twitterviber whatsapp telegramfacebookyoutube instagram
22nd January 2020

ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ނުދެވިގެން މިއުޅެނީ ކީއްވެ؟ ސަބަބު ހާމަކޮށްދީ!

އަބްދުލް ވާހިދު ޙަސަން
Dec 27, 2019
18

ކުޅުދުއްފުށީގެ އާބާދީގައި ސިޓީއެއްގެ ދަރަޖަ ދިނުމަށް ގާނޫނުގައި ބުނާ އަދަދަށް، ދިހަހާސް މީހުން ހަމަވެފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހު 13 ވަނަ ދުވަހު އެވެ. އެ ދުވަހުގެ ތަފާސް ހިސާބުން ދައްކާގޮތުގައި 10002 މީހުން އާބާދީގައި ރަޖިސްޓްރީގައިވެ އެވެ. އެއީ 5107 ފިރިހެނުންނާއި 4895 އަންހެނުންނެވެ. ދިހަހާސް ހަމަވުން ލަސްވީ ފާއިތުވި ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ކުޅުދުއްފުށީގެ ރަށްްވެހިކަން އެކަށީގެންވާ އަދަދަކަށް މީހުން ދޫކޮށްލުމުންނެވެ.

އެއްފަސް ނުކޮށް އާބާދީގައި ދިހަހާސް ހަމަވެފައިވާއިރު ތަފާތުއެކި ބޭނުންތަކަށް ކުޅުދުއްފުއްޓަށް ހިޖްރަކޮށްގެން އުޅޭ މީހުންނާއެކު އެ އަދަދު 12 ހާހަށް އަރާނެ އެވެ. ކުޅުދުއްފުށީގެ ރައްޔިތުންގެ ޔަގީންކޮށްގެން ތިބީ އަންނަ ކައުންސިލް އިންތިހާބުގެ ކުރިން ކުޅުދުއްފުއްޓަށް ސިޓީ ދަރަޖަ ލިބިގެންދާނެކަމަށެވެ. ސަބަބުވެސް ބައިވަރެވެ. ގާނޫނީ އަދަދު ހަމަވުމާއި މިހާތަނަށް އައިއިރު ސަރުކާރާއި އެމްޑީޕީގެ އެކި ފަންތީގެ ބޭފުޅުން، ސިޓީއެއްގެ ދަރަޖަ ކައުންސިލް އިންތިހާބުގެ ކުރިން ދޭނެކަމަށްބުނެ ދެއްކި ދަޅައިންނެވެ.

މިހެން މިކަން އޮތްވާ ކުއްލިއަކަށް ރައްޔިތުންނަށް އިވެގެން މިދިޔައީ އަންނަ ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށީގައި އޮންނަނީ ރަށު ކައުންސިލެއްކަމަށް އިލެކްޝަން ކޮމިޝަނުން ހާމަކުރި ޙަބަރެވެ. މިވާހަކަ އަކީ ކުޅުދުއްފުށީ މީހުންނަށް "ހަޖަމް" ކުރަން ދަތިވި ވާހަކައަކަށެވެ. ފަސް އަހަރުގެ މުއްދަތަށް ކައުންސިލަރުން އިންތިހާބުކުރާއިރު ގާނޫނީ އަދަދު ހަމަވެފައި އަދި ސިޓީއެއްގެ ދަރަޖަ ދީފައިވާ ބައެއް ރަށްތަކުގައި ލިބެން ހުންނަ ނުވަތަ އެއަށްވުރެ ރަނގަޅު ހިދުމަތް ކުޅުދުއްފުއްޓަށް ނުލިބި ދިގުލައިދާތީ ރައްޔިތުން ދަނީ ސުވާލު އުފައްދަމުންނެވެ.

" އަސްލު މިއީ ޒާތީކަމެއް. ކުޅުދުއްފުށި ސިޓީއަކަށް ހެދުމަށް ދެކޮޅަށް ބައެއް ރަށްރަށުގެ ސިޔާސީ މީހުން ބޭނުމެއް ނުވޭ. ކުޅުދުއްފުއްޓަށް ވުރެ ހިދުމަތް ދަށް ރަށަށް އެބަހުރި ސިޓީގެ ދަރަޖަ ދީފަ." ސަރުކާރުގައި ޒިންމާދާރު މަގާމެއްގައި އުޅުއްވާ ބޭފުޅަކު ވިދާޅުވި އެވެ.

