twitterviber whatsapp telegramfacebookyoutube instagram
29th February 2020

ތުވާލި ބަދަލުކުރަން ރަނގަޅީ ކިތައް ދުވަހުން؟

ނަބީލާ އިސްމާޢީލް
Jan 19, 2020

ގައިހިއްކަން ގެންގުޅޭ ތުވާލި ބޭނުންކުރަން އެންމެ ރަނގަޅީ ކިތައް ދުވަހު ހެއްޔެވެ. ނުވަތަ ތުވާލި ބަދަލު ކުރަނީ ކިތައް ދުވަހުން ހެއްޔެވެ. މިއީ ހަމަޔަގީނުންވެސް ގިނަ މީހުންނަށް އެކަށީގެންވާ ޖަވާބެއް ހޯދިފައި ނުވާ ސުވާލަކަށް ވަނީ ވެފަ އެވެ. ގިނަ މީހުން އާންމުގޮތެއްގައި ތުވާލި ދޮންނަނީ ހަފްތާއަކު އެއްފަހަރު އެވެ. ގިނަ ފަހަރަށް ހަފްތާއަކު އެއް ދުވަހުވެސް ދޮންނަނީ ތުވާލިން ތެތްކަން ނުކެނޑި ނުބައި ވަސް ދުވަން ފެށުމުންނެވެ.

ވިސްނޭ ގޮތުގައި ބޭނުންކުރާ ތުވާލި ބޭނުންކުރުމަށްފަހު ތެތްކަން ކެނޑުމުން އަނެއްކާވެސް ބޭނުންކުރަން ރަނގަޅު ކަމަށް ފެނެ އެވެ. ނަމަވެސް މިގޮތަށް ބޭނުންކުރުން މިއީ އެންމެ ރަނގަޅު ގޮތް ހެއްޔެވެ؟

ގިނަ މީހުންނަކީ ދުވާލަކު ދެތިން ފަހަރު ފެންވަރާ މީހުންކަމުން ފެންފުހެން ގެންގުޅޭ ތުވާލި ދެތިން ފަހަރު ބޭނުންކުރުމަށްފަހު ދޮވުން ރަނގަޅު ކަމަށް ސިއްހީ މާހިރުން ބުނެ އެވެ. މިއަށްވުރެން ގިނަފަހަރު ބޭނުންކޮށްފި ނަމަ ތުވާލީގައި ބެކްޓީރިއާ އަށަގަތުމަށް މަގުފަހިވެ ކޮންމެފަހަރަކު ފެންފުހޭއިރު މަރުވެފައި ހުންނަ އެތައް މިލިއަން ސެލްތަކެއް ތުވާލީގައި ހަރުލުމުގެ އިތުރަށް ނުބައިވަސްވެސް ދުވަން ފަށާނެ އެވެ.

އެހެން ކަމުން ތުވާލި ދޮވުމުގެ ކުރިން ދިހަވަރަކަށް މިނެޓް ވަންދެން ތައްޓަކަށް ނުވަތަ ބާލިދީ އަކަށް ފެން އެޅުމަށްފަހު ވިނެގާ އަޅާ ތުވާލި އޭގެ ތެރޭ ބާއްވާލާށެވެ. ދިހަ މިނެޓް ވުމުން ފެނުން ދޮވެލުމަށްފަހު މެޝިނުން ޑިޓާޖެންޓްއެއް ބޭނުންކޮށްގެން ތުވާލި ދޮވެލާށެވެ. އެ އިރުން ތުވާލީގައި ހަރުލާފައިވާ ބެކްޓީރިއާތައް ނައްތާލުމަށް އެހީވެދެ އެވެ.

ގިނަ މީހުންނަކީ މަހަކު އެއްފަހަރު ނުވަތަ ހަފްތާާއަކު އެއްފަހަރުން ތުވާލި ބަދަލު ކުރާ ބައެއް ނަމަވެސް ބެކްޓީރިއާގެ ސަބަބުން ޖެހޭ ބަލިތަކުން ރައްކާތެރިވުމަށް މި އާދަ ބަދަލު ކުރަން އެބަޖެހެ އެވެ. އަދި އެހެން މީހުން ބޭނުން ކުރާ ތުވާލި ބޭނުން ނުކުރުމަށް ވެސް ވަރަށް ސަމާލުކަން ދޭންޖެހެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355