twitterviber whatsapp telegramfacebookyoutube instagram
19th September 2019

“ސިޔާސީ” ދާއިރާއަކީ ނަމާއި އެއްފަދަ ހުތުރު ދާއިރާއެއްބާ؟

Jun 9, 2011

ޢަލީ އާދަމް

ސިޔާސީ ދާއިރާއަކީ އަޅުގަނޑުމެން އެންމެންވެސް މިހާރަކަށްއައިސް ވަރަށް ރަނގަޅަށް ދަންނަ ދާއިރާއެކެވެ. މިދާއިރާގައި އުޅޭ މީހުންނާއި އެމީހުންގެ އުޅުމާއި މިޒާޖު ހުންނަގޮތާއި އެމީހުންގެ މައިގަނޑު މަޤްޞަދަކީ މިހާރު ދިވެހިންނަށް އޮޅިފައި އޮތް ކަމެއްނޫނެވެ. މިދާއިރާގައި އުޅޭ ގިނަ މީހުންނަކީ ފިލްމް ސްޓާރުންނަށް ވުރެވެސް އެކްޓިން އަށް ކުޅަދާނަ ބައެކެވެ. މިމީހުން ޖައްސާ ޑްރާމާތަކުން ރައްޔިތުންނަށް ދޮންކަޅުވެސް ނޭނގޭނެކަމަށް މިބައިމީހުން ހީކުރަނީވެސް ކަންނޭނގެއެވެ.

ނިމިދިޔަ އަހަރު ބޮލީވުޑުން ނެރުނު ފިލްމް “ރާޖްނީތީ” އަކީ ސިޔާސީ ދާއިރާގެތެރޭ ހިންގޭ އެތައްގިނަ ޖަރީމާތަކެއް ފެނިގެންދާ ފިލްމެކެވެ. އިންސާނިއްޔަތާއި ހިލާފް އެތައްކަމެއް ފެނިގެންދާ ފިލްމެކެވެ. މިފިލްމުން ފެނިގެންދާ ފަދަކަންތައްތަކެއް އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުން ނުފެނުނު ކަމުގައިވިޔަސް، ވަރަށްވެސް ތަފާތު ޖަރީމާތައް މިކުޑަކުޑަ ދިވެހިޤައުމުގައިވެސް ހިނގަމުންދެއެވެ. ރައްޔިތުންގެ ލޮލުގައި އަދުންއެޅުވުމުގެ ގޮތުން ދޮގުހަދާ އޮޅުވާލުންތަށް އޮޅުވާލަމުން ދެއެވެ. މަދުންނަމަވެސް މިދާއިރާގައި ތެދުވެރިން އުޅުނަސް ގިނައީ ދޮގުވެރިންނާއި ބޭވަފާތެރިންނެވެ. އެބައިމީހުން ބޭވަފާތެރި ވަނީ އެބައިމީހުންނަށް އިތުބާރު ކޮށްގެން ތިބި ރައްޔިތުންނަށެވެ. މިސަބަބަށްޓަކައި މިދާއިރާގައި ހެޔޮހިތުން މަސައްކަތްކުރާ ތެދުވެރިއަކަށްވެސް މިހާރު އިތުބާރުނޯވެއެވެ.

ފަހަކަށް އައިސް ރާއްޖޭގެ ސިޔާސީ ދާއިރާއަކީ ފައިދާބޮޑު ވިޔަފާރި އަކަށް ވެސް ވެއްޖެއެވެ. އެބައިމީހުން ވިޔަފާރި ކުރަނީ އެބައިމީހުންގެ ނަފްސާއި ޢީމާންތެރި ކަމުންނެވެ. ބޮޑުއަގުގައި ޢީމާންތެރިކަމާއި ނަފްސު ވިއްކާފައި، ދުނިޔެމަތީ ލިބޭ ކުޑަ އުފަލަކާއި އަރާމެއްގެ ބޭނުން މިބައިމީހުން ހިފަމުން ދާއިރު ހިތަށް ހަމަ ކުޑަވެސް އެއްޗެއް ނާރަނީބާ އެވެ؟ މިފަދަ ދަށުދަރަޖައިގެ އަމަލުތަށް ހިންގާއިރު މިބައިމީހުންނަށް މިކުޅެވެނީ ކިތަށް ރައްޔިތުންގެ ހައްޤާއިކަން ވިސްނައި ނުލެވެނީ ބާއެވެ؟ ނޫނެކެވެ. ހަމަ އަމިއްލަ އެދުން އިސް ކުރެވެނީއެވެ.

ރާއްޖޭގެ “ޕޮލިޓިކަލް ޕްލޭޔަރުންގެ” ޓްރާންސްފަރ މަރކެޓާއި އެމަރކެޓްގެ އަގުތަކާއި އިނާޔަތްތަކަކީ މިހާރު އެންމެން ދަންނަ ބޮޑެތި ސިއްރުގެ ތެރޭހިމެނޭ ކަންކަމެވެ. މިމަރކެޓްގައި މިހާތަނަށް ހަރަކާތްތެރި ވަމުން ދަނީ މަދުފަރާތް ތަކަކަށް ވިޔަސް، ކުރިއަށް އޮތްތާ މިމަރކެޓް ފުޅާވެ އިތުރު ފަރާތްތަކެއް މިކަމުގެތެރެއިން ފެނުމީ ދުރުގާވާކަމެއް ނޫނެވެ. ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުގެ އިތުރުން އިދިކޮޅު ފަރާތްތަށްވެސް މިކަމުގެތެރެއިން ފެނިގެން ދާނެއެވެ.

ރާއްޖެއަކީ ޑިމޮކްރެސީގައި މުޅިދުނިޔެއަށް ނަމޫނާއަކަށް ވާނޭކަމަށް އުންމީދު ކޮށްގެން، އަޅުގަނޑުފަދަ ކިތައް ރައްޔިތުން މިރާއްޖޭގައި ތިބޭނެ ނޫންތޯއެވެ؟ ނަމަވެސް ހިތާމައާއި އެކު ބުނެލަން ޖެހޭނީ ރާއްޖެވެސް މިހިމެނުނީ ޑިމޮކްރެސީ ގެ ސަބަބުން ފަސާދަ ވަމުންދާ ޤައުމު ތަކުގެ ތެރޭގައި ކަމަށެވެ. ހަމަ ސިޔާސީ ދާއިރާގައި އުޅޭބައެއް ބޭފުޅުންގެ އަމިއްލަ އެދުމުގެ ސަބަބުންނެވެ. ވަކި ޕާޓީއެއް ވަކި ޖަމާއަތެއް އިސްތިސްނާ ނުވާފަދައިންނެވެ. މިފަދަ ހަޑިމުޑުދާރު ކަމުން މިރާއްޖޭގެ ސިޔާސީ މައިދާން ސާފުކޮށްދެއްވާތޯ ދުޢާކުރެވޭ ހާލު، ހިތަށް އަރާ އެކައްޗަކީ “ސިޔާސީ” ދާއިރާ އެއީ އޭގެ ނަމާއި އެއްގޮތަށް ހަޑި މުޑުދާރު ވާންޖެހޭ ދާއިރާއަކީ ބާއެވެ؟

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355