twitterviber whatsapp telegramfacebookyoutube instagram
29th February 2020

ޤާނޫނީ ކޮލަމް: ވިސްލް ބްލޯކުރުން ނުވަތަ ކަށިގަނޑު ފުމެލުމަކީ ކޮބާ؟

Feb 13, 2020

އެކުގައި މަސައްކަތްކުރާ މުވައްޒަފަކު، އޮފީހުގެ ވަތްގަނޑުން ފައިސާ ނަގައިގެން އަމިއްލަ ކަމަކަށް ބޭނުންކުރިކަން އެނގިފައިވޭތޯ؟ ނުވަތަ ވެރިމީހާ، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިމީހަކަށް ވަޒީފާއެއް ހަމަޖައްސައިދިންކަން އެނގިފައިވޭތޯ؟ ނުވަތަ ރަށުގައި ވެލިނެގުން މަނާ ސަރަޙައްދަކުން ވެލިނެގިކަން އެނގިފައިވޭތޯ؟ މިފަދަ ނޭދެވޭ ޢަމަލުތަކުގެ ޚަބަރު ލިބުމުން، ދެން ކަންތައްކުރަންވީ ކިހިނެއްކަމާމެދު ޤާނޫނީ ނަޒަރަކުން ބަލާލަމާތޯއެވެ.

ވިސްލްބްލޯކުރުން ނުވަތަ ކަށިގަނޑު ފުމެލުން

ސަރުކާރުގެ އިދާރާއެއް، ނުވަތަ އަމިއްލަ އޮފީހެއް، ނުވަތަ އެފަދަ ތަނެއްގެ މުވައްޒަފަކު، ނުވަތަ ވަކިފަރުދަކު ނަމަވެސް، ކުރާނޭދެވޭ ޢަމަލެއްގެ މަޢުލޫމާތު ލިބުމުން، އެކަމުގެ ޚަބަރު ކަމާބެހޭ ފަރާތްތަކާއެކު ޙިއްޞާކުރުމަކީ ވިސްލްބްލޯކުރުން، ނުވަތަ ކަށިގަނޑު ފުމެލުމެވެ. ތިމާއަށްލިބޭ މަޢުލޫމާތެއްގެ ސަބަބުން، ނޭދެވޭ ޢަމަލެއް ހިނގައިފިކަމަށް، ނުވަތަ ހިނގަމުންދާކަމަށް، ނުވަތަ ހިނގާފާނެކަމަށް ޤަބޫލުކުރެވޭނަމަ، އެހިސާބުން ލިބުނު މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދޭންވާނެއެވެ.

ވިސްލްބްލޯ ކުރެވޭނެ ފަރާތްތައް

ނޭދެވޭ ޢަމަލެއްގެ މަޢުލޫމާތު ލިބިއްޖެނަމަ، ވިސްލްބްލޯކުރުމުގެ ޙައްޤު، ސަރުކާރުގެ މުވައްޒަފަކަށްވެސް، ނުވަތަ އަމިއްލަ އޮފީހެއްގައި މަސައްކަތްކުރާ މުވައްޒަފަކަށްވެސް، ނުވަތަ ކުންފުންޏެއްފަދަ އަމިއްލަ ނަމުގައި ދަޢުވާކުރުމާއި، ދަޢުވާލިބިގަނެވޭ ކޮންމެ ފަރާތަކަށްވެސް ވިސްލްބްލޯ ކުރެވިދާނެއެވެ. ނުވަތަ ކަށިގަނޑު ފުމެލެވިދާނެއެވެ. އެފަދަ ތަނެއްގެ ދާއިމީ ނުވަތަ ވަޤުތީ މުވައްޒަފެއްނަމަ، ނުވަތަ ވަޒީފާއިން ވަކިވިތާ ދެއަހަރު ނުވާކަމުގައިވާނަމަ ވިސްލްބްލޯ ކުރެވޭނެއެވެ. މީގެއިތުރުން ނޭދެވޭ ޢަމަލުގެ މަޢުލޫމާތު ދޭފަރާތަކީ، ކޮންފަރާތެއްކަން ނޭނގޭގޮތަށްވެސް މަޢުލޫމާތު ހުށަހެޅޭނެއެވެ. ވިސްލްބްލޯކުރެވޭނީ އެޢަމަލެއް ހިންގިތާ ދެއަހަރުވެފައިނުވާ ޢަމަލުތައްކަމުން، އެޢަމަލެއް ހިންގިތާ ދެއަހަރުވުމުގެކުރިން ވިސްލްބްލޯކުރުމަކީ، ނުވަތަ ކަށިކަނޑު ފުމެލުމަކީ ވަރަށް މުހިންމުކަމެކެވެ.

