twitterviber whatsapp telegramfacebookyoutube instagram
29th February 2020

ނެއްލައިދޫގެ ގެތަކުގެ ފާރުކައިރީގައި ރީތި މާގަސް، ހިތަށް ފިނިކަން!

Feb 6, 2020
3

ރަށުތެރެއަށް އަރާ ހިނގާލުމާއެކު ފެންނަމުންދަނީ ގެތަކުގެ ފާރު ބުޑުގައި ހައްދާފައިހުރި ރީތި މާ ގަސްތަކެވެ. އެކި ކުލައިގެން މާ ގަސްތަކުން ރަށަށް މާ ނަލަ ހިތްގައިމުކަމެއް ފެތުރިފައި ހުއްޓެވެ.

މިއީ ހދ ނެއްލައިދޫ އެވެ. މިރަށަށް އެރުމާއެކު އެންމެ ފަސޭހައިން ލޮލުގައި އަޅައިގަންނާނީ މި މާ ގަސްތަކެވެ. އެކި ކުލައިގެ ރީތި މި މާ ގަސްތަކުން ހިތަށް ފިނިކަން ގެނެސްދެ އެވެ.

އާންމު ގޮތެއްގައި ގިނަ ގެތަކުގެ ބޭރު ފާރުގައި މާ ގަސް އިންދާފައި ހުރިއިރު ބައެއް ގެތަކުގެ ބޭރުގައި ކޮޕީ ފަތް ފަދަ ކެއުމަށް ބޭނުންކުރާ ބައެއް ފަތްޕިލާވެލި އިންދާފައި ހުރިކަން ފާހަގަކުރެވުނެވެ.

ބައެއް މީހުން މިގޮތަށް ގަސް އިންދަނީ ފޫހިފިލުވާލުމުގެ ގޮތުންނެވެ. ގެ ކައިރީ ނުވަތަ މަގު ޒީނަތް ކުރުމުގެ ގޮތުން ގަސް އިންދާ މީހުންވެސް އުޅެ އެވެ. ކޮންމެ އަކަސް މިގަސްތަކުން ރަށަށް އިތުރު ފުރިހަމަކަމެއް ގެނެސްދެ އެވެ.

އެންމެ ގިނައިން ހައްދާފައި ހުންނަނީ ކުދި މިރިހި އާއި އެކި ކުލައިގެ މަތަރެސް މަލާއި، އަސުރުމާ އަދި މަލިކުރުވާ އެވެ. އެކަމަކު ބައެއް ގެތަކުގައި ފާރު ކައިރީގައި ގަދަކޯޅި އާއި ކޮޕީ ފަތް އަދި ބޭސް ގަދަކޯޅި އާއި ކުޅަށްފިލާ ފަތް ހައްދާފައި ހުއްޓެވެ.

މިއީ ނެއްލައިދޫ ނޫނަސް ބައެއް ރަށްރަށުން ފެންނަ ވަރަށް ހިތްގައިމު މަންޒަރެކެވެ. އެކަމަކު އެރަށުގައި ހައްދާފައި ހުންނަހާ ތަރުތީބުން ރީތިކޮށް ގަސް ހައްދާ ރަށްތައް މަދުވާނެ އެވެ. ކޮންމެއަކަސް މި މާ ގަސްތަކުން މަގުތަކަށް އުޖާލާ ކަމާއި ރީތިކަން ގެނެސް ހިތަށް ފިނިކަން ގެނެސްދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355