އޭނާ، މިސާލު ނެގީ ފުވައްމުލަކުންނެވެ. މުވައްމުލަކަށް ސިޓީގެ ދަރަޖަ ލިބިގެންދިޔައިރު އަދި މިހާރުވެސް ކުޅުދުއްފުށިން ލިބޭ ވަރަށް ސިއްހީ ހިދުމަތް ނުލިބޭ ކަމަށެވެ. އެގޮތުން ބައެއް މިސާލު ދައްކަވަމުން އޭނާ ވިދާޅުވީ، ފުވައްމުލަކު ހޮސްޕިޓަލުގައި ޑައިލިސް ހިދުމަތް ފަށާފައިވަނީ މިއަހަރުގެ ފަހު ކޮޅު ކަމަށާ ނަމަވެސް ކުޅުދުއްފުށީގައި އެ ހިދުމަތް ދެމުންދާތާ މިއީ ހަ ވަނަ އަހަރު ކަމަށެވެ. އަތޮޅުތެރޭގައި ހުރި ހަމައެކަނި ކާޑިއެކް ސެންޓަރުވެސް ހުރީ ކުޅުދުއްފުށީގައި ކަން އޭނާ ފާހަގަކުރި އެވެ. އެހެންވުމުން ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ނުލިބި ލަސްވާ ޖެހޭ ސަބަބެއް ނުވިސްނޭކަމަށް އޭނާ ވިދާޅުވި އެވެ.

ކުޅުދުއްފުއްޓަކީ މުޅި ރާއްޖެއަށް ބެލިޔަސް ރަށުގައި ދިރިއުޅުމުގެ އާބާދީ އެންމެ ބޮޑު ރަށެވެ. ފުވައްމުލަކާއި ސ ހިތަދޫއަށް ބެލިނަމަވެސް އެކަން އޮތީ އެހެނެވެ. އައްޑޫ އާއި ފުވައްމުލަކު، ކުޅުދުއްފުއްޓާއި އާސާސީ ހިދުމަތްތަކާއި ތަރައްގީ ގޮތުން މާބޮޑު ތަފާތެއް ނެތެވެ. ހަމައެކަނި ތަފާތީ ގުދުރަތީގޮތުން އޮންނަ ތަފާތެވެ.

ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދިނުމަކީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހް ސިޔާސީ ވައުދުފުޅެކެވެ. ރިޔާސީ އިންތިހާބުގައި ކުޅުދުއްފުއްޓަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ އެމަނިކުފާނު ވިދާޅުވީ ކުޅުދުއްފުށީ ތަރައްގީކުރާނީ އާބަން ސިޓީއެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް މިފަހަރު ސިޓީއެއްގެ ދަރަޖަ ނުދީފިނަމަ އެ ވައުދެއް ނުއުފުއްދޭނެ އެވެ.

ރާއްޖޭގެ ހުރިހާ ކައުންސިލުތަކުގެ ކައުންސިލަރުންނާއެކު ކޮރޮސްރޯޑް މޯލްޑިވްސްގައި ކުރިއަށް ގެންދިޔަ "ވިއަވަތި ރާއްޖެ" މަޝްވަރާ ބައްދަލުވުމުގެ ތެރެއިންވެސް ކުޅުދުއްފުށީ ކައުންސިލްގެ މެންބަރުން ވަނީ އެ ރަށަށް ސިޓީއެއްގެ ދަރަޖަ ދިނުމާއި ގުޅޭގޮތުން ސުވާލު ކުރެއްވި އެވެ.

އަދި ކުޅުދުއްފުށި ސިޓީއަކަށް ބަދަލުވުމުން ދެން އެ އަތޮޅުގެ އަތޮޅުވެރިކަން ކުރާނެ ރަށެއް ކަނޑައަޅާނީ ކިހިނެތްތޯވެސް އަތޮޅު ކައުންސިލްގެ ރައީސްވެސް ވަނީ ސުވާލު ކޮށްފަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވަނީ ކުޅުދުއްފުއްޓަށް ހާއްސަ މަސައްކަތްތަކެއް އެބަހުރި ކަމަށެވެ. އަދި ކުޅުދުއްފުށި ސިޓީއަކަށް ބަދަލުވުން ދެން ކަންވާންވީ ގޮތް ގާނޫނުގައި ސާފުކޮށް އެބައޮތް ކަމަށެވެ.

ކޮންމެއަކަސް ކައުންސިލް އިންތިހާބު ބޯމަތިވެއްޖެ އެވެ. ސިޓީއެއްގެ ދަރަޖަ ނުލިބޭނެކަން އެއޮތީ އިލެކްޝަން ކޮމިޝަނުން ބުނެފަ އެވެ. އެކަމަށް ރައްޔިތުން މިތީބީ ހޭލަ އެވެ. ކޮންމެ ފަހަރަކު ގުނބޯ ހައްދައިގެން ވޯޓް ހޯދޭނެކަމަށް ހީނުކުރާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355