމު ކަމަކަށް ވެފައެވެ.

އެހެންކަމުން ސިގުނަލަކީ ކޮންއެއްޗެއްކަމާއި ސިގުނަލު ދިނުމުގެ ގަވާއިދު އަލުންދަސްކުރަމާތޯއެވެ. ސިގުނަލުދިނުމަކީ ތިމާ މަގުގައި ދުއްވަމުންދާގޮތް ނުވަތަ ހިސާބު ބަދަލުކުރަނީކަން އެހެންމީހުންނަށް އެންގުމަށް ބޭނުން ކުރެވޭ ވަޞީލަތެކެވެ. އެހެންކަމުން ސިގުނަލުދޭންވާ ވަގުތުގައި ރަނގަޅަށް ސިގުނަލުދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ. ރޯޑުކޯޑުގައި ވާގޮތުންނަމަ ސިގުނަލުދިނުމަށްފަހު ލަނބާލުން، ކައިރި ކުރުން، މަޑުކުރުން ނުވަތަ ކުރިއަރައި ދިޔުމުގެ ކުރިން 3-4 ސިކުންތު މަޑުކުރަން ޖެހެއެވެ. މަގު ބޭނުންކުރާ އެންމެންގެ ރައްކާތެރިކަމަށްޓަކައި ސިގުނަލު ދިނުމުގައި މިހާރަށްވުރެ މާބޮޑަށް ސަމާލުވާންވެއްޖެއެވެ.

ކަނާތްފަރާތަށް އެޅުން

އުމުރުން 18 ފުރި، ސައިކަލެއް މައްޗަށް އެރުމާއެކު ބައެއްބޭފުޅުންނަށް ހަމަޖެހިލެވެނީ ވަރަށް ގަދަޔަށެވެ. ހިސާބަށްވުރެ ބިރުކުޑައީ ކަމަށްވެސް ވެދާނެއެވެ. ނުވަތަ ބަޔަކަށް ދެއްކެނީކަމަށްވެސް ވެދާނެއެވެ. ކޮންމެއަކަސް ބައެއްބޭފުޅުން އަމީނީމަގަށް ނުކުމެ ކަނާތަށް އަޅަނީ ހޮޅިދަނޑީގެ ވެސް ކަނާތުންނެވެ. ރޯޑުކޯޑުގައި ވާގޮތުންނަމަ ދެކޮޅަށް ދުއްވާމަގަކަށް ކަނާތްފަރާތަށް ގޯޅިއަޅާނަމަ ދުއްވުންކުރިއަށް ގެންދަންވާނީ މަގުގެ ވާތްފަރާތަށް ޖެހިގެންނެވެ.

އެއީވެސް ދުވެލި މަޑުކުރުމަށްފަހު، ލޯގަނޑުންނާއި ކަނާތުކޮނޑުމަތިން ފަހަތް ބަލާ، ސިގުނަލުދީފައި ބަހައްޓައިގެން ކުރިމަތިން އަންނަ އުޅަނދަށާއި ހިނގާ މީހުންނަށްވެސް ތަންދިނުމަށްފަހުގައެވެ. ކީޔާލާއިރު މިއީވަރަށް ދިގު ހާސަރަކަށްވެދާނެއެވެ. ކުރަންވީމާ އަދި އެއަށްވުރެވެސް އުނދަގޫ ކަމަކަށްވެދާނެއެވެ. ވާނީވެސް އެހެންތާއެވެ. ސައިކަލު މައްޗަށްއަރަނީ އަވަހަށް ތަންތަނަށް ދިޔުމަށެވެ. ކޮޅުކޮޅު ބަލަމުން، ސިގުނަލުދެމުން، މަޑުކުރަމުން، ފިރުކޭކަށް ނޫނެވެ. ނަމަވެސް ވިސްނަވާށެވެ. ގަވާއިދުހުންނަނީ އެންމެން އޭގެ ބޭނުންކޮށް އެއަށް ހުރުމަތްތެރިކޮށް ހިތުމުން އެންމެންނަށް އެކަމެއްގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށެވެ. މަގުމަތީގެ ގަވާއިދަށް ހުރުމަތްތެރިކޮށް ނުހިތާބޭފުޅާއަށް އިހުމާލު ވެވެނީ މަގުބޭނުންކުރާ އެންމެންގެ ރައްކާތެރިކަމާއި މެދުގައެވެ. އަޅުގަނޑަށް ފެންނަގޮތުގައި، ރަނގަޅަށް ގޯޅިއަޅާލެވޭނެފަދަ ކެތްތެރިކަމެއް ނެތްނަމަ ސައިކަލު ދުއްވުމަށް ކުފޫވެސް ހަމަ ނުވަނީއެވެ.