ނޭދެވޭ ޢަމަލުގެ މަޢުލޫމާތު ހުށައެޅުން

ނޭދެވޭ ޢަމަލުގެ މަޢުލޫމާތު، ކަމާބެހޭ އިދާރާއަށް ޙާޟިރުވެހުރެގެންވެސް ދެވިދާނެއެވެ. ނުވަތަ ސިޓީއާއި ފޯނުކޯލާއި، ހުރިހާ ބާވަތެއްގެ މެސެޖުންވެސް ޙިއްޞާކުރެވޭނެއެވެ. މީގެއިތުރުން ވީޑިއޯ، ނުވަތަ އޯޑިއޯގެ ޒަރީޢާއިންނާއި، އިންޓަރނެޓް މެދުވެރިކޮށްވެސް އެފަދަ މަޢުލޫމާތު ހުށަހެޅިދާނެއެވެ.

ވިސްލްބްލޯކުރުމުގެ މުހިންމުކަން

ނޭދެވޭ ޢަމަލެއް ތަޙްޤީޤުކުރެވި އެކަމުގައި ޒިންމާވާ ފަރާތް، ނުވަތަ ފަރާތްތައް ޤާނޫނުގެ ކުރިމައްޗަށް ގެނެވޭނީ، އެފަދަ ޢަމަލުތަކުގެ މަޢުލޫމާތު ލިބިގެންކަން، މިއީ ދެބަސްވެވެންނެތް ޙަޤީޤަތެކެވެ. ނެދެވޭ ޢަމަލެއްގެ މަޢުލޫމާތު ލިބުމުން، އެމަޢުލޫމާތު ކަމާބެހޭ ފަރާތްތަކާއި ޙިއްޞާކުރުމަކީ އެފަދަ ޢަމަލުތައް ކުރުމަށްއެޅޭ ހުރަހެކެވެ. ކަމާބެހޭފަރާތާއި ޙިއްޞާކޮށް، ނޭދެވޭ ޢަމަލު ތަޙްޤީޤުކުރެވި، އެޢަމަލާމެދު ޖަވާބުދާރީ ވާންޖެހޭނެކަން އެނގުމަކީ، އެފަދަ ޢަމަލުތައް ހިންގުމަށް ފަސްޖެހޭނެކަމަކަށް ވާނެއެވެ. ވިސްލްބްލޯކުރުމަކީ އާދައެއް ކަމުގައިވެއްޖެނަމަ، ސަރުކާރާއި އަމިއްލަ ހުރިހާ އިދާރާތަކުގެމެދުގައި، އެފަދަ ޢަމަލުތަކަށްދެވޭ ޖާގަ ނައްތާލާ، އެފަދަ ނޭދެވޭ ޢަމަލުތައް ރިޕޯޓުކޮށް ހުއްޓުވިދާނެއެވެ.

މިސާލަކަށް، ތިފަރާތުން ވަޒީފާއަދާކުރާ އޮފީހުގައި ތަށިމުށިޖެހުމުގެ މަސައްކަތްކުރުމަށް ބަޔަކާ ޙަވާލުކުރުމަށް ބީލަމަށްލާފާނެއެވެ. ނަމަވެސް، އޮފީހުގެ ވަކިބަޔަކަށް އެކަމުން ނާޖާއިޒު ފައިދާއެއް ލިބިގަތުމުގެ މަޤްޞަދުގައި، އެންމެ ރަނގަޅު ޕްރޮޕޯޒަލެއް ހުށަހެޅި ފަރާތްނޫން އެހެންފަރާތަކަށް އެމަސައްކަތް ޙަވާލުކޮށްފާނެއެވެ. މީގެއިތުރުން ތިފަރާތަށްވެސް އެނޭދެވޭ ޢަމަލުގައި ބައިވެރިވުމަށާއި ފައިދާވާނެކަމަށްބުނެ، އެކަމުގައި ބައިވެރިވުމަށް ދަޢުވަތުދީފައި އޮވެދާނެއެވެ. މިއީ ވިސްބްލޯކުރަން، ނުވަތަ ކަށިގަނޑު ފުމެލަންވީ ޙާލަތެކެވެ.

ނިންމުން

މިފަދަ ނޭދެވޭ ޢަމަލުތަކުގެ ޚަބަރުލިބި، ނަމަވެސް ތިމާއާއި ނުބެހޭކަމަކަށް ހަދާފައި، ނުވަތަ އެކަމެއްކުރީ ތިމާ ހިތްރުހޭ މީހެއްކަމުން، އެކަން ކަމާބެހޭފަރާތްތަކާ ޙިއްޞާނުކޮށް ތިބުމަކީ، އެފަދަ ޢަމަލުތަކަށްދެވޭ ހިތްވަރެކެވެ. ވީމާ، ނޭދެވޭ ޢަމަލެއްގެ މަޢުލޫމާތު ލިބުމުން ކަށިގަނޑު ފުމެލަމާތޯ؟

ލިޔުނީ: އަލްއުސްތާޛާ ޠާހިރާ ޢުމަރު

އަލްއުސްތާޛާ ޠާހިރާ ޢުމަރުއަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ. މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355