twitterviber whatsapp telegramfacebookyoutube instagram
29th February 2020

ކުދިންގެ އިންޓޯލަށް އެހެން ގޮތެއް!

Jan 29, 2020

ދިވެހިންގެ އަމިއްލަ ވިސްނުމާއި، ރާއްޖެއާ ކައިރި ހިސާބުތަކުންނާއި އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޙިޔާލު ލިބިގެން ދިވެހިންގެ ރަހަތަކާއި އެންމެ ގުޅޭ ގޮތަށް މޮޑެ ބައްޓަންވެގެން އައިސްފާމިވާ ދިވެހި ހެދިކާގެ ދިގު ލިސްޓަކީ ދިވެހިން ފަޚުރުވެރިވާ ފެންވަރުގެ އެއްޗެކެވެ. ދިވެހި ހެދިކާގެ ރަހަ ހަމައެހާވެސް މީރެވެ. ކޮންމެ ދުވަހަކު ކާން ލިބުނަސް މައްސަލައެއް ނެތެވެ. ކިތަންމެ ގިނައިން ލިބުނަސް ހަމަ ހެޔޮވަރެވެ. ނަމަވެސް ކޮންމެ މީހަކުވެސް ކޮންމެ އެއްޗެއްވެސް ކާންވާނީ ވަކިވަރަކަށް ތާއެވެ. ކުޑަކުއްޖަކަސް ބޮޑުމީހަކަސް ތަފާތެއް ނެތެވެ.

ނަމަވެސް ފެންނަމުން މިދަނީ ވަރަށް ތަފާތު މަަންޒަރެކެވެ. ކުރިން ނަން މަޝްހޫރު ދެތިން ގެޔަކުން ހަވީރުގެ ވަގުތު ލިބެމުންއައި ތާޒާ ހެދިކާތައް މިދަނީ އަރައިގެންއަންނަ އިރާއެކު ކަންމަތީ ފިހާރަތަކުގެ ހަރުތަކުން ޖާގަ ހޯދަމުންނެވެ. ކުރިން އެއީ ހަމައެކަނި ހަވީރުގެ ސައެވެ. މިހާރު މަދަރުސާ ކުދިންގެ އިންޓޯލުވެސް މެއެވެ. ވާނީވެސް އެހެންތާއެވެ. މަދަރުސާތަކުގެ އެދުމުގެ މަތިން ކުރިން ދަރިންގެ އިންޓޯލު ދަބަހަށް ލައި އުޅުނު ޕިކްފައިނާއި ސުޕަރިންގް ފަދަ ތައްޔާރީ ކާނާ މިވަނީ މުސްކުޅިކުރަން ޖެހިފައެވެ. ތައްޔާރީ ކާނާޔަށް ނުވާ، އެހެނަސް ކުދިން އެންމެ ގަޔާވާ އެއްޗަކަށް މިހާރު މިރަށުން އެންމެ ފަސޭހައިން ލިބެން މިހުންނަނީ ދިވެހި ހީވާގި، މަސައްކަތްތެރި އަންހެނުންގެ އުފެއްދުންތަކެވެ. ކުދި ވިޔަފާރިތަކަށް ތާއިދުކުރާ، އިޤްތިޞާދީގޮތުން އަންހެނުން ބާރުވެރި ކުރުވަން އެދޭ މީހެއްގެ ހައިސިއްޔަތުން، ހެދިކާ ހަދާ އެންމެހާ ކަނބަލުންނާއި މެދު ފަޚުރުވެރި ވަމެވެ. ތިޔަކުރާ ހިތްވަރަށް ސާބަސްދެމެވެ.

ނަމަވެސް ތިޔައީ ކޮންމެ ދުވަހަކު ދަރިންގެ އިންޓޯލަށް ހެދިކާ ގަންނަ ބެލެނިވެރިޔެއްނަމަ ނިކަން އައްސަވާށެވެ. ބައެއް ބެލެނިވެރިންނަކީ ވަޒީފާތަކުގައި ބުރަކޮށް އުޅޭ މީހުންކަން ދެނަހުރީމެވެ. ދަރިންގެ ހުރިހާ ކަމެއް އަމިއްލަޔަށް ކޮށްދޭންޖެހޭ މީހުންކަންވެސް ދެނަހުރީމެވެ. ހެނދުނު އެންމެ މައިރާ ރޮށިފިހެ ލައިންކާނެ އެއްޗެއް ތައްޔާރުކުރުން ދަތިވެދާނެ ކަންވެސް ދެނަހުރީމެވެ. އެކަމަކު ދަރިންނަށް ދުޅަހެޔޮ ޞިއްހަތަކާއި، އަލިގަދަ މުސްތަޤްބަލަކަށް އެދޭނީވެސް ހަމަ ބެލެނިވެރިންކަން ދެނަހުރީތީ ކޮންމެހެން މިވާހަކަ ދައްކަން ބޭނުންވަނީއެވެ.

ކޮންމެ ދުވަހެއްގެ އިންޓޯލަށްލާ ހެދިކާއިން ލިބިދާނެ ގެއްލުން

އެނގިލައްވާނެ ފަދައިން ދިވެހި ހެދިކާގެ ގިނަވައްތަރު ތަކަކީ ހޫނު ތެލުން ތެލުލައިފައި ހުންނަ އެއްޗެއްސެވެ. ކާއެއްޗެހި ތެލުލުމުން އަންގަޔަށް ކިތަންމެ މީރުވީ ނަމަވެސް އޭގައި އަނދިރި ފަރާތެއްވެސް އެބައޮވެއެވެ.

ފުރަތަމަ ކަމަކަށް، ކާއެއްޗެއް ފިހުމުގެ ބަދަލުގައި ތެލުލުމުން އެއެއްޗެއްގައި އެކުލެވޭ ކޮލޮރީގެ އަދަދު ދެގުނަ ނުވަތަ ތިންގުނަޔަށްވެސް އިތުރުވެގެން އެބަދެއެވެ. ފިހުނު އަލުތްވާއި ފުރެންޗު ފުރައިގެ މިސާލު ނަގާނަމަ، 100 ގުރާމުގެ އަލުތްވެއް ފިހުމުން އޭގައި އެކުލެވޭނީ އެންމެ 93 ކެލޮރީއެވެ. ނަމަވެސް 100 ގުރާމުގެ ފުރެންޗު ފުރައިގައި 319 ކޮލޮރީ އެކުލެވެއެވެ. މިގޮތައް ކޮންމެ ދުވަހަކު ކުދިންނަށް ތެލުލި ހެދިކާ ދޭންވެއްޖެނަމަ އެކުދިންނަށް ބޭނުންވާ މިންރަށްވުރެ ކެލޮރީ އިންޓޭކު އިތުރުވެ، ކުއްޖާ ފަލަވުމަށް މަގުފަހިވާނެއެވެ.

މީގެ އިތުރުން ހޫނުގަދަ ތެލުން ތެލުލުމުގެ ސަބަބުން ހެދިކާގައި ގިނަ އަދަދަކަށް ޓްރާންސް ފެޓު އެކުލެވުންވެސް އެކަށީގެންވެއެވެ. ތަރުކާރީ ތެލާއި ސަންފްލާވާ ތެޔޮފަދަ ގިނަ ތެލަކީ އަމިއްލަ ޒާތުގައިވެސް ޓްރާންސްފެޓު އެކުލެވޭ އެއްޗެއްސެވެ. ހެދިކާ ތެލުލުމަށް ތެޔޮ ހޫނު ކުރާ ކޮންމެ ފަހަރަކު އޭގައި އެކުލެވޭ ޓްރާންސް ފެޓުގެ އަދަދު ދާނީ މައްޗަށެވެ. ޓްރާންސް ފެޓުގެ ސަބަބުން ލޭގައި ނުރަނގަޅު ކޮލެސްޓްރޯލު އިތުރުވެ، ހިތުގެ ބަލިތަކަށް މަގުފައިވެގެންދެއެވެ. އަދި ދިރާސާތައް ދައްކާގޮތުން ހަކުރު ބަލި ޖެހުމުގެ ފުރުޞަތުވެސް ބޮޑުވެދާނެއެވެ.

ދެންއޮތީ ސޮސެޖު ރޯލުގެ ވާހަކައެވެ. ސޮސެޖު ރޯލަކީ ދާދި ފަހުން ދިވެހިންގެ ހެދިކާގެ ލިސްޓަށް ތައާރަފުވީ އެއްޗެކެވެ. މިހާރު ދިވެހިންގެ ތެެރޭގައި ވަރަށް މަޤްބޫލު، ކައިވެނި ބުފޭތަކުންވެސް ފެންނަ އެއްޗެކެވެ. އިންޓޯލަށް ގެންދަން ގަންނަ ހެދިކާ ތެރޭގައި މަދުންނަމަވެސް ހިމެނޭ ބާވަތެކެވެ. ސޮސެޖަކީ އަދި އެހެން ގޮތް ގޮތަށްވެސް ދިވެހިންގެ ކެއުމުގައި ހިމެނޭ އެއްޗެކެވެ.

ވިސްނާލަންވީ ސޮސެޖު ފަދަ ޕްރޮސެސްޑް މީޓުންލިބޭ ގެއްލުމާއި މެދުއެވެ. މިއީ އެކި ކަަހަލަ ކެންސަރުތަކަށް މަގުފަހިކޮށްދޭ ކަމަށް ނަން މަޝްހޫރު އެއްޗެކެވެ. މިފަދަ ތަކެތީގެ ކުލަ ދެމެހެއްޓުމަށާއި އަދި އެހެންވެސް ބޭނުމަށް އޭގައި ނައިޓްރޭޓްސް ކިޔާ މާއްދާއެއް ހިމެނެއެވެ. އަދި ހަށިގަނޑަށް އެތެރެ ވުމުން އެ ނައިޓްރޯސަމައިންސް ކިޔާ މާއްދާއަކަށް ބަދަލުވެއެވެ. ކެންސަރުތަކަށް މަގުފަހިވަނީ މިވިހަ މާއްދާގެ ސަބަބުންނެވެ.

ދެންހަދަންވީ ކިހިނެތް؟

އެއްގޮތަކަށްވެސް ތެލުލި އެއްޗެއް ނުވަތަ ސޮސެޖެއް ނުވަތަ އެއްވެސް ކަހަލަ ހެދިކާއެއްވެސް ދަރިންނަށް ނުދޭކަށް ނުދަންނަވާނަމެވެ. ހެދިކާގެ ތެރޭގައި މަސްރޮށި، ފަދަ ފިހުނު ބާވަތްތައްވެސް އެކުލެވެއެވެ. އަދި އަމިއްލަޔަށް ތައްޔާރުކުރާނަމަ ގުޅަ ބަޖިޔާއަކީވެސް ތެލުލުމުގެ ބަދަލުގައި ފިހެގެން ބޭނުން ކުރެވިދާނެ އެއްޗެއްސެެވެ. އެހެންކަމުން ތެލުލި ހެދިކާޔާ ދުރަށް ޖެހިލުމަކީ ދާދި ފަސޭހައިން ކުރެވިދާނެ ކަމެކެވެ.

ދެވަނަ ކަމަކަށް، އިންޓޯލަށް ކޮންމެ ދުވަހަކު ހެދިކާ ގެންދިޔުމުގެ ބަދަލުގައި، ހަފްތާޔަކު އެއްފަހަރު ގެންދިޔުމަކީވެސް ކުރެވިދާނެ ކަމެކެވެ. އޭރުންވެސް ބައެއްކަހަލަ ހެދިކާއިން ކުދިންނަށް ލިބިދާނެ ގެއްލުމުން އެކުދިން ދުރުކުރެވޭނެއެވެ.

ދެން އޮތްގޮތަކީ ގޭގައި ތައްޔާރު ކުރާ ކޮންމެވެސް އެއްޗެއް ކުދިންގެ އިންޓޯލަށް ދިނުމެވެ. އެގޮތުން ބިސްގަނޑާއި، ކޭކު ފޮޅިއާއި، ރިހާކުރު ފޮޅިއާއި ސޭންޑުވިޗަކީވެސް ގޭގައި ތައްޔާރު ކުރެވިދާނެ، ހެދިކާޔަށްވެސް ފުދޭނެ ތަކެއްޗެވެ. ކުރިންދުވަހު މަސްގަނޑުމޮޑެ، ނުވަތަ ފުއްގަނޑު ގިރާފައި އައިސަލަމާރީގައި ބަހައްޓައިފި ނަމަ ކުޑަ ވަގުތު ކޮޅަކުން މިއެއްޗެހިވެސް ތައްޔާރު ކުރެވިދާނެއެވެ. އޮތީ ރަނގަޅަށް ރާވާ ކުރިއާލައި ކަންކަން ކުރުމެވެ.

މިގޮތަށް ގޭގައި އެއްޗެހި ތައްޔާރު ކުރާނަމަ އޭގައި އެކުލެވޭ ބާވަތްތަކާއި ލޮނާ، ހަކުރާ ތެލުގެ މިންވަރުވެސް ބޭނުންވަރެއްގައި ހިފެހެއްޓޭނެއެވެ. އަދި ކުދިންގެ ޞިއްހަތަށް ބޭނުންވާ ތަރުކާރީގެ ބާވަތްތައް ވެސް ހިމެނޭ ގޮތަށް ކުދިންގެ އިންޓޯލު ބައްޓަން ކުރެވިދާނެއެވެ. އަދި ހެދިކާގަތުމަށްވުރެ މިގޮތް އަގުވެސް ހެޔޮވާނެއެވެ.

އެހެންކަމުން މިހާރަށްވުރެ ބޮޑަށް ދަރިންގެ އިންޓޯލާއި މެދު ވިސްނާ، އުނދަގޫވީނަމަވެސް ކުދިންގެ ޞިއްހަތާއި މެދުވެސް ވިސްނާ ބަޔަކަށް ބެލެނިވެރިން ވާނެކަމަށް އުއްމީދު ކުރަމެވެ.

ލިޔުނީ: ނޫނުހާ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355