ހައިބީމް

ދެންއޮތީ ހައިބީމްގެ ވާހަކައެވެ. ހައިބީމަކީ އެކަހެރި ނުވަތަ އެއްވެސް އަލިކަމެއް ނުހުންނަ ހިސާބުތަކުގައި ބޭނުންކުރާ ބައްތިއެކެވެ. ނަަމަވެސް ކުޅުދުއްފުށީގެ ގިނަ މަގުތަކަކީ މަގުބައްތިން އަލިކޮށްފައި ހުންނަ ތަންތަނެވެ. ލޯބީމުންފުދޭނެ ވަރުގެ މަގުތަކެވެ. ނަމަވެސް އަމީނީ މަގުންދުއްވިޔަސް ހައިބީމެވެ. ފަނޑިޔާރުމަގުން ދުއްވިޔަސް ހަމަ ހައިބީމެވެ. ބައެއްބޭފުޅުނަށް ދޭތީގެ ތަފާތު ނޭނގެނީ ކަމަށްވެދާނެއެވެ. މިހާރު އެނގިލައްވާނެތާއެވެ. ނުވަތަ ތީމާއަކީ ކާކުކަން އެހެންމީހުންނަށް އަންގަން ބޭނުންނުވަނީއެވެ. އެހެންނަމަ ހެލްމެޓު އަޅުއްވާށެވެ.

ކޮންމެވެސް ގޮތަކުން އަލިމަގުތަކުގައި ހައިބީމް ބޭނުންކުރުން ހުއްޓާލަންވެއްޖެއެވެ. ސަބަބަކީ ބައެއްބޭފުޅުންނަށް އަމިއްލަ އެދުމަށްޓަކައި ނަމަވެސް މިހެދެނީ ވަރަށްބޮޑު ގޯހަކަށްވުމެވެ. ހައިބީމު އަޅުވައިގެން ދުއްވާއިރު ކުރިމަތިން އަންނަ އުޅަނދުގައި އިންނަ ބޭފުޅާގެ ލޮލަށް އަލިއެޅި ރަނގަޅަށް މަގުފެނުމުގައި ދަތިވާގޮތްވެއެވެ. ބޯވާރޭގައި ހައިބީމު އަޅުވާނަމަ ވާރޭތިކިތަކުގައި ޖެހޭ އަލި އަނބުރާ އެބޭފުޅެއްގެ ލޮލަށް އަމާޒުވެ ކުރައްކާތެރި ޙާލަތެއްވެސް މެދުވެރި ވެދާނެއެވެ. އަދި ފަހަތުން އަންނަ އުޅަނދުގައި އިންނަ ބޭފުޅާ ހައިބީމް ބޭނުންކުރާނަމަ އަޅުގަނޑުގެ ލޯގަނޑަށް އަލި އެޅި ފަހަތް ބެލޭނެ ގޮތެއްވެސް ނޯންނާނެއެވެ.

ނިންމާލުން

އެހެންކަމުން ތަރައްޤީ އަކީ ހަމައެކަނި އުމްރާނީ ތަރައްޤީ ކަމުގައި ދެކުން ނިމުމަކަށް ގެނެސް އަޅުގަނޑުމެންގެ އިންސާނީ ތަރައްޤީއާއި ތަހުޒީބަށްވެސް އިސްކަމެއްދީ، މަގުމަތީގައި އުޅޭއުޅުން ޒަމާނާއި އެކަށިގެންވާ ގޮތަށް މިވަނީ ތަރައްޤީވެ ތަހުޒީބުވާން ވެފައެވެ."ގައްޑާ" ވުމާއި ކެރުމަކީ އަދި ތަހުޒީބުކަމުގައި ނުދެކޭށެވެ. މީހާގެ ފޯރުންެތެރިކަން އިތުރުވުމަކީވެސް އަދި ތަރައްޤީ ކަމުގައި ނުދެކޭށެވެ. އެއީ މާލެވެގެން، ނުވަތަ ފޮނިވެގެން، ތުއިވެގެން، ގަވާއިދުތައް "އޮޅާލައިގެން" އަންނާނެ ތަރައްޤީއެއް ނޫނެވެ. އެއީ އެންމެން އެކައްޗެއް ކިޔައިގެން، އެންމެންނަށް އިޙުތިރާމު ކުރާ، އެންމެންނަށް ރައްކާތެރި، އެންމެންނަށްވެސް ޖާގައާއި ފުރުޞަތު ލިބޭނެ މުޖުތަމަޢެއް ބިނާކޮށްގެން އަންނާނެ ތަރައްްޤީއެވެ. ސީ.އެން.އެންއިން ޓްރަމްޕް ހައްްދަވާ އިތުރުފުޅު ރިޕޯޓު ކުރާ އުޞޫލުން ހަފްތާއެއްގައި ހިނގާ ސާޅިސް އެތަށް އެކުސިޑެންޓެއްގެ ވާހަަކަ އަޑުއަހަން ޖެހުނީމާ އަދި ސަޅިއެއްނޫންތާއެވެ. ސަޅިކަމަކީ ހެޔޮޙާލުގައި ދާންބޭނުންވާ ތަންތަނަށް ދެވުމެވެ. އަދި ހެޔޮޙާލުގައި ލޯބިވާ މީހުންގެ ގާތަށް އެނބުރި އާދެވުމެވެ.

ލިޔުނީ: ނޫނުހާ